09 Aug 2022, 20:28
އެކި ކުންފުނި ތަކުގެ ނަމުގައި ފޭކް ބުކިން ހަދައި، ގެސްޓް ހައުސްތަކަށް ޗެކިންވި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ގދ. ފަރެސްމަތޮޑާ، ޗަނބޭލީގެ އިޝްފާއު ޢަބްދުﷲ މުފީދު،20، އާއި އެރަށު ސަންރައިޒް، ޠާއިފް ތައުފީގު،22، އެވެ.
އެމީހުން ހައްޔަރުކުރީ މަކަރާއި ހީލަތް އަދި ފޯޖަރީގެ ތުހުމަތުގައެވެ. ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ދީފައިވަނީ ފަސް ދުވަހެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތް ނިންމި ކޯޓު އަމުރުގައިވާގޮތުން ދެ މީހުންގެ މައްޗަށް ވެސް ތުހުމަތު ކުރެވޭވަރަށް ހެކި ހުށަހަޅާފައިވެއެވެ. އެހެންވެ، ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ދެ މީހުން ބަންދުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށް އެ އަމުރުގައިވެއެވެ.