28 Mar 2012, 10:43
ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފަހު ހާފު ނިމެނިކޮށް، މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ( ޖެހި ހަމަައެކަނި ލަނޑުން ޖެހިޖެހިގެން ތިން ވަނަ އަހަރަކު ވިކްޓަރީ ބަލިކޮށް މައިލޯ ޗެރިޓީ ޝީލްޑް ވީބީން ހޯދައިފި އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު، އެއްލައްކަ ރުފިޔާގެ ބޮޑު މެޗުގައި، ހުސްވި އަހަރުގެ ގައުމީ ޗެމްޕިއަން ވިކްޓަރީ ކޮޅަށް ބޮންޑާ ލަނޑު ޖެހީ ހާފުގެ މެދެއްހާ ހިސާބުގައި ހުރެ ބާރުބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. މި ބޯޅަ ދިފާއުކުރަން ވިކްޓަރީގެ ކީޕަރު މުހައްމަދު ނިޝާހު މަސައްކަތްކުރި ނަަމަވެސް އޭނާގެ ކުރިމަތީގައި ފެނުޖެހިފައި ދިޔަ ބޯޅަ ޕަންޗުކުރަން ޖެއްސުމުން ދިޔައީ ގޯލުގެ މަތީ ދާގަނޑަށެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުން ކުޅިބަލަން ވަތް މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ދެ ޓީމުން ވެސް ވަނީ ގިނަ ފުރުސަތުތަކެއް ނަގާލައިފަ އެވެ. މި ގޮތުން ވިކްޓަރީގެ ހަސަން އަދުހަމަށް ހުސްކޮށް ލިބުނު ބޯޅަ އާއި ވީބީގެ އަބޫ ޑެސްމަންޑް މަންސާރޫ ހުސްކޮށް ހުރެ ޖަހަން އުޅުނު ބޯޅަ އާއި އާދަމް ފަޒީހަށް ދެ ފަހަރެއްގެ މަތީން ހުސްކޮށް ލިބި ނަގާލި ބޯޅަތައް ފާހަގަ ކުރެވެ އެވެ.
މެޗަށްފަހު ވިބީގެ ކެޕްޓަން އައްސަދު އަލީ (އަޑޭ) ބުނީ، ވިކްޓަރީއާ ދެކޮޅަށް ވިބީގެ ހުރިހާ ކުޅުންތެރިންވެސް މެޗަށް ނިކުތީ ފާއިތުވި ދެ އަހަރުގެ ފެށުން އަލުން ހޯދުމުގެ އަޒުމާއި ހިތްވަރާއެކު ކަމަށެވެ. އަދި މިމޮޅާއެކު އަނެއްކާވެސް ވީބީގެ މެނޭޖްމަންޓަށާއި ކުޅުންތެރިންގެ އިތުރުން ޓީމުގެ ސަޕޯޓަރުންނަށް އާ ހިތްވަރެއް ލިބުނު ކަން ފާހަގަކޮށް، އަޑޭ ވަނީ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ވީބީން ސީޒަން ނިންމަން އަޒުމު ކަނޑައަޅައިގެން ތިބި ކަމަށްބުނެފަ އެވެ.
ރޭގެ މެޗުން ވީބީ މޮޅުވުމުން، އެޓީމަށް ލިބުނު އެއްލަކަށް ރުފިޔާގެ ފައިސާގެ ތެރެއިން 20 ޕަސެންޓު ވަނީ ތެލަސީމިއާ ސޮސައިޓީ އަށް ހަދިޔާކޮށްފަ އެވެ. ރޭ ގަލޮޅު ދަނޑުގައި އެ ސޮސައިޓީއާ މި ފައިސާ ހަވާލުކޮށްދެއްވީ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) އެވެ.
ޗެރިޓީ ޝީލްޑަކީ ކުރިން ބާއްވަމުންދިޔަ ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު 2009 ވަނަ އަހަރުން ފެށިގެން ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ މެޗެކެވެ.