ޔުނިވާސަލް ހެލްތް އިންޝުއަރެންސް ސްކީމް، އާސަންދައަށް ސަރުކާރުން ކަޑައަޅާފައިވާ ބަޖެޓު 200 މިލިއަނެއްހާ ރުފިޔާއިން ޑެފިސިޓްވާނެ ކަމަށް އެންސްޕާގެ ޗެއާމަން ތޯރިގު އަލީ ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ތޯރިގު މިއަދު ވިދާޅުވީ 520 މިލިއަން ރުފިޔާގެ ބަޖެޓެއް އާސަންދަ ހިންގަން ކަނޑައަޅާފައި އޮތް ނަމަވެސް އެ ހިދުމަތް ހޯދާ މިންވަރަށް ބަލާއިރު ހަރަދު 900 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. އާސަންދަ ފުރަތަމަ ބައްޓަންވެގެން އައީ ތިން ލައްކައަށް ވުރެ ގިނަ ރައްޔިތުންނަށް ބޮލަކަށް 2750ރ. މަގުން ބޭސްފަރުވާ ފޯރުކޮށްދިނުމަށް ކަމަށާއި ނަމަވެސް މިހާރު ދުވަހަކަށް ތިން މިލިއަނެއްހާ ރުފިޔާ ސްކީމުން ހަރަދުވާ ކަމަށް ވެސް އެނާ ވިދާޅިވި އެވެ.

"200 މިލިއަން ވަރުގެ ޑެފިސިޓެއް އެބައުޅޭ. ހެލްތް އިންޝުއަރެންސާ ގުޅޭ ގާނޫނު ބުނާގޮތުން ޑައުން ފޯލެއް އައިސްފިއްޔާ ފިނޭންސުން ފައިސާ ދޭން އެބަޖެހޭ. ދެން މިހާރު ސުވާލަކީ ދައުލަތުގެ މާލިއްޔާއިން އެވަރުގެ ހަރަދެއް ކުރެވޭނެތޯ މިއީ ސުވާލެކޭ! މިގޮތަށް ހަރަދު އިތުރުވަންޏާ އަޅުގަނޑުމެންނަށް މިއަދު އޮތީ ދެ ގޮތެއް. އެއީ މިވަރުގެ އަދަދެއް ފުދޭކަމަށް ވާނަމަ މިހާރުވެސް އޮތްގޮތަށް ކުރިއަށް ގެންދިޔުން. އަނެއް ގޮތަކީ ނުފުދޭ ކަމަށް ވާނަމަ މި ސްކީމް ކޮންޓްރޯލް ކުރަން ހުރި މެސާސްތައް ނެގުން. އާންމުކޮށް މިކަހަލަ ސްކީމެއްގައި ކޮންޓްރޯލް މެސާޒްތައް ގެންގުޅޭ ގޮތަށް ކޮންޓްރޯލް މެސާޒްތައް ނެގުން. އަޅުގަނޑުމެން މި އިޝޫޒްތަކަށް ކޮންމެވެސް ހިސާބަކުން އެޑްރެސް ކުރަން އެބަޖެހޭ،" ތޯރިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ބޮޑު ބަލިމަޑުކަމެއް ނުފެތުރި އާސަންދައިން އެއްލައްކަ ފަންސާސް ފަސްހާސް މީހުން ހިދުމަތް ހޯދާފައިވާ ކަމަށާއި މިއީ ވަރަށްބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ހިދުމަތް ހޯދާ މީހުންގެ އަދަދު އަދިވެސް ދަށަށް ނުދާ ކަމަށާއި ސްކީމްގެ ބޭނުން ހިފާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ބަދަލުތަކެއް ނުގެނެސް ސްކީމް ސަސްޓެއިން ކުރެވެން ނެތް ކަމަށެވެ.

"އަނެއްކާ މުޅި ހަރަދުގެ 66 ޕަސެންޓް މިދަނީ އައުޓްޕޭޝަންޓް ހެލްތް ކެއާ. މިފަދަ ސްކީމެއްގެ މަގުސަދަކީ ހެލްތް ކެއާއިން އާއިލާތަކަށް ލިބޭ އިގްތިސޯދީ ގޮންޖެހުމަށް ލުޔެއް ހޯދަދިނުން. އެހެންވީމަ އެމީހުން ތިބޭނީ އިމްޕޭޝަންޓުންނަށް ޑިޕެންޑްވެފައި. އެއާއެކު މިދަންނަވާ 65 ޕަސެންޓްގެ 75 ޕަސެންޓް މިދަނީ ސަރުކާރުގެ ހޮސްޕިޓަލުތަކަކަށް ނޫން. ޕްރައިވެޓް ތަންތަނާ ކުލިނިކްތަކާ މިގޮތަށް. އެހެންވީމަ މިގޮތަށް މިޓްރެންޑް ހުރިއްޔާ ޑިސެމްބަރާ ހިސާބުގައި ހަރަދު އެއް ބިލިއަނަށް އަރާނެ،" ތޯރިގު ވިދާޅުވި އެވެ.

ކޮމެޓީގެ ސުވާލުކުރުމުގެ ފުރުސަތުގައި ވެސް ގިނަ މެންބަރުން ފެންމަތިކުރެއްވި ސުވާލަކީ އެއް ހަމައަކުން ޕްރައިވެޓް ކުލިނިކްތަކަށް އާސަންދަ ހުޅުވާލާފައި ނުވާ މައްސަލަ އެވެ. އަދި އެކަން އަވަސްކޮށް ދެއްވުމަށް މެންބަރުން އެދިވަޑައިގަތެވެ. އެ ވާހަކަތަކަށް ރައްދުދެއްވާ ތޯރިގް ވިދާޅުވީ އެކަމަށް ވަގުތު ބޭނުންވަނީ ވަކި އުސޫލެއްގެ ދަށުން އެކަން ކުރުމަށް ކަމަށާއި އާސަންދަ ބައްޓަންކުރެވިފައި އޮތީ ވެސް ގާނޫނު އަސާސީން ލިބިދޭ ބައެއް ހައްގުތަކާ ވެސް ފުށުއަރާ ގޮތަށް ކަމަށެވެ.

ކޮމެޓީ ނިންމާލައްވަމުން މުގައްރިރު އަދި ދިއްގަރު ދާއިރާގެ އަހުމަދު ނާޒިމް ވިދާޅުވީ ޕްރައިވެޓް ކުލިނިކްތަށް ބައިވެރިކުރުމުގެ މަސައްކަތް އަވަސްކޮށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އާސަންދަ ރަނގަޅު ކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަށް އަވަހަށް މަޖިލީހަށް ފޮނުއްވުމަށް ވެސް އެދިވަޑައިގަތެވެ. އަދި ވިދާޅުވީ އައިއެމްއެފުންވެސް ވަނީ އާސަންދަ ހިނގާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފައި ކަމަށެވެ.