އައިވެރީ ކޯސްޓުގެ ފޯވާޑް ސޮލަމަން ކަލޫ ކާމިޔާބު ކުރި ހަމައެކަނި ލަނޑުން ބެންފީކާ އަތުން މޮޅުވެ، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދިއުމުގެ މަގު ޗެލްސީއިން ތަނަވަސް ކޮށްފި އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި، ރޭ ރާއްޖެ ގަޑިން 11:45 ގައި ކުޅުނު މިމެޗުގައި އުމުރުން 26 އަހަރުގެ ސޮލަމަން ކަލޫ ޗެލްސީއަށް ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ މެޗުގެ ދެ ވަނަ ހާފުގެ 75 ވަނަ މިނެޓުގައި ފެނާންޑޯ ޓޮރޭޒް ތަނަވަސްކޮށްދިން ރީތި ފުރުސަތެއްގަ އެވެ.

ބެންފީކާގެ 60000 މީހުގެ ޖާގައިގެ މި ދަނޑުގައި، ކުޅުނު ފޯރިގަދަ މެޗުގައި ޗެލްސީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ތިބީ ބެންޗުގައެވެ. އެގޮތުން ރޭގެ މެޗުގެ ފުރަތަމަ 11 ގައި ނުހިމަނާ ޗެލްސީގެ ކޯޗް ރޮބާޓޯ ޑިމަޓިއޯ ބެންޗު ޓީމުގައި ހިމަނާފައިވާ މުހިންމު ކުޅުންތެރިންގެ ތެރޭގައި ފްރޭންކް ލަމްޕާޑާއި ހުނަރުވެރި ފޯވާޑް ޑިޑިއާ ޑްރޮގްބާ އަދި މައިކަލް އެސިއެން ހިމެނެއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ނަތީޖާއަށް ބަދަލެއް ގެނެއިފައި ނުވާއިރު، ފުރަތަމަ ހާފުގެ ކުރީ ކޮޅު ޗެލްސީއިން ވަނީ ބެނިފިކާގެ ގޯލަށް ދެތިން ހަމަލައެއް ފޮނުވާލައިފައެވެ. ނަމަވެސް އެހަމަލާ ތަކުގެ ދިފާއުގައި ބެންފިކާގެ ގޯލްކީޕަރުގެ ހުޝިޔާރުކަން ރޭގެ މެޗުގައި ވަނީ ފެނިގެން ގޮސްފައެވެ.

އަދި މެޗުގެ ދެ ވަނަ ހާފުގެ ކުރީ ކޮޅު ބެނިފިކާއަށް ގޯލު ޖަހާ މެޗުގެ ލީޑް ނެގުމަށް ލިބުނު ފުރުސަތު ވެސް އެޓީމަށް ގެންލިގެން ދިޔައިރު، ދެ ވަނަ ހާފުގައި ޗެލްސީގެ ޑިފެންޑަރުންގެ ފަރާތުން ފެނިގެން ދިޔައީ ބެންފިކާގެ ފޯވާޑުންނަށް ހުރަސް އަޅައި، ދިފާއި ވަރުގަދަ ކުޅުމެއް ދައްކަމުންއާ ތަނެވެ.

ރޭގެ މެޗަށް ފަހު ޗެލްސީގެ ކޯޗް ރޮބާޓޯ ޑިމަޓެއޯ ބުނީ، މިލިބުނު ކާމިޔާބީ އަކީ ޗެލްސީއަށް ނުހަނު މުހިންމު ކާމިޔާބީއަކަށް ވީއިރު، މެޗުގައި ޓީމުގެ ކުޅުންތެރިން ދެއްކި ރީތި ކުޅުމަށް ނުހަނު ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ޓީމުގެ މުހިންމު ކުޅުންތެރިން ފުރަތަމަ 11 ގައި ނުހިމެނި ކަމުގައި ވިޔަސް، މިމެޗަށް ނިކުތީ މޮޅުވުމުގެ އުންމީދުގައި ކަމަށެވެ.

"އަހަރެން މިހިރި ވަރަށް އުފަލުން. އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗުން މޮޅުވުމަށް ވަރަށް މަސައްކަތް ކުރާނަން. އެމެޗަށް ޓީމް ނިކުންނާނީ މިވަގުތު ލިބިފައިވާ އެޑްވާންޓޭޖްގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމުގެ ނިޔަތުގައި." ރޮބާޓޯ ޑިމަޓެއޯ ބުންޏެވެ.

ކޯޗް ރޮބާޓޯ ޑިމަޓެއޯގެ އިތުރުން ރޭ ގެ މެޗަށް ފަހު، ޗެލްސިއަށް ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިން ފޯވާޑް ސޮލަމަން ކަލޫ ބުނީ، އަންނަ ހަފުތާގައި އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗަށް ނިކުންނާނީ ނަތީޖާ ހަމަހަމަކޮށްގެން ސެމީއިން ޖާގަ ހޯދުމުގެ ނިޔަތުގައި ނޫން ކަމަށާއި ބޭނުން ވަނީ އެ މެޗުން ވެސް މޮޅުވެ ސެމީއިން ޖާގައެއް ކަށަވަރު ކުރުމަށް ކަމަށެވެ.