އަމިއްލަ ދަރިފުޅު ކަމުގައި ވީނަމަވެސް ކުށް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު ދޭން ޖެހޭނެކަމަށް އަނިޔާވެރިގޮތަކަށް އަންހެނަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ އަލީ ޝާހިލްގެ ބައްޕަ އިބްރާހީމް ނަސީމް ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް ހ. ޝީރީން ވިލާގޭގެ ނުވަ ވަނަ ފަންގިފިލާގައި މީހަކު މަރާލާފައި އޮތް ކަމަށް އެރޭ 23:18ގައި ފުލުހުންނަށް އާންމު ފަރާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ހާދިސާ ހިނގި ހ. ޝީރީން ވިލާގޭގެ ނުވަ ވަނަ ފަންގިފިލާއަށް ފުލުހުން ދިޔައިރު ޏ. ފުވައްމުލައް، މާދަނޑު، ކުރި، ޝިއާއު މުޙައްމަދު ސަޢީދު އޮތީ މަރާލާފައެވެ.

ޝިއާއުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލް، 22އެވެ. އެ ހާދިސާ ހިނގިރޭ އެ ގެއިން ޝާހިލް ނެރެގެން ގެންގޮސްފައިވަނީ އެރޭ ދަންވަރު 1:25 ގައެވެ.

ޝިއާއުގެ އަނިޔާވެރި މަރާ ގުޅިގެން މިހާތަނަށް ތުހުމަތުކުރެވޭ ހަމައެކަނި މީހަކީ ޝާހިލްއަށް ވާއިރު އޭނާގެ ބަައްޕަ، ނަސީމް މިރޭ "ސަން"އަށް ބުނީ އެ އަނިޔާވެރި ކުށް އޭނާގެ ދަރިފުޅުގެ މައްޗަށް ސާބިތުވާނަމަ މަރުގެ އަދަބު ދޭން ޖެހޭނެކަމަށެވެ.

"އަޅުގަނޑުގެ ދަރިފުޅަށް ވިޔަސް އެފަދަ ކަމެއް ކުރިކަން ސާބިތުވެއްޖެއްޔާ އަދަބު ލިބެންޖެހޭނެ. އެހެންވީމަ އޭނާ އެކަން ކޮށްފިކަން ސާބިތު ވެއްޖެނަމަ 100 ޕަސެންޓް އޭނާއަށް މަރުގެ އަދަބު ދޭން އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް،" ޝާހިލްގެ ބައްޕަ ބުންޏެވެ.

އެ އަނިޔާވެރި ގަތުލާ ގުޅިގެން ޝާހިލްގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ޝާހިލް ހައްޔަރު ކޮށްގެން ހާދިސާ ހިނގި ރޭ އެންމެ ފުރަތަމަ ގެންދިޔައީ ގަލޮޅު ޕޮލިސް ސްޓޭޝަނަށެވެ. އަދި ފަހުން އޭނާ ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.

ޝިއާއުުގެ ހަށިގަނޑު އެރޭ ދަންވަރު ފުލުހުން ވަނީ ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ. ހާދިސާ ހިނގި ސަރަހައްދުގައި ތިބި "ސަން"ގެ ނޫސްވެރިން މައުލޫމާތު ދިން ގޮތުގައި އެމްބިއުލާންސަށް އެރުވީ ދެ ބޮޑީބޭގެއް ވަކިންނެވެ. ފުލުހުން މިހާރު ވަނީ ޝިއާއުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައެވެ.

އެނގިފައިވާ ގޮތުގައި ހަމަލާގައި ޝިއާއުގެ ހަށިގަނޑުގެ ބައިތައް ވަނީ ވަކިކޮށްލާފައެވެ. އެގޮތުން، އޭނާގެ ބޮލާއި އަތާއި، ފައި އެއްކޮށް ބުރިކޮށްލާފައިވާއިރު، ކަރަށް ވެސް ވަނީ ފުން ހަމަލާތަކެއް ދީފައެވެ.