09 Aug 2022, 09:40
ކެންޓަކީ (9 އޮގަސްޓް 2022): އެމެރިކާގެ އިރުދެކުނުގެ ސްޓޭޓެއް ކަމަށްވާ ކެންޓަކީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން 38 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެއެވެ.
މޫސުމާބެހޭ އެމެރިކާގެ ގައުމީ އިދާރާ ބުނާގޮތުން ކެންޓަކީއަށް ވިއްސާރަކޮށްފައިވަނީ ކުއްލި ގޮތަކަށެވެ. އަދި ކުރިއަށްއޮތީވެސް ގަދަ ވިއްސާރައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ކެންޓަކީގެ އެކި ސަރަހައްދުތަކަށް ގަދައަށް ވައިޖެހި ބޯކޮށް ވާރާވެހޭނެކަމަށް އެއިދާރާއިން ލަފާކުރެއެވެ.
ކެންޓަކީގެ ގަވަރުނަރު އެންޑީ ބަޝީރު ވިދާޅުވިގޮތުގައި ކުއްލިއަކަށް ކުރި ވިއްސާރައިގެ ސަބަބުން އެސްޓޭޓަށްވަނީ މީހުން މަރުވުމާއި މީހުން ގެއްލުމުގެ އިތުރުން މާއްދީގޮތުންވެސް ބޮޑެތި ގެއްލުންތަކެއްވެސް ލިބިފައެވެ.
މީގެތެރޭގައި 12 ހާހަށްވުރެ ގިނަ ގޭގެއިން ކަރަންޓް ކަނޑައިގެން ދިޔުމާއި އެތައް ސަތޭކަ ގެއަކާއި އެތައް ސަތޭކަ ކުންފުންޏެއްގެ އިމާރާތްތައް ހަލާކު ފެނުގެ އަޑިއަށް ދިޔުމާއި ގިނަ އަދަދެއްގެ މަގުތަކާއި ހައިވޭތައް ހަލާކުވުމާއި ބައެއް ބްރިޖްތައް ވެއްޓުމާއި ބައެއް ސްކޫލްތައް ބޭނުން ނުކުރެވޭވަރަށް ހަލާކުވުންފަދަ އެތައް ގެއްލުމެއް ހިމެނެއެވެ.
ބަޝީރު ވިދާޅުވިގޮތުގައި މިއީ ފާއިތުވި 80 ވަރަކަށް އަހަރަށްބަލާއިރު ވިއްސާރައެއްގައި ކެންޓަކީއަށް މިވަރުގެ ގެއްލުމެއް ލިބުނު ފުރަތަމަ ފަހަރެވެ. ފެންބޮޑުވުމުގެ ސަބަބަބުން ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ ބަޔަކު މިހާރުވަނީ ވަގުތީ ހިޔާތަކަށް ގެންގޮސްފައެވެ.
ވަގުތީ ހިޔާތަކުގެ ގޮތުގައި ބޭނުންކުރަނީ އާންމު ޕާކުތަކާއި ފައްޅިތަކާއި ރާވާލާ ގޮތަށް ހުންނަ ވަގުތީ ގެތަކެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ބޭހާއި އަންނައުނާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ އެތައް ސަތޭކަ ބަޔަކު ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ކެންޓަކީގައި ފެންބޮޑުވެފައި
ވިއްސާރައިގާ ލިބުނު ގެއްލުންތަކުން ސަލާމަތްވެ އާންމު ހާލަތަކަށް އައުމަށް ކުރާ މަސައްކަތުގައި ކެންޓަކީގެ ނޭޝަނަލް ގާޑުންގެ ލަޝްކަރުގައި ހިމެނޭ ސިފައިންގެ ތެރެއިން 400 އަށްވުރެ ގިނަ ސިފައިންވެސް ދަނީ ބައިވެރިވެ އެހީތެރިވަމުންނެވެ.
އެމެރިކާގެ މައި ސަރުކާރު (އިއްތިހާދީ ސަރުކާރު) ގެ ރިޔާސީ އޮފީސް އަދި ރިޔާސީ ގަނޑުވަރުކަމަށްވާ ވައިޓް ހައުސް އިންވަނީ ކެންޓަކީއަށް ކުރިމަތިވެފައިވަނީ ކާރިސާގެ ހާލަތެއްކަމަށް ރައީސް ޖޯ ބައިޑެން ނިންމެވިކަން އިއުލާނުކޮށްފައެވެ. ކާރިސާގެ ހާލަތެއްކަން އެމެރިކާގެ ރައީސް އިއުލާނު ކުރެއްވުމަކީ އެމެރިކާގެ އިއްތިހާދީ ސަރުކާރުގެ މާލީ އަދި ފަންނީ އެހީ ކެންޓަކީއަށް ލިބުމަށް މަގިފަހި ވެގެންދާނެކަމެކެވެ.
މިއާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެވަނީ ކުއްލި ދަތުރުފުޅެއްގައި ކެންޓަކީއަށް ވަޑައިގެން އެސްޓޭޓްގެ ގަވަރުނަރު އެންޑީ ބަޝީރު އާ ބައްދަލުކުރައްވާފައެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ކެރިން ޖީން ޕިއާރޭ ވިދާޅުވިގޮތުގައި ރައީސް ޖޯ ބައިޑަން ކެންޓަކީއަށް ކުރައްވާ ދަތުރުފުޅުގައި، އެސްޓޭޓްގެ ހާލުގައި ޖެހިފައިވާ ބައެއް ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވައި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އާއިލާތަކާ ބައްދަލުކުރައްވައި އަދި ހާލުގައި ޖެހިފައިވާ މީހުންނާ ބައްދަލު ކުރައްވާނެއެވެ. އަދި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ކުރާ މަސައްކަތްތައް ބައްލަވާލައްވައި އެކަންކުރިޔަށްދާގޮތްވެސް އޮޅުން ފިލުއްވާނެއެވެ.
އެމެރިކާގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވާގޮތުގައި ކެންޓަކީއަށް ކުއްލި ގޮތަކަށް ކުރިމަތިވި ވިއްސާރައަކީ ދުނިޔޭގެ މޫސުމަށް އަންނަމުންދާ އާދަޔާ ޚިލާފު ބަދަލުތަކުގެ ސަބަބުން ދިމާވި ކާރިސާއެކެވެ.