މިއަހަރުގެ ބަޖެޓުގައި ޖަހާފައިވާ އާމްދަނީ ފައިސާ އެ އަދަދަށް ނުލިބޭނެތީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފު) އިން އެކަން ފާހަގަކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް މިހާރު ޒިޔާރަތްކޮށްގެން އުޅޭ އައިއެމްއެފްގެ މިޝަނާއެކު މާލިއްޔަތު ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު ސަން އޮންލައިނަށް ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ އައިއެމްފުގެ މިޝަންއިން އެންމެ ބޮޑަށް ފާހަގަކުރީ މި އަހަރުގެ ބަޖެޓުގައި ހާސިލް ނުކުރެވޭވަރުގެ ބޮޑެތި ކަންތައްތަކެއް ހިމަނާފައި ހުރުން ކަމަށެވެ. އެގޮތުން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީ ނުލިބުމުގެ ކަންބޮޑުވުން އެބޭފުޅުން ފާޅުކުރެއްވި ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"ޖީއެސްޓީ ތައާރަފްކޮށްފައި އިމްޕޯޓް ޑިއުޓީ ކަނޑާލީމަ އާމްދަނީގެ ބޮޑު ބައެއް އެބަ ގެއްލޭ. އެބައި ފޫބައްދަން ދެން ހެދޭނެ ގޮތްތަކެއް ނެތް. އެފަދަ ކަންކަމާ ހުރެ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ހުރި އާމްދަނީއަކީ ލިބޭނެ އެއްޗެއް ނޫންކަމަށް އެބޭފުޅުން ވެސް ފާހަގަކުރައްވާ. މިކަންތައްތައް މިހެން ހުރީމަ ރާއްޖޭގެ އިގްތިސޯދު އޮތީ ކަންބޮޑުވާ ދަރަޖައިގެ ކަމަށް ވިދާޅުވި،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އާމްދަނީ ލިބޭނެ ކަމަށް ލަފާކުރާ މިންވަރަށް ނުލިބި ސަރުކާރުގެ ހަރަދުތައް އެތައް ތަނަކުން އިތުރުވެ ދައުލަތުގެ ދަރަނި އައިއެމްފުގެ މިންގަޑުން ބޭރުވެފައިވާ ކަމަށް މިޝަނުން ފާހަގަ ކުރި ކަމަށެވެ. އެގޮތުން ދައުލަތުގެ ހަރަދުތައް މިންގަނޑަކަށް ފެއްތުމަށް މާލިއްޔަތު ކޮމެޓީގެ ދައުރު ފުޅާކުރަން ވަފުދުން އެދުނުކަމަށް ވިދާޅުވި އެވެ.

"އާސަންދަ ވެސް ޗެކްފޮތެއްގެ ގޮތުގައި ދޫކޮށްލާފައި އޮތީ. މިގޮތަށް ހަރަދުތައް ކުރެވިފައި ހުންނަނީ. އައިއެމްއެފުން ރެކޮމެންޑް ކުރާ ވަރަށް ވުރެ މާމަތީގައި ދައުލަތުގެ ދަރަނި މިހުރީ. އެބޭފުޅުން އެކަން ފާހަގަކުރައްވާ. އަޅުގަނޑުމެންގެ ދައުރު ފުޅާކޮށްގެން މިކަންތައްތަކަށް ފިޔަވަޅު އަޅައިގެން ވެސް މިކަންތައްތައް މިވަނީ ހަމައަކަށް ފައްތަންޖެހިފައި،" ނާޒިމް ވިދާޅުވި އެވެ.

އަދި އައިއެމްފްގެ ޕްރޮގްރާމެއްގައި ރާއްޖެ އެއް ފަރާތްކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނެސްފައި ނުވާކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. ވިދާޅުވީ އައިއެމްފުން އެދުނު ފިޔަވަޅުތައް ރާއްޖޭން އަޅާފައި ނުވާކަމަށާއި ދައުލަތުގެ ހަރަދު ކުޑަކޮށް ސިޔާސީ މަގާމުތަށް މަދު ކުރަން ސަރުކާރުން ފިޔަވަޅުތައް އެޅިފައި ނުވުމަކީވެސް އޭގެ އަސްލު ކަމަށެވެ.

"ސިޔާސީ މަގާމުތައް ދިޔައީ އިތުރުކުރަމުން. އެކި ކުންފުނިތައް އުފައްދާ ބޯޑުތައް ދިޔައީ އެކުލަވާލަމުން. އައިއެމްއެފުން ރެކޮމެންޑް ކޮށްފައި ހުރީ ސިޔާސީ މަގާމުތައް މަދުކޮށް. މުސާރަތައް ވެސް ކުޑަކުރަން. އެކަމަކު އެކަންތައްތައް ކުރެވިފައެއް ނެތް،" ނާޒިމް ވިދާޅުވި އެވެ.
އައިއެމްއެފް ރާއްޖެ ޒިޔާރަތްކުރާ މިޝަންގައި ހިމެނެނީ ޗީފް ޖޮނަތަން ޑަން އާއި ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ކޯޝީ މަތާއި އާއި ސީނިއާ އިކޮނޮމިސްޓް މިސް އިޔާބޯ މާޝާ އާއި އިކޮނޮމިސްޓް ރޮބަރޓް ގްރެގާ އާއި އިކޮނޮމިސްޓް ކެނިޗިރޯ ކަޝިވަސޭ އާއި އަލްޓަނޭޓިވް އެގްޒެކްޓިވް ޑިރެކްޓާ ސާމި ގިއޭޑާ އެވެ.