28 Mar 2012, 15:00
އޭވިއޭޝަން ސިސްޓަމަށް ކުރިމަތިވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދު އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސި ތޮމްސަން އެއާވޭސްގެ ފްލައިޓްގެ ޕެސެންޖަރުންނަށް ބޭނުންވާ ކަންކަން ހަމަޖައްސައިދޭނެ ކަމަށް އެއާޕޯޓް ހިންގާ ޖީއެމްއާރު ގްރޫޕުން ބުނެފި އެވެ.
ޖީއެމްއާރުން މިއަދު ނެރުނު ކުރު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިއަދު ހެނދު ފުރި ތޮމްސަން އެއާވޭސްގެ ބޯއިން 767ގެ ފްލައިޓް ފުލް އިމަޖެންސީގައި ޖެއްސީ އެބޯޓްގެ އެއާކްރާފްޓް އޭވިއޮނިކްސްއަށް ކުރިމަތި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
އެކަމާ ގުޅިގެން އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިމަޖެންސީ ކަންތަތައް އެމްއެންޑީއެފާއި މާލޭ ހެލްތު ކޯޕަރޭޝަނާއި އެކަމާ ގުޅޭ އެހެން އިދާރާ ތަކާ ގުޅިގެން ފުރިހަމަކުރި ކަމަށް ވެސް ޖީއެމްއާރުގެ ބަޔާނުގައި ވެއެވެ.
ބަޔާނުގައި އަދި ބުނެފައިވަނީ އަލުން ބޯޓު ފުރާނެ ގަޑިއެއް އެއާލައިނުން ކަނޑައަޅާނެ ކަމަށާއި އެވަގުތާ ޖެހެންދެން ޕެސެންޖަރުންނަށް ހަމަޖައްސައިދޭން ޖެހޭ ކަންތައްތައް ޖީއެމްއާރުން ހަމަޖައްސައިދޭނެ ކަމަށެވެ.
230 ފަސިންޖަރުންނާ އެކު މިއަދު ހެނދުނު އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރި ތޮމްސަން އެއާވޭސްގެ މަތިންދާބޯޓް އިމަޖެންސީގައި ރަންވޭއަށް ޖެއްސި ނަމަވެސް އެއްވެސް މީހަކަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
މަތިންދާ ބޯޓް ރަންވޭއަށް ޖެއްސިއިރު ރަންވޭ އިމަޖެންސީ ހާލަތަކަށް ގެނައުމަށް ފަހު މިހާރު ނަމަވެސް ބޯޓް ޖެއްސުމާއި އެކު އެއާޕޯޓް އާދައިގެ ހާލަތަށް ބަދަލުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.