05 Aug 2022, 15:27
އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭ ޓީޗަރުން ވަނީ ސަސްޕެންޑުކޮށްފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެއްޖިންސުން ގުޅުން ހިންގައި ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަލަމްގީރުއާއެކު އިތުރު ދެ ފިރިހެނުން އެއް ޖިންސުން ގުޅުންހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް އަނެއްކާ ވެސް ވަނީ ލީކް ކޮށްލާފައެވެ. އޭގެން ފެންނަ އެކަކަކީ ޓީޗަރެއް ކަމަށް ތުހުމަތު ކުރެވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އެއްޖިންސުން ގުޅުން ހިންގިކަމަށް ޕޮލިހުން ފާހަގަކޮށްފައިވާ ޓީޗަރުން ސަސްޕެންޑުކޮށްފައިވާކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ޓީޗަރުންކަމެއް އަދި ކޮން ސްކޫލެއްގެ ޓީޗަރުން ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ މިނިސްޓްރީން އަބަދުވެސް އެންމެ އިސްކަންދޭ ކަމަށް ވާއިރު، ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރިމާހައުލެއް ކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އެޅުމުގައި ފަސް ނުޖެހޭނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
މި މައްސަލަ ޕޮލިހުންދަނީ ތަހުގީގުކުރަމުންނެވެ.
އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ކަސްޓަމްސް އޮފިސަރެއް ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އެއްޖިންސުން ގުޅުންހިންގިކަމުގެ ގިނަ މައްސަލަތަކެއް ޕޮލިހުން ދަނީ ބަލަމުންނެވެ.
އަލްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލް ނާޒިމް ސައްތާރުއާއި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް ވަނީ ހައްޔަރުކޮށްފައެވެ.