އައްސޭރިފަށުގެ ބިންތިރި ހިސާބުތަކަށް ސުނާމީ އާއި އުދައެރުމާއި ތޫފާންތައް ފަދަ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާ ބެހޭ ފޯރަމެއް ރާއްޖޭގައި ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފި އެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ "މޮންސޫން ފޯރަމް" ގެ ނަމުގައި އަންނަ އޭޕްރީލް މަހު ބާއްވާ ފޯރަމަކީ އ އިދާރާއާއި ދުނިޔޭގެ މޫސުމާ ބެހޭ އިދާރާ ޑަބްލިއުއެމްއޯ އާއި ސަރަހައްދީ ޖަމިއްޔާއެއް ކަމަށްވާ ރީޖަނަލް އިންޓަގްރޭޓެޑް މަލްޓި ހެޒާޑް އާލީ ވޯނިން ސިސްޓަމް ފޯ އެފްރިކާ އެންޑް އޭޝިއާ (ރައިމްސް) ގުޅިގެން ބާއްވާ ފޯރަމެއް ކަމަށެވެ.

ފޯރަމަށް ތައްޔާރުވުމުގެ ގޮތުން ޏ. ފުވައްމުލަކުގެ ކަމާ ގުޅުން ހުރި އޮފީސްތަކާއި ސްކޫލްތަކާއި ކްލަބް ޖަމިއްޔާތަކުގެ ބޭފުޅުންނާ އެކު އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިގެން ކުރިއަށްދާ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

މިއަދު ހެނދުނު 9.00 ގައި ފެށި އެބައްދަލުވުން ހުޅުވާދެއްވީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަލީ ފަވާޒެވެ.

ބައްދަލުވުމުގައި ފުވައްމުލަކު އަތޮޅުކައުންސިލްގެ އިދާރާއާއި ރަށުކައުންސިލްގެ އިދާރާއާއި ޕްރައިމަރީ ސްކޫލާއި އަތޮޅުތައުލީމީ މަރުކަޒު އަދި އެމްއެންޑީއެފްއާއި ޕޮލިސްސްޓޭޝަނާއި މަދަނީ ޖަމިއްޔާތަކުން ޖުމްލަ 25 މަންދޫބުން ބައިވެރިވި އެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ އެބައްދަލުވުމުގެ މަގުސަދަކީ ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކަމާ ގުޅޭ މުއައްސަސާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ހަރުދަނާކުރުމާއި އެފަދަ ކަންކަމުގައި ޝާމިލްވެ އުޅޭ ފަރާތްތަކުގެ ގާބިލްކަން އިތުރުކުރުން ކަމަށެވެ.