ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާއަކީ ޣައިރު ގާނޫނީ ޖަލްސާއެއް ކަމަށާއި އެ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު ވަހީދު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބުދޭން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވައިދެއްވުމަށް ދެ ފަހަރެއްގެ މަތީން މަޖިލީހުގެ ރައީސް ކުރައްވާފައިވާ މަސައްކަތުގެ ތެރެއިން މިމަހުގެ 19 ދުވަހުގެ ބޭއްވި މަޖިލީހުގެ ޖަލްސާގެ ކަންތައްތައް ކުރިއަށް ގެންދަވާފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާއި ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.

އެ ސިޓީގައި ބުނެފައިވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ދެކޭ ގޮތުގައި މިރާއްޖޭގައި އަދިވެސް އޮތީ އެ ޕާޓީގެ އިންތިހާބީ ސަރުކާރެއް ކަމުގައިވާއިރު ރިޔާސީ ބަޔާނަށް އެޕާޓީން ޖަވާބުދޭން ނުޖެހޭނެ ކަމަށާއި މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅާނަމަ އެބިލެއް ހުށަހަޅަންޖެހޭނީ ވެސް އެމްޑީޕީން ކަމަށެވެ.

"އެދުވަހުގެ ޖަލްސާގެ ސައްހަކަމާ މެދު އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕުން ވަނީ ސުވާލު އުފައްދައި އެ މައްސަލަ ހުށަހާޅަފަ. ޣައިރު ގާނޫނީ އެފަދަ ޖަލްސާއެއްގައި ކޮށްފައިވާ އެއްވެސް މަސައްކަތަކީ ސައްހަ މަސައްކަތެއް ކަމަށް ގަބުލެއް ނުކުރެވޭ،" އެމްޑީޕީގެ ސިޓީގައިވެ އެވެ.

އެމްޑީޕީން ބުނެފައިވަނީ ރައީސް މުހައްމަދު ނަޝީދު، ރައީސް ކަމުގެ މާގާމުން އިސްތިއުފާދެއްވާފައިވަނީ ރާއްޖޭގައި ބަޔަކު ހިންގި ބަޣާވާތެއްގެ ސަބަބުން މަޖުބޫރުވެވަޑައިގެންކަން އެ ޕާޓީން ގަބޫލްކުރާ ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެފައި ވަނިކޮށް، އެމަގާމާ ރައީސް ޑރ. މުހައްމަދު ވަހީދު ހަވާލުވެވަޑައިގެންފައިވަނީ ގާނޫނީ ގޮތުން އެތައް ސުވާލެއް އުފެދިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

ރައީސް ވަހީދު އިއްވެވި ރިޔާސީ ބަޔާނަށް ރައްދުދޭން އެމްޑީޕީއަށް ޖެހޭ ކަމަށް ނުދެކޭ ކަމަށް ބުނެ އެޕާޓީން މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވާފައިވާއިރު އަންނަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.