ހޯރަފުށީ ގައި ތެލުގެ ވިޔާފަރި ކުރަމުން ދިޔަ އެރަށު ސީވިއު، ހުސެއިން މުހައްމަދު މަނިކު )ހުސޭނުބޭ) ގެ މަރުގެ މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ލިބޭ ތިން މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި މީހުންގެ ތެރެއިން ތިން މީހެއްގެ ހެކިބަސް މިއަދު ނަގައިފި އެވެ.

ޓެރަރިޒަމްގެ ދައުވާއާއި ގުޅޭ ހެކިބަސް މިއަދު ނެގިއިރު ނަގާފައި ހެކި ސިއްރު ނުކޮށެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ސިއްރުން ހެކިބަސް ނަގަންޖެހޭ ހެކިން ވެސް އެބަތިބި ކަމަށާއި ނަމަވެސް ފުރަތަމަ ހެކިބަސް ނަގާނީ ފާޅުގައި ހެކިބަސް ހޯދަން ޖެހޭ ފަރާތްތަކުގެ ކިބައިން ކަމަށެވެ.

މި ދައުވާގައި ހެކިބަސް ނެގުމަށްޓަކައި މީގެ ކުރިން ވަނީ ދެ ޝަރީއަތުގެ މަޖިލީހެއް ބާއްވާފަ އެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ހެކިބަސް ނެގި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން އަބްދުލް ހަމީދު އަހުމަދު ބުނެފައި ވަނީ އޭނާއަކީ އެރަށު ބޮޑުރިޔާގޭ ވެރި މީހާ ކަމަށާއި އޭނާ އެރަށު އެހެން ގެއެއްގައި ހުއްޓާ އަހުމަދު އިބްރާހިމާއެކު ފުލުހުން ގޮސް ބޮޑުރިޔާގެ ހުޅުވައި ދިނުމަށް އެދުމުން އޭނާ އެމީހުންނާއެކު ބޮޑުރިޔާގެއަށް ދިޔަ ކަމަށާއި އެގޭ ތެރޭގައި އޮތް ޖެކެޓެއް ފުލުހުންނަށް ދެއްކުމަށް ފަހު އެއީ "ހުސޭނުބޭ މަރާލި އިރު" ލައިގެން ހުރި ފިނި ހެދުން ކަމަށް އަހުމަދު އިބްރާހިމް ބުނި ކަމަށެވެ. އަދި ބުނީ ހުސޭނުބޭ މަރާލުމަށް ފަހު ދަމުން ޖެކެޓު ބޮޑުރިޔާގެ އަށް އެއްލާލީ ކަމަށް އޭނާ ބުނި ކަމަށެވެ.

އެ ތިން މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ސެޕްޓެންބަރު 27، 2010 ދުވަހުގެ ރޭ އެ މީހުން ހުސޭނުބޭ ރަހީނުކޮށްގެން ގެންގުޅެނިކޮށް ހުސޭނުބޭ މަރުވެފައިވާތީ އެވެ.

މީގެ އިތުރުން ހުސޭނުބޭގެ ގެއިން ވައްކަންކުރި ކަމުގެ ތުހުމަތުގައި އެތިން މީހުގެ މައްޗަށް ވަނީ ވައްކަންކުރުމުގެ ކުށުގެ ދައުވާ ވެސް އުފުލާފައެވެ. އެ މައްސަލައިގައި ވެސް ދެން އޮންނާނީ ހެކިބަސް ނެގުމެވެ.

އެތިން މީހުންގެ މައްޗަށް ވައްކަން ކުރުމުގެ ކުށުގެ ދައުވާކޮށްފައި ވަނީ ސެޕްޓެންބަރު 27، 2010، ވަނަ ދުވަހުގެ ރޭ 11:00ގައި ހުސޭނުބޭގެ ގެއިން ވައްކަންކުރިކަމުގެ ތުހުމަތުގަ އެވެ.
ހުސޭނުބޭގެ ގެއިން ވަގަށް ނަގާފައި ވަނީ 100000ރ. އަށް ވުރެ ގިނަ ރުފިޔާ އާއި 1000 ވުރެ ގިނަ އެމެރިކާ ޑޮލަރާއި 20 ޔޫރޯ އާއި 11 ޕައުންޑާއި 10 އިންޑިއަން ރުޕީޒްއެވެ.