ހަތަރު މީހަކާއި ދެ ކުޑަކުދިން ހައްޔަރުކޮށް ގިނަ އަދަދެއްގެ ފައިސާއާ ބިޔަރު ދަޅުތަކަކާއި މަސްތުވާތަކެތީގެ ބާވަތްތަކެއް ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން ބުނީ މި ތަކެތި ހޯދައި މީހުންނާއި ކުޑަކުދިން ހައްޔަރު ކުރީ ފުލުހުން މި އަހަރަށް ސަމާލުކަން ދޭ ދާއިރާތަކުގެ ތެރެއިން މަސްތުވާތަކެއްޗަށް އަމާޒުކޮށް ހިންގާ އޮޕަރޭޝަންތަކުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ހިންގި ހާއްސަ އޮޕަރޭޝަންތަކުގައި ކަމަށެވެ.

އަދި ބުނީ މި އޮޕަރޭޝަންގައި 30 މީހަކު ބަލައި ފާސްކޮށް 18 އަހަރުން ދަށުގެ ދެ ކުދިންނާއި ހަތަރު މީހުން ހައްޔަރުކުރި އިރު ހޯދި މަސްތުވާތަކެތީގެ ތެރޭގައި 17 ޕީސް ހަކުރާއި ހަތަރު ޕީސް ތެލާއި 48 ދަޅު ބިޔަރާއި ގިނަ އަދަދެއްގެ ފައިސާ ހިމެނޭ ކަމަށެވެ.

ފުލުހުންގެ އޮފިޝަލު މިއަދު ވިދާޅުވީ ބިޔަރު ދަޅުތައް ފެނިފައި ވަނީ ރޭ ހުޅުމާލެއިން މާލެ އައި ފެރީއެއްގައި ދަތުރުކުރި މީހެއްގެ އަތުން ކަމަށާއި އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންނާ ބެހޭ އެހެން ތަހުގީގެއް ވެސް ހިނގަމުންދާތީ އެ މީހުންގެ ނަންތައް އަދި އާންމު ކުރެވެން ނެތް ކަމަށް ވެސް ބުންޏެވެ. މީގެ އިތުރު ތަފުސީލެއް ނުދެ އެވެ.

މަސްތުވާތަކެއްޗަށް އަމާޒުކޮށް ފަށާފައިވާ އޮޕަރޭޝަންތަކުގައި އިއްޔެއާ އޭގެ ކުރި ދުވަހު ވެސް ތިން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އެވެ. އެއީ 24 ގަޑިއިރު ތެރޭ 38 މީހަކު ބަލާ ފާސް ކުރުމަށްފަހު އެވެ.