ސްކޫލްތަކުގެ ބޮޑު ޗުއްޓީއާއެކު ރަސްމީ ބަންދު ދުވަސްތަކެއް ލިބުނު މިދިޔަ ޖުލައި މަހުގެ ތެރޭގައި ކައިވެނި ކުރި މީހުންގެ އަދަދު އޭގެ ކުރީ މަހާ އަޅާ ބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުން ދައްކައިފިއެވެ.

އެ ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި ޖުލައި މަހު 344 މީހަކު ވަނީ ކައިވެނި ކޮށްފައެވެ. އެއާ އަޅާބަލާއިރު މިދިޔަ ޖޫން މަހު ކައިވެނި ކޮށްފައިވަނީ 190 މީހުންނެވެ.

ޖޫން މަހާ އަޅާބަލާއިރު މިދިޔަ ޖުލައި މަހު ވަރިވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން ޖޫން މަހު 117 މީހަކު ވަރިވި އިރު މިދިޔަ މަހު ވަރިވީ 44 ހަތަރު މީހެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި މަހު ގެވެށި އަނިޔާގެ ދެ މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި ރައްކާތެރިކަމުގެ ތިން އަވަސް އަމުރެއް ވަނީ ނެރެފައެވެ. ގެވެށި އަނިޔާއާ ގުޅޭ ފަސް މައްސަލަ ނުނިމޭ ކަމަށް ވެސް ފެމިލީ ކޯޓުން ހާމަކޮށްފައިވެއެވެ.

މިދިޔަ މަހު އެ ކޯޓުން 82 މައްސަލަ ބަލައި ނިންމާފައިވެއެވެ. އެގޮތުން ވަރީގެ 61 މައްސަލަ، ކުދިންނާ ގުޅުންހުރި ތިން މައްސަލަ، ޚަރަދުގެ ހަތް މައްސަލަ، ގެވެށި އަނިޔާއާއި ގުޅޭ ތިން މައްސަލަ އަދި އާއިލީ އެހެނިހެން މައްސަލަތަކުގެ ތެރެއިން އަށް މައްސަލަ ނިންމާފައިވެއެވެ.

ނުނިމި ހުރި މައްސަލަތަކަށް ބަލާއިރު ޖުލައި މަހު ވަރީގެ މައްސަލަތަކުގެ ތެރެއިން 158 މައްސަލައެއް ނުނިމޭ ކަމަށް ފެމިލީ ކޯޓުން ބުނެއެވެ. މީގެ އިތުރުން ކުދިންނާ ގުޅުންހުރި 39 މައްސަލަ، ޚަރަދުގެ 22 މައްސަލަ، ގެވެށި އަނިޔާއާ ގުޅޭ ފަސް މައްސަލަ އަދި އާއިލީ އެހެނިހެން މައްސަލަތަކުގެ ތެރެއިން 43 މައްސަލަ ނުނިމޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އަހަރުގެ މެދު ތެރެއަށް ސްކޫލްތަކުގެ ބޮޑު ޗުއްޓީ ބަދަލު ކުރުމުން މިއަހަރު ސްކޫލްތައް ބަންދުކޮށް ރިޕޯޓް ފޯމް ހަވާލުކުރީ ޖޫން 30ގައެވެ. އަދި މިދިޔަ މަހު އީދު ބަންދުގެ ތިން ދުވަހާ ގުޅިގެން އިތުރު ދެ ދުވަހެއް ބަންދު ކުރި އިރު މިނިވަން ދުވަހުގެ ބަންދާ ގުޅިގެން އިތުރު އެއް ދުވަސް ބަންދުކުރިއެވެ.

ބޮޑު ޗުއްޓީއަށް ފަހު ދިރާސީ އާ އަހަރު ފެށީ މިދިޔަ އާދިއްތަ ދުވަހެވެ.