07 Aug 2022, 16:27
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިދިޔަ އަހަރު ތައުލީމީ ދާއިރާއިން އިއުލާނުކުރެއްވި ގިނަ ކަންކަން މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް އެހެން ވިދާޅުވީ ދިރާސީ އާ އަހަރު ފެށުމަށް މަޖީދިއްޔާ ސުކޫލުގައި މިއަދު މެންދުރުފަހު ބޭއްވި ހާއްސަ އެސެމްބްލީއެއްގައި ވާހަކަދައްކަވަމުންނެވެ.
އެ އެސެމްބުލީގައި ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކަންކަމަށް ރައީސް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށާއި އަދި އެމަނިކުފާނު ގެންދަވަނީ ތަޢުލީމީ ދާއިރާގެ ކަންކަން ގާތުން ބައްލަވަމުންކަމަށެވެ.
އެގޮތުން މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ބަލިމަޑުކަމާއި އިގްތިޞާދީ ދަތިކަމުގެ ތެރޭގައިވެސް ސަރުކާރުންކޮށްފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައި ފައިސަލް ވިދާޅުވީ މީގެ ކުރިން ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވެފައިނުވާ ފަދަ ދަތި އުނދަގޫތަކާއި ގޮންޖެހުންތަކެއް ރާއްޖެއަށްވެސް އޮތީ ކުރިމަތިވެފައި ކަމަށެވެ.
ނަމަވެސް މިހުރިހާ ކަންތައްތަކެއްގެ ތެރެއިންވެސް ކެތްތެރިކަމާއެކު، ރައީސް މަސައްކަތް ކުރައްވައި ތަޢުލީމީ ދާއިރާއަށް ޚާއްޞަކޮށް މުދައްރިސުންނަށް ރަނގަޅު މަސައްކަތުގެ މާޙައުލެއް ހޯއްދަވައި ދެއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ކުރެވެމުންދާ ކަންކަމުގައި މުދައްރިސުންނަށްވެސް އިތުރު ކުރިއެރުން ލިބި، ސްކޫލްތަކުގެ ކަންތައްތައް ފުރިހަމަވެ، 21 ވަނަ ޤަރުނަށް ބޭނުންވާފަދަ ދަރިންތަކެއް ތައްޔާރުކުރުމަށްޓަކައި، ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަވެ، އިތުރު ހިތްވަރާއި ހިންމަތާ އެކު މަސައްކަތްކޮށް ރަނގަޅު ޖީލެއް ބިނާކުރުމުގެ ކަންތައްތައް އެންމެން އެކުގައި ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ކޮށް އެކަން ކާމިޔާބުވެގެން ދިޔުމަކީ އަޅުގަނޑު އެދޭ ކަމެއް،" ނައިބު ރައީސް ވިދާޅުވިއެވެ.
ދިރާސީ އާ އަހަރު ފެށުމާއެކު އެކަމުގެ ތަހުނިޔާ ދަރިވަރުންނަށާއި މުދައްރިސުންނަށް އަދި ދަރިވަރުންގެ މައިންބަފައިންނަށްވެސް ނައިބު ރައީސް ވަނީ ދަންނަވާފައެވެ.
އެގޮތުން އެ އެސެންބުލީގައި ދަރިވަރުންނަށް އަމާޒުކޮށް އެމަނިކުފާނު ވިދާޅުވީ، އިންސާނަކަށް އެންމެ މުހިންމު އެއްޗަކީ ތަޢުލީމު ކަމަށާއި، ތަޢުލީމު އުނގެނުމަށް އެންމެ ރަނގަޅު ދުވަސްވަރަކީ، ޅަފަތުގެ ދުވަސްވަރުކަމަށެވެ. އަދި ޅަފަތުގައި ދަސްކުރާކަންކަން މުޅި އުމުރަށް ދެމިހުންނާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ތަޢުލީމު އުނގެނުމަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް ނައިބު ރައީސްގެ ވާހަކާގައި އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ފަހި ވިސްނުމަކާއެކު އާ އަޒުމެއް ކަނޑައަޅައިގެން ދަރިވަރުން ކިޔެވުމުގައި ކުރިއަށް ދިޔުމަށް އެދިވަޑައިގެންފައެވެ.
މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިގެން ދާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި 271 ސްކޫލެއްގައި ކިޔަވައިދޭން މިއަދު ވަނީ ފަށާފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމުލަ 92،000އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލުކުރާއިރު އޭގެ ތެރޭގައި ސަރުކާރުގެ 217 ސްކޫލްގައި 76،000އަށް ވުރެ ގިނަ ދަރިވަރުން ހިމެނެއެވެ.