28 Mar 2012, 15:53
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މުވައްޒަފުން ކުރި އިހުތިޖާޖާ ގުޅިގެން މުވައްޒަފުންގެ ލިވިން އެލަވަންސް ފައިސާ ދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ފިނޭސް މިނިސްޓްރީގައި އީސީން އެދެފި އެވެ.
ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ މިއަހަރަށް ކަނޑައަޅާފައިވާ އެ ކޮމިޝަނުގެ ބަޖެޓުން މުވައްޒަފުންގެ ލިވިން އެލަވަންސް އިތުރުކޮށްދެވެން ނެތުމުން އެ ފައިސާ ދެވޭނެ ގޮތެއް އޮތްނަމަ ނަމަ އެ ފައިސާ ދިނުމަށް އެދި ފިނޭސް މިނިސްޓްރީއަށް ލިއުމަކުން އެދިފައިވާ ކަމަށެވެ.
މި ދިޔަ ހޯމަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމަކަށް ފަހު ލިވިން އެލަވަން ފައިސާ ހަމަޖައްސައި ދެއްވޭ ނަމަ އެފައިސާ ހަމަޖައްސަވައި ދެއްވުމަށް އެދި ފިނޭސް މިނިސްޓްރީގެ އެދިފައި މިވަނީ އެ ކޮމިޝަނުގެ މުވައްޒަފުން އިތުރުގަޑީގެ އެލަވަންސް ދިނުމަށް އެދި ދެ ދުވަސް މަތިން އިހްތިޖާޖު ކުރުމާއި ގުޅިގެންނެވެ.
"އެ ބޭފުޅުން [ކޮމިޝަނުގެ މުވައްޒަފުން] އެ ޑިމާންޑް ކުރައްވާ ލިވިން އެލަވަންސް ހަމަޖެއްސުމަށްޓަކައި މިހާރު ފިނޭސް މިނިސްޓްރީއަށް އަޅުގަނޑުމެން [އިލެކްޝަން ކޮމިޝަނުން] ލިޔުމަކުން އެދިފައިވަނީ. އެފައިސާ ގަނޫނާއި ގަވާއިދުގެ ތެރެއިން ހަމަޖެއްސި ދާނެތޯ ބައްލަވާ ހަމަޖައްސައި ދެއްވޭނަމަ ނަމަ އެފައިސާ ހަމަޖައްސައި ދިނުމަށް."
އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނަށް ލިވިން އެލަވަންސް ނުދޭތީ އެ ކޮމިޝަނުގެ ހުރިހާ މުވައްޒަފުން ކުރި އިހްތިޖާޖު ހުއްޓާލީ އިލެކްޝަން ކޮމިޝަނުން އެލަވަންސް ފައިސާ އާ ގުޅޭ ގޮތުން ކޮމިޝަނުން ވަކި ގޮތެއް ނިންމާނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ.
މުވައްޒަފުން ކުރި އިހްތިޖާޖުގައި އިލެކްޝަން ކޮމިޝަގެ ބައެއް މެންބަރުން މަސައްކަތްކުރައްވަމުން ގެންދަވީ އަމިއްލަ މަސްލަހަތު އިސްކޮށްގެން ކަމަށް ބުނެ ބައެއް މެންބަރުންގެ އިސްތިއުފާ އަށް ގޮވާލާފައިވެ އެވެ.