09 Aug 2022, 08:45
އަހަންނަށް އަނގަމަތީގައި އަތް އަޅައިލެވުނީ މިރާންގެ ފަހަތުން އައި ޔާނިޝް ފެނުމުންނެވެ. ޔާނިޝްގެ އަތުގައި ވަޅިއެއް އޮތެވެ. އެ ނުރައްކާތެރި ނަޒަރު ހުއްޓިފައިވީ ސީދާ އަހަރެންގެ މޫނަށެވެ. ބިރުން ގޮސް އަހަންނަށް ގުޑިލަންވެސް ނޭނގުނެވެ. މިރާންގެ ކައިރީގައި އެ ވާހަކަ ބުނަން ދޫ ހަރަކާތެއް ނުކުރިއެވެ. އޭރުވެސް އަހަރެން ގެންދެވޭތޯ މިރާން މަސައްކަތް ކުރަމުން ދިޔައެވެ. ޔާނިޝް ދާދި ކައިރިވެފައި މިރާން އާއި ދިމާއަށް ވަޅި މަޅައިލިއެވެ. ދެލޯ މަރައި ބާރުކޮށްލަމުން އަހަންނަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.
********
"ދަރިފުޅާ!... ދަރިފުޅާ!..." މަންމަ ހާސްވެގެން ގޮވާ އަޑު އިވުނެވެ.
އަހަރެން ލޯ ހުޅުވައިލިއިރު، މަންމަ އިނީ ކައިރީގައެވެ. އަވަސް އަވަހަށް ވަށައިގެން ނަޒަރު ހިންގައިލީމެވެ. އޮވެވުނީ އަހަރެންގެ ކޮޓަރީގައެވެ. ފެނުނީ ހުވަފެނެއްކަން އެނގުމުންވެސް އަހަރެންގެ ހިތް ހަމައަކަށް ނޭޅުނެވެ. ދެންމެ ހިނގި ކަމެއްހެން އެ މަންޒަރު އަހަރެންގެ ލޯމަތިން ސިފަވަމުން ދިޔައެވެ.
"ދަރިފުޅު ކައިރީ ބުނަމެއްނު ދެނަމާދު ދޭތެރޭ ނުނިދާށޭ... މިހާރު ނަމާދުކޮށްފިންތަ؟..." މަންމަ އަހަރެންގެ ކައިރީގައި އިށީނދެފައި އަހައިލިއެވެ.
"މަންމާ އަޅުގަނޑު ބިރުގަނޭ..." އަހަންނަށް މަންމަގެ ގައިގައި ބައްދައިލެވުނެވެ.
"ބިރެއް ނުގަންނާނެ ގަޑިން ގަޑިއަށް ނަމާދުކުރަންޏާ... ހަމަ ރަނގަޅަށްވެސް އިބިލީސް މި ބޯ ކާލާފަ މިހާރު މިއޮތީ..." އަހަރެންގެ ނިތްކުރީގައި އަތް އަޅުވައި ދުރުކޮށްލަމުން މަންމަ ބުންޏެވެ.
"އާ އާ... ތަދުވޭ މަންމާ..." އަހަރެން ނިތްކުރީގައި ފިރުމައިލީމެވެ.
"ދޭ، ގޮސް، ފެންވަރައިގެން އިޝާ ނަމާދު ބަންގި ގޮވަން ވާއިރަށް ނަމާދުކުރޭ..." މަންމަ ތެދުވެގެން ދިޔައެވެ.
މަންމަ ދިޔުމުން އަހަންނަށް ބަލައިލެވުނީ ފޯނެވެ. މިރާން ދެތިން ފަހަރަކު ގުޅާފައި އޮތެވެ. އަހަރެންގެ ހިތް ތެޅިގަތެވެ. ފެނުނު ހުވަފެނާއި އެ ކޯލާއި ގުޅުމެއް ވެދާނެ ހެއްޔެވެ؟ ބިރުން ފޯނު ހޫރައިލާފައި އެނދުން ތެދުވީމެވެ.
އަހަރެން ކޮޓަރިން ނުކުތީ އިޝާ ނަމާދުވެސް ކޮށްލައިގެންނެވެ. އޭރު ބަދިގެތެރޭގައި މީހަކު އުޅޭ އަޑު އިވެމުން ދިޔައެވެ. ކާގެ ދޮރު މައްޗަށް އެރުމާއިއެކު، އަހަރެން ދިޔައީ ސިއްސައިގެންނެވެ. އައިސް އަލަމާރި ކައިރީގައި ޔާނިޝް ހުރީ ވަޅިއެއް ހިފައިގެންނެވެ. އެހެން ހުރެފައި އަހަރެން ހުރި ދިމާއަށް ބަލައިލި ތަން ފެނުނެވެ. ތެޅިގަނެފައި ފާރާއި ނިވާވެލީމެވެ. އޭރު އަހަރެންގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. މޭގައި އަތް އަޅާލައިގެން އަހަރެން ހުރީ ދެލޯ މަރާލައިގެންނެވެ.
"މީތަ ކުކުޅު ކޮށާ..." ޔާނިޝްގެ އަޑު އައީ ދާދި ކައިރިންނެވެ.
ސިހިފައި ބާރަށް ހަޅޭއްލަވައިގަންނަމުން، ދެފަޔަށް ލެވުނުހައި ބާރެއް ލާފައި ދުއްވައިގަތީމެވެ. އަހަރެން ގޮސް ލައިގަތީ، ކޮޓަރިން ނުކުތް މަންމަގެ ގައިގައެވެ.
"މަން...މާ... ޔާ..ނި..." މާނޭވާ ލެވޭވަރުން އަހަންނަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ފަހަތަށް އިޝާރާތް ކުރަމުން ޔާނިޝްގެ ވާހަކަ ބުނެދޭން މަސައްކަތް ކުރީމެވެ.
"ދަރިފުޅާ... ހަމަޖެހިބަލަ..." މަންމަ އަހަރެންގެ ދެކޮނޑުގައި ހިފަހައްޓައިލިއެވެ.
ބައްޕަވެސް ވަރަށް ބާރަށް ކޮޓަރިން ނުކުތެވެ. އަހަރެން ހުރީ މަންމަގެ ގައިގައި ބައްދާލައިގެންނެވެ.
"ކިހިނެތްވީ؟..." ބައްޕަ ސުވާލުކުރިއެވެ.
ޔާނިޝް އަންނަ ތަން ފެނުމުން، އަހަރެން މަންމަ އާއި ބައްޕަގެ ފަހަތަށް ގޮސް ނިވާވެލީމެވެ.
"ނޭނގެ ވީގޮތެއް... އަޅުގަނޑު ފެންނައިރަށް ސިއްސައިގެން ގޮއްސަ ދުއްވައިގަތީ..." ޔާނިޝް ހުރީ ކުށްވެރިއެއްހެން، ރަކި ހިނިތުންވުމެއްގައެވެ.
"ރުއާ މިހާރު މާ ވަރަކަށް ސިހެނީ... އަދިވެސް ހަމަ ކުޑަ ކުއްޖެކޭ އެއްވަރު..." މަންމަ އަހަރެންގެ އަތުގައި ހިފައި، ގަދަކަމުން ކަހަލަ ގޮތަކަށް ކުރިއަށް ނެރުނެވެ.
އިސްޖަހާލައިގެން ހުރިއިރު، އަހަރެންގެ ދެލޯ ފެންކަޅިވަމުން ދިޔައެވެ. ޔާނިޝްގެ ނުރައްކާތެރިކަން މަންމަމެންނަށް ބުނެދޭން އަހަރެން ނުހަނު ބޭނުމެވެ. އެކަމަކު، އަހަރެންގެ ވާހަކަ ގަބޫލުކުރަން ހުރީ ކާކު ހެއްޔެވެ؟ އަހަރެންގެ އަޑު އަހަން ބޭނުންވާ ހަމަ އެކަކުވެސް އެ ހަތަރު ފާރުން އެތެރޭގައި ނެތެވެ. އިރުކޮޅަކު އަހަންނަށް ބަލަން ހުރެފައި ބައްޕަ ވަނީ އެތެރެއަށެވެ.
"ކުކުޅުކޮޅު ކޮށިއްޖެތަ ދަރިފުޅާ..." މަންމަ އަހައިލިއެވެ.
"ރަނގަޅު ވަޅިއެއް ނުފެނިގެން ނުކޮށުނު... އެއްކޮށް ފިހެލާނީއޭ ދެން މި ހިތަށް އެރީ..." ޔާނިޝް ޖަވާބު ދިން އަޑު އިވުނެވެ.
"ހުރިހާ ވަޅިއެއް ކޮށިވެފަ ހުރީ... މި ރުއާގެ ބައްޕަ ކައިރީ ވަޅިއެއް ގަނެދޭށޭ ބުނެގެން އުޅޭތާވެސް އެތައް ދުވަހެއް ވެއްޖެ... ހަމަ ހަނދާން ނައްތާލާފަ އެހުންނަނީނު..." މަންމަ ބުންޏެވެ.
"އެވަރު ކަމެއް ނޫނޭ... އަޅުގަނޑު ފަހުން ވަޅިއެއް ގެނެސްދޭނަން..." ޔާނިޝް ލުއި ހިނިގަނޑެއް ޖަހައިލިއެވެ.
ދެފައި ތުރުތުރު އަޅައިގެން ދިޔުމާއިއެކު، ޝައްކުގެ ނަޒަރަކުން ޔާނިޝް އާއި ދިމާއަށް ބަލައިލެވުނެވެ. ޔާނިޝް ހުރީ އަހަންނަށް ބަލާށެވެ. އަހަރެން ބަލައިލުމުން ހިނިތުންވެލިއެވެ. އޭގެ މާނަ އަހަންނަށް ނެގުނީ އެންމެ ގޯސްކޮށެވެ. އަހަރެން ވަގުތުން މަންމަ އާއި ނިވާވެލީމެވެ.
"ކާންވާއިރަށް އެބަ އަންނަން ވަރަށް އަވަހަށް ނިންމާލާފަ..." ޔާނިޝް ބުނެލިއެވެ.
ޔާނިޝް ދިޔުމުން، މަންމަ އަހަރެން ގޮވައިގެން ގެންގޮސް ސޯފާގައި ބޭންދިއެވެ. އަހަރެންގެ ހިތް އޮތީ ޝަކުވާއިން ފުރިފައެވެ. އެހެނަސް، ދޫ ހަރަކާތެއް ނުކުރިއެވެ.
"ދަރިފުޅުމެން ތިއުޅެނީ އިންނަން... ދެކުދިން ތަންކޮޅެއް ގުޅިގެން އުޅެބަލަ... ޔާނިޝް ދަރިފުޅާ ހެދި އުޅޭ ވަރަށްވެސް ދަރިފުޅު އޭނަޔާ ހެދި ނޫޅޭ..." މަންމަ ޝަކުވާކުރިއެވެ. "ދެން ޔާނިޝް ފެންނައިރަށް ނުފިލާތި އިނގޭ... އެހާ ރަނގަޅު ކުއްޖެއް ދަރިފުޅަށް ދެން ނުލިބިދާނެ... އޭނަވެސް އައިސް އެހެން އެ އުޅެނީ ދަރިފުޅާ ގުޅުން ބަދަހިކުރަން ބޭނުންވާތީ..."
އެރޭގެ ބާކީބައި އަހަރެން ހޭދަކުރީ ފިކުރު ކުރުމުގައެވެ. ޔާނިޝްގެ ސޫރަ ފެނުނަސް، އަހަރެން މިހާރު ބިރުގަނެއެވެ. ޖެހިލުންވެއެވެ. ވީއިރު، ކައިވެނި ކޮށްގެން އެއް ފުރާޅެއްގެ ދަށުގައި އުޅޭނީ ކިހިނެތް ހެއްޔެވެ؟
********
ކައިވެނީގެ މަޖިލިސް ފެށެން ބައިގަޑިއިރަށްވީއިރު، ހުރިހާ ތައްޔާރީތަކެއް ނިމިއްޖެއެވެ. ފަހު ކަމަކަށް އޮތީ އަހަރެންގެ މޭކަޕެވެ. އެކަން ކުރަން ބަޔަކު ގެނެސްފައި ތިއްބެވެ. އެހާ ގޮތްބޮޑު ނުކުރުމަށް މަންމަ އެދުމުންވެސް، ފާޑުފާޑުގެ ކްރީމްތައް އުނގުޅައި މޫނުގެ އަސްލު ކުލަ ގެއްލުވައިލިއެވެ. ލޯގަނޑުގެ ކުރިމަތީގައި ހުއްޓި ބަލައިލުމުން، އަހަންނެކޭ ބުދެކޭ ތަފާތެއް ނެތެވެ. ޖަހަނީވެސް މުޅީން އެހެން މީހެއް ވައްތަރެވެ. ގުދުރަތީ ރީތިކަމެއް ނެތެވެ. ހަށިގަނޑުގެ ބައްޓަން ހުރީ، ކޮންމެވެސް ވަރަކަށް ފާޅުވާށެވެ. އެ ހެދުމުގައި މީހުންގެ ކުރިމައްޗަށް ނުކުންނަން އަހަރެންގެ ޒަމީރު ދެކޮޅު ހަދަމުން ދިޔައެވެ.
"ކޮބާތަ އެމަންޖެ..." ކޮޓަރި ދޮރުމަތިން އަންހެނެއްގެ އަޑު އިވުމުން، އަހަރެން ފަސްއެނބުރި ބަލައިލީމެވެ.
ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލައިގެން ޔާނިޝްގެ މަންމަ ދޮރުމަތީގައި ހުއްޓެވެ. އަހަރެން ފެނުމުން، ހަލުވިކަމާއިއެކު ކޮޓަރިތެރެއަށް ވަދެގެން އައިސް ކައިރީގައި ހުއްޓިލިއެވެ. އޭނާގެ ފަހަތުން އިތުރު އަންހެނަކާއި ކުޑަ ކުއްޖަކުވެސް އެތެރެއަށް ވަނެވެ. ކުޑަ ކުއްޖާ އައިގޮތަށް އަހަރެންގެ ފައިގައި ބައްދައިލިއެވެ. އުފަލުން ފުންމަފުންމާފައި، މައުސޫމު އަޑަކުން އަހަންނަށް ތައުރީފު ކުރަން ފެށިއެވެ. ޔާނިޝްގެ މަންމަގެ ކައިރީގައި ހުރި އަންހެންމީހާ، ގަދަކަމުން ކަހަލަ ގޮތަކަށް އެ ކުޑަކުއްޖާ އުރައިލިއެވެ.
"ދަރިފުޅު ބަލާލާ ހިތުން ކެތްނުވެގެން މަންމަ މިއައީ..." ޔާނިޝްގެ މަންމަ ހުރީ ވަރަށް އުފަލުންކަން އޭނާގެ އަޑާއި ރާގުން އެކަނިވެސް ދޭހަވިއެވެ.
"ސާބަސް ބޮޑުދައިތައަށް... ރުއާ ބޭރަށް ނުކުމެލަންދެންވެސް މަޑުކޮށްނުލެވުނުވިއްޔަ..." ކުޑަކުއްޖާ އުރާލައިގެން ހުރި އަންހެންމީހާ ބުނެލިއެވެ.
"ހުންނާށޭ ބުންޏަސް، ކިހިނެތް ހުންނާނީ... މިދަރި އެހާވެސް ލޯބި... މާޝާﷲ..." ޔާނިޝްގެ މަންމަ އަހަރެންގެ ގައިގައި ފިރުމަމުން ދިޔައެވެ. ބުރުގާ ރީތިކޮށްލަދީ، ހެދުން ރަނގަޅުކޮށްލަދިނެވެ.
އަހަރެން ހުރީ އުނދަގޫވެފައެވެ. އޯގާތެރިކަމުގެ ގޮތުންވިޔަސް، އަހަރެންގެ ގައިގައި އެއްވެސް މީހަކު އަތްލައި، ފިރުމައި ހަދަން އަހަންނަށް ނުރުހެވެއެވެ.
"ބޮޑުދައިތާ... ދެން ހިނގާ ބޭރަށް... އެކުއްޖާ އެހުރީ ލަދުން ހަލާކުވާވަރުވެފަ..." ޔާނިޝް މަންމަގެ ކައިރީގައި ހުރި އަންހެން މީހާ ބުންޏެވެ.
އަހަރެން ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނީ، އެންމެން ކޮޓަރިން ނުކުތުމުންނެވެ. މުޅި ހަޔާތުގައިވެސް އަލަށް އިވުނު ތައުރީފުގެ ބަސްތަކުން އަމިއްލަ ސޫރަ ބަލައިލުމުގެ ޝައުގުވެރިކަން އުފެދުނެވެ. އިސްކޮޅާއި އެއްވަރަށް ހުރި ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލީމެވެ. އަރައިގެން ހުރި ފުންނާބު އުސް ބޫޓުގެ ސަބަބުން، އަހަރެން އިސްކޮޅުން ދިގުކަމަށް ދައްކައެވެ. ހެދުމާއި ބުރުގާ ރަން ކުލައިގައި ހުރުމުން، ސާހީ ވައްތަރެއް ޖަހައެވެ. ހެދުމުގެ ކޮނޑުން ފެށިގެން ތިރިއަށް ލޭސްފޮތިގަނޑެއް ދޫކޮށްލާފައިވާއިރު، ބަނޑުން ފެށިގެން ތިރިއަށްވެސް ވަނީ ހަމަ އެފޮތީގެ ލޭސް ލާފައެވެ. އެއީ ހެދުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ އެއް ކަންތަކެވެ. ކަރުން ފެށިގެން ބަނޑާއި ހަމައަށް އަޅާފައިވާ ވިދާ ރޭނދާގެ ސަބަބުން ހެދުމުގެ ހައިބަތު ދައްކުވައިދެއެވެ.
ކައިވެނީގެ މަޖިލީސް އޮތީ، އަހަރެންގެ ގޭގައެވެ. ސިޓިންގްރޫމުގައި ޔާނިޝްގެ އާއިލާ އާއި ރައްޓެހިންގެ އެތައް ބަޔަކު ތިއްބެވެ. އެ އެންމެންގެ ކަޅި އަމާޒުވެފައިވީ އަހަންނަށެވެ. ރަންވަޅަކުން ނުކުމެގެން އައި ޕަރީޒާދަކާއި ދިމާއަށް ބަލާފަދައެވެ. ބައެއް މީހުން ބުނެލާ ތައުރީފުގެ ބަސްތަކުން، ލަދުން ދެފައި އޮޅޭގޮތްވިއެވެ. އެހާ ރީތިވެލައިގެން އަހަރެން ދުވަހަކުވެސް ގިނަ މީހުންގެ ކުރިމައްޗަކަށް ނުނުކުންނަމެވެ. އަހަރެންގެ އަތުގައި ހިފަހައްޓައިގެން މަންމަ ނެތްނަމަ، އަހަރެން އެނބުރި ކޮޓަރިއަށް ވަނީމުހެވެ.
މޭޒާއި ހަމައަށް ދެވެންދެންވެސް، އަހަރެން ހުރީ ދެފިކުރެއްގައެވެ. މިރާން ދެއްކި ވާހަކަ އާއި ފެނުނު ހުވަފެނާއި ގުޅުވައިލެވެނީއެވެ. މަންމަ އަހަރެން ގެންގޮސް ގޮނޑީގައި ބައިންދަން އުޅުނެވެ.
"މަންމާ..." ދެކޮޅުހަދާ ފަދައިން އަހަރެން މަންމައަށް ގޮވައިލީމެވެ.
"އަވަހަށް އިނދޭ... މަންމަމެންގެ ތަރުބިއްޔަތަށް އުނިކަމެއް އަންނަ ކަމެއް ދަރިފުޅު ނުކުރާނެ..." މަންމަ ބުނެލިއެވެ.
އަހަރެންގެ ހިތް މަރުވިއެވެ. މަންމަމެންގެ ހިތުގައި ޖައްސާފައި އަހަންނަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. މަޖުބޫރުވެގެން ގޮނޑީގައި އިށީނީމެވެ. މަންމަ އަހަރެންގެ ކޮނޑުގައި މަޑުމަޑުން ޖަހާލާފައި ދިޔައެވެ. އަހަރެންގެ ހިތުގެ އިހުސާސްތައް އެ މަންމައަށް އެނގެޔޭ ބުނާފަދައެވެ. އަހަންނަށް ލިބޭ ކޮންމެ ހިތާމައަކީ އެ މަންމަވެސް ބަރުދާސްތު ކުރާނެ ހިތާމައެއް ކަމުގައި ބުނެދިން ކަހަލައެވެ. ފަހުގެ ނިންމުން ނިންމުމަށްފަހު، އަހަރެން ލޯ މަރައިލީމެވެ.
ޔާނިޝް އިށީންނަން ހަމަޖައްސާފައިވާ ގޮނޑި ހުރީ ހުސްކޮށެވެ. އޭނާ ނާދޭތޯ އަހަރެން އިނީ ދުޢާ ކޮށްލަކޮށްލައެވެ. ގަޑި ޖެހެން ބަރާބަރު މިނެޓަކަށް ވެފައި ވަނިކޮށް، ގޮނޑި ދަމާލިތަން ފެނުނެވެ. އެހާ ވަރަށް ވިސްނައިގެން އިނުމުންވެސް އަހަރެން ސިހުނެވެ. ޔާނިޝްގެ ނަޒަރު ހުއްޓުނުކަން އެނގި، އިސްތިރިކޮށްލެވުނެވެ.
"ޔޫ އޯކޭ؟..." އަހަރެންގެ ކަންފަތް ކައިރިން އިވުނީ ޔާނިޝްގެ ފިރިހެންވަންތަ އަޑެވެ.
މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނިތްކުރިމަތިން ދާ ހިއްލާލިއެވެ. ލައިގެން އިން ހެދުމުގައި ބާރަށް ހިފަހައްޓައިލެވުނެވެ. ދެލޯ މަރައި ބާރުކޮށްލެވުނީ، ދާދި ގާތުން ޔާނިޝްގެ ހޫނުކަން އިހުސާސް ކުރެވުމުންނެވެ. ދުރަށް ޖެހިލަން ބޭނުންވިއެވެ. އެހެނަސް، އެންމެންގެ ކުރިމަތީގައި އެކަން ކުރެވޭކަށް ނެތެވެ.
"އޯކޭތަ؟..." ޔާނިޝް ވަރަށް ލޯބިން އަހައިލިއެވެ. އެހެން މީހުންނަށް ނީވޭނޭހެން ސިއްރުންނެވެ.
އަހަރެން އެއްޗެއް ނުބުނުމުން، ޔާނިޝް އަހަރެންގެ އަތްމަތީގައި އަތް ބާއްވައިލިއެވެ. އަހަރެން އަތް ދަމައިގަންނަން އުޅުމުންވެސް ޔާނިޝް އެ ފުރުސަތެއް ނުދިނެވެ.
"އަހަންނަށް އެނގޭ ރުއާ އޯކޭ ނޫންކަން... ސޯ، މިހެން އިނދެލަދީ..." ޔާނިޝް މަޑުމަޑުން ބުނެލިއެވެ.
އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. އެންމެންގެ ނަޒަރު އަހަންނަށް ހުއްޓުނު ތަން ފެނުނެވެ.
"ކުރަތްޕެއް..." ޔާނިޝް ބުނެލި އަޑު އިވުނެވެ.
ބިރުން ގޮސް އަހަންނަށް ފުންމައިގެން އަރާ އެލިގަނެވުނީ، ޔާނިޝްގެ ކޮނޑުގައެވެ. އެއީ ކިހިނެތް ވީ ކަމެއް ކަންވެސް އެނގުނީ އެގޮތުގައި ކިހާ ވަގުތެއް ފާއިތުވެދިޔަ ފަހުން ކަމެއްވެސް ނޭނގުނެވެ.
(ނުނިމޭ)