19:00


ސިޔާސީ މަސްރަހު ހައްލުކުރުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އެކު ސަރުކާރުން ސުލްހައިގެ މަޝްވަރާތައް މިއަދު ފަށައިފި އެވެ.


މިއަދު ހެނދުނު ބޭއްވި އެ ބައްދަލުވުމުގައި ގުޅިފައިވާ އިއްތިހާދުގެ ފަރާތުން ބައިވެރިވަޑައިގެންނެވީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ގައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދާއި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމެވެ. މި ބައްދަލުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެޑައިގެންނެވި ދެ ބޭފުޅުންނަކީ އެމްޑީޕީގެ ޗެއާޕާސަން އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛު އަހްމަދު ހަމްޒާ އާއި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ޞާލިހެވެ.


ޤައުމީ ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަދު ބޭއްވި މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ވަނީ އެންމެ ކަމެއް ކަމަށާއި ނަމަވެސް އިދިކޮޅު އިއްތިހާދުގެ ފަރާތުން ނުވަ ކަމެއް ހުށަހަޅާފައިވާ ކަމަށެވެ.


ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ މިހާރު އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް އެކީ އެއް ފަހަރާ ރުހުން ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަރަށް ބޮޑަށް އެދިވަޑައިގެންނަވާ ކަމެއް ކަމަށް އެމްޑީޕީން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި މިހާރު އޮތް ވަޒީރުންގެ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި ވަނިކޮށް އިސްތިއުފާ ދެއްވާފައިވާ ވަޒީރުން ވެސް ހިމެނިވަޑައިގެންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.


ސަރުކާރުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެއްގެ ބަހެއް މިއަދު ވަނީ ލިބޭ ގޮތް ނުވެފަ އެވެ.


ނަމަވެސް އެމްޑީޕީގެ ފަރާތުން މިބައްދަލުވުމަށްފަހު ނެރެފައިވާ ނޫސްބާޔާނެއްގައި ބުނެފައި ވަނީ އެ މަޝްވަރާތަކުގެ ތަފްސީލެއް އަދި ދެއްވެން ނެތް ނަމަވެސް މި މަޝްވަރާގެ ސަބަބުން، ޤައުމުގެ ސިޔާސީ މަސްރަހަށް ދެމެހެއްޓެނިވި ފައިދާތަކެއް ކުރާނެ ކަމަށެވެ.


މަޖިލީސްކުރާ ގޭގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަޖިލީހުގެ ރައީސް ޝުކުރު އަދާކުރައްވާ ކަމަށާއި އަދި މަޖިލީހުގެ މަސައްކަތްތަކަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށާއި ޢާއްމުކޮށް ރާއްޖޭގެ ސިޔާސީ މާޙައުލަށް ދިމާވެފައިވާ ކަންތައްތަކާ ކުރިމަތިލުމުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި އެއްބަސްވެވޭ ގޮތްތަކެއް ހޯދުމުގައި ސާބިތުވެ ކުރިއަށް ވަޑައިގެންދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް ޔަޤީން ކުރައްވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެވެ.