އދ. އިން ސޫރިޔާއަށް ފޮނުވި ހާއްސަ މަންދޫބު، ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން ހުށައެޅުއްވި ހަނގުރާމަ ހުއްޓާލުމުގެ ޕްލޭން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ރަސްމީކޮށް ގަބޫލު ކުރައްވައިފި އެވެ.

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެވަޑައިގަންނަވާ ކަން ރަސްމީކޮށް އިއުލާން ކުރެއްވުމަށް ފަހު އަސަދު ވަނީ އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގާ އަދި އޭނާގެ ސަރުކާރާ އެންމެ ދެކޮޅު އެއްރަށް ކަމަށްވާ ހޯމްސްގައި ހިންގަވާލެއްވުމަށްފަހު އެމަންޒަރު ޓީވީން ދުރައް ދައްކަވާފަ އެވެ.

ހަނގުރާމަ ހުއްޓާލަން އެއްބަސްވެވަޑައިގަންނަވާ ކަން އަސަދު އިއުލާން ކުރެއްވި ފަހުން ސޫރިޔާ އާއި ލުބުނާނު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި ސޫރިޔާ ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފަ އެވެ.

އިދިކޮޅު ހަނގުރާމަވެރިންނަށް ސޫރިޔާ ސިފައިން އިއްޔެ ދިން ހަމަލާތަކާ ގުޅިގެން، ހަނގުރާމަ ހުއްޓާލަން އަސަދު ވެވަޑައިގެންނެވި އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރައްވާނެ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ސޫރިޔާގެ ސުލްހައަށް ކޯފީ އަނާން އެކުލަވާލެއްވި ޕްލޭނަށް އަސަދު އެއްބަސްވެވަޑައިގަތީ ގައުމުން ބޭރުގައި ތިބި ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ތުރުކީގައި ބޭއްވި ބައްދަލުވުމެއްގައި، އިދިކޮޅު ހުރިހާ ފަރާތްތައް ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އެއްބަސްވެފައި ވަނިކޮށެވެ.

އަނާންގެ ޕްލޭންގައިވާ ގޮތުން އެކި ސަރަހައްދުތަކަށް ނެރެފައިވާ ސިފައިން އަބުރާ ގެންދަން ޖެހެއެވެ. އަދި ސިޔާސީ ކުށްވެރިންތައް މިނިވަންކޮށް، އިދިކޮޅު ފަރާތްތަކަށް ދޭ ހަމަލާތައް ހުއްޓާލަން ޖެހެއެވެ.