28 Mar 2012, 14:49
ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ މުއްދަތު ޖަހައިދިނުން އަނެއްކާވެސް ރޭގަނޑުގައި ކުރިޔަށް ގެންދާ ގޮތަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ މިހާރު ރަސްމީ ގަޑީގައި ބަންދުގެ މުއްދަތު ޖަހައިދިނުމުގެ މަޖިލިސްތައް ބާއްވަމުން ދިޔަ ނަމަވެސް އަންނަ މަހުން ފެށިގެން މުއްދަތު ޖެހުމުގެ މަސައްކަތް ރޭގަނޑު 7:00 އިން ފެށިގެން ކުރިއަށް ގެންދާގޮތަށް ނިންމެވީ އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ކަމަށެވެ.
މިދިއަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިން މުއްދަތު ޖަހައިދިނުން ގެންގޮސްފައި ވަނީ ރޭ ގަނޑުގައެވެ. ނަމަވެސް ޖެނުއަރީ 15 ގެ ފަހުން މިމަހުގެ ނިޔަލަށް މުއްދަތު ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މެންދުރު 2:00 އިން ފެށިގެން ނެވެ. އޭރު އެގޮތަށް ބަދަލު ކުރި ސަބަބެއް ބުނެފައެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބޭ މީހުންނަށް މުއްދަތު ދިނުމުގެ މަސައްކަތް ރޭގަނޑަށް ބަދަލުކުރީ މުވައްޒަފުންގެ ދަތިކަމާހުރެ ރަސްމީގަޑީގައި ކުރާ އެހެން މަސައްކަތްތަކަށް ދަތިވަމުންދާތީ ކަމަށެވެ.
ކްރިމިނަލް ކޯޓުން ވަނީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު އެކުލަވައިލުމަށް ގާނޫނީ ވަކީލުންގެ ހިޔާލު ވެސް ހޯދައިފަ އެވެ.