08 Aug 2022, 12:48
އަލަމްގީރުއާއެކު ގުރޫޕު ހަދައިގެން އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތު ހުޅުމާލޭ މިސްކިތެއްގެ މުދިމަކަށް ކުރެވުމާއެކު އޭނާ ސަސްޕެންޑް ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
އެއްޖިންސުން ގުޅުންހިންގި ކަމަށް ތުހުމަތު ކުރެވެނީ އަޙްމަދު ރަޝީދު ކިޔާ މުދިމަކަށެވެ. ކުރިން ގަލޮޅު މިސްކިތެއްގެ މުދިންކަން ކުރި އޭނާ މިހާރު މަސައްކަތް ކުރަނީ ހުޅުމާލޭ މިސްކިތެއްގައެވެ. ކުރިން ޓީޗަރަކަށް އުޅުނު އަޙްމަދު ރަޝީދު މުދިންކަން ކުރާތާ ވެސް އަހަރުތަކެއް ވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ (ޕީއެސް) އަޙްމަދު އަދީލް މިއަދު "ސަން"އަށް ވިދާޅުވީ އެ މުދިމުގެ މައްސަލަ މި ހަފުތާގެ ތެރޭގައި އެ މިނިސްޓްރީއަށް ހުށަހެޅުމުން އެކަން ބަލަން ފަށާފައިވާ ކަމަށެވެ. އެގޮތުން އޭނާ ސަސްޕެންޑް ކުރުމަށް ސިވިލް ސާވިސް ކޮމިޝަންގެ ލަފައަކަށް އެދިފައިވާނެ ކަމަށާއި މިއަދު އެކަމާ މެދު ގޮތެއް ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސީއެސްސީއިން އަންގާފައި އޮތީ އެ ކޮމިޝަންގެ ލަފާގެ މަތިން ގޮތެއް ނިންމަން، އެހެންވެ އެދިފައިވާނީ އެކަމަށް،" އަދީލް ވިދާޅުވިއެވެ.
އަދީލް ވިދާޅުވީ އެ ތުހުމަތު ކުރެވުނުއިރު އެ މުދިމު ހުރީ ޗުއްޓީގައި ކަމަށާއި މިއަދުވެސް އޭނާ މުދިންކަން ކުރަން ވަޒީފާއަށް ނުނިކުންނާނެ ކަމަށެވެ.
އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އިއްޔެ ވަޒީފާއިން ވަކިކޮށްފައިވަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ރާފިއުއެވެ. އިސްލާމިކް މިނިސްޓްރީން އެކަން ޔަގީން ކޮށްދެއެވެ.
ރާފިއުއަކީ އެމްޑީޕީގެ އިސް އެކްޓްވިސްޓެކެވެ. އެ ޕާޓީގެ ގިނަ ޖަލްސާތަކާއި ހަފުލާތަކުގައި ޤުރުއާން ކިޔަވަނީ ރާފިއުއެވެ.
ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި އަލަމްގީރު ހުރީ ހައްޔަރުކޮށްފައެވެ. އަދި އޭނާއާއެކު އެ ހުތުރު އަމަލު ހިންގި ކަމުގެ ތުހުމަތުގައި ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ކުރީގެ މަޖިލިސް މެމްބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އެ މައްސަލައިގެ ތުހުމަތަށް ކަސްޓަމްސްގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކާއި ބައެއް ސްކޫލްތަކުގެ ޓީޗަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.