ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މި ހަފުތާގައި މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން މިއަދު "ސަން"އަށް ބުނީ މި ހަފުތާގައި އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

ކެރީގެ އަސަރު އާންމުކޮށް ކުރާނެ ގަޑިތައް ކަމަށް ލަފާ ކުރެވެނީ ރޭގަނޑާއި ދަންވަރުގެ ވަގުތުތަކުގައި ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

މެޓުން ބުނީ މި ހަފުތާގައި އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނުގެ ރަށްތަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށެވެ.

ފާއިތުވެދިޔަ ދުވަސްތަކަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުނު ދުވަސްކޮޅެކެވެ.

އެ ވިއްސާރާގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރައި، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.