08 Aug 2022, 18:05
އައްޑޫސިޓީ ހިތަދޫގެ ކިނބިވާ ސަރަހައްދުގެ ފުއްޓަރު ފަރާތު އަތިރިމަތިން އިއްޔެ މެންދުރު ފެނުނު ސީލްއަށް ގޯނާކޮށް ކާންނުދިނުމަށް އައްޑޫސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
އެކަމާ ގުޅިގެން އައްޑޫސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގިނަ އަދަދެއްގެ އާންމުން އެ ސަރަހައްދަށް ޒިޔާރާތްކޮށް އެއަށްކާންދޭން މަސައްކަތްކޮށް، ކައިރިން ފޮޓޯނަގާކަން ފާހަގަކުރެވޭކަމަށެވެ.
ސީލްއަކީ އޭގަޒާތުގައި އަމިއްލައަށް އުޅޭ އެއްޗެކެވެ.
"އެހެންކަމުން އެ ސީލްއަށް އެއްވެސް ވަރަކަށް ގޯނާނުކޮށް، ކާން ނުދީ، އަދި އޭގެ ވަށައިގެން މީހުން ޖަމާވެ ފޮޓޯނަގާ އިންސާނުންގެ އުނދަގޫ އެއަށް ވާގޮތަށް އާންމުންގެ އަމަލުތައް ނުބެހެއްޓުމަށް މި ކައުންސިލުން އިލްތިމާސްކުރަމެވެ،" އެ ބަޔާނުގައިވެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ މިފަދަ އިލްތިމާސްތަކަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރުއަދާކޮށްފައެވެ.
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުވެސް އައްޑޫ ސިޓީ ހިތަދޫން ވަނީ ސީލްއެއް ފެނިފައެވެ. ނަމަވެސް އެ ދުވަހު ސީލް ފެނިފައިވަނީ ހިތަދޫގެ މޫދަށް އެރޭ ސަރަހައްދުންނެވެ.
ސީލް ފެނުނު ޚަބަރު ލިބުމުން ސިފައިންނާއި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ކައުންސިލުން ބުންޏެވެ.
ނަމަވެސް އޭރު އެ ސީލް އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މިދިޔަ އާދިއްތަ ދުވަހު ފެނުނު ސީލްއާ ގުޅިގެން، އެންވައިރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަންއުޅެ، އެފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއް ނޫންކަމަށް ވެސް އީޕީއޭ އިން ބުނެއެވެ.
މީގެ އަހަރުތަކެއް ކުރިން ވެސް އައްޑޫއިން ސީލެއް ފެނިފައިވެއެވެ.