ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގީރް އިއުތިރާފުގެ އެއްބަސްވުމެއް ހަދަން އެދިފަ ނެތް ކަމަށް ޕްރޮސިކިއުޓާރ ޖެނަރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. ކޯޓު އަމުރެއްގެ ދަށުން އަލަމްގީރް ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅުނު ގެސްޓްހައުސް ތެރެއިންނެވެ.

އަލަމްގީރް ހައްޔަރު ކުރުމުގެ ކުރިން ވަނީ އެއްޖިންސުން ގުޅުން ހިންގި ކަމަށް އެއްބަސްވެ ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދި ވީޑިއޯ މެސެޖެއް ދީފައެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ, އަލަމްގީރްގެ ފަރާތުން އިއުތިރާފްގެ އެއްބަސްވުމެއް ހެދުމަށް މިހާތަނަށް ޕީޖީއަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ތަހުގީގުގައި އެފަދައިން އޭނާ އެދިފައިވާކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ.

އިއުތިރާފުގެ އެއްބަސްވުން ހަދަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުންނެވެ.

އެ މާއްދާގައިވާ ގޮތުން ތުހުމަތު ކުރެވޭ މީހާއާއި ޕްރޮސިކިއުޓާ ޖެނެރަލްއާ ދެމެދު ވާހަކަ ދެކެވި، ތުހުމަތު ކުރެވޭ މީހާ ކުށަށް އިއުތިރާފްވެއްޖެނަމަ ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް ލިޔުމުން އެއްބަސްވުމެއް ވެވިދާނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން ގާނޫނުގައި އެ ކުށަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަބަށް ވުރެ ދަށް ނުވާނެ އަދަބަކަށް އަދަބު ލުއި ކޮށްދޭން ދައުލަތަށް ކޯޓުގައި އެދެވިދާނެއެވެ.

ގާނޫނުގައި އެ ކުށަށް ކުޑަ އަދަބެއް ކަނޑައެޅިފައި ނުވާ ނަމަ އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑަ ނުވާނެހެން އަދަބު ލުއި ކޮށްދެވޭނެ ކަމަށް ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވެއެވެ.

އަލަމްގީރްއާ އެކު އެކި މީހުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތައް ފެންނަ ބައެއް ވީޑިއޯތައް ވަނީ ލީކް ކޮށްލާފައެވެ. އެކަމުގެތު ތަހްގީގު ކުރިއަށްދާއިރު ބައެއް މީހުން ވަނީ ހައްޔަރު ވެސް ކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު ހިމެނެއެވެ.

އަލަމްގީރްއާއެކު 100 އަށް ވުރެ ގިނަ މީހުން އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެެވެ.