"ވަގުތަކީ އަގުހުރި އެއްޗެކެވެ. ގެއްލުނު ވަގުތެއް އަނބުރާ ނުލިބޭނެއެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ."

***

ހޮސްޕިޓަލުގެ ޑޮކްޓަރސް ލައުންޖްއަށް ވަދެ ހައިސަމް ސްވިޗަށް ފިތައިލުމުން ލޮލަށް ފިނިކަން ގެނެސްދޭފަދަ އޮރެންޖް އައްޔެއްގެ މަޑު އަލި ފެތުރުނެވެ. އޭނަ އޮށޯވެލީ ކުޑަދޮރުކައިރީގައި ހުރި ސޯފާސެޓްގައެވެ.ވެހެމުންދާ ވާރޭގެ ނާނާއިން ހައިސަމްގެ ލޯ ބަރުވާންފެށިއެވެ. ކޮންމެވެސް މީހަކު އޭނަގެ ގާތުގައި އޮށޯވެލިކަމުގެ އިހުސާސްވިއެވެ. ލޯ ނުހުޅުވާއޮވެ އަތް ދިއްކޮށްލުމުން އަތްލެވުނީ މީހެއްގެ ގައިގައެވެ. ހިރިލާން ބޭނުންނުވެފައި އޮވެފައި ލޯ ހުޅުވައިލީ ގާތުގައި އޮވެދާނެ އެއްޗެއްގެ ބިރުވެރި ތަސައްވަރުވެސް ހިތުގައި ކުރަހައިލަމުންނެވެ.

ކުރިމަތީގައި ލާނެތްގޮތަކަށް ހެވިފައި ހުރީ އެކުވެރި ޑޮކްޓަރެކެވެ. ޑޮކްޓަރ މުސްތަޖާބުއެވެ.

"ކަލޭ ތިއުޅެނީ ކޮންކަހަލަ ނުބަޔެއްހަދަންތަ؟ ވީޑިއޯވެސް ކުރީތަ ؟ ނޫނީ ފޮޓޯ ނެގީ؟" ހައިސަމް ތެދުވެ ކުޝަން އުނގުމަތީ ބޭންދިއެވެ. މުސްތަޖާބު ދެ ކޮފީތަށި ހިފައިގެން އައިސް އެއް ތަށި ހައިސަމްއަށް ދިއްކޮށްލައިފިއެވެ."އަހަންނަށް މަޖާވީ ދެންމެ އަރީން މިތަނަށް ވަދެފައި ދަމުން ބުނެލި އެއްޗަކުން. ހައިސަމް ފިރިހެނަކު ބާއްވައިގެނޭ އޮތީ. އެކަމަކު މަށަށް އެނގުނޭ ސީރިޔަސްވެފައި ބުންޏަސް ކަނޑައެޅިގެން ދޮގެއްކަން. ދެން އެމީހަކު މަތިން ފުންމާލައިގެން ރައްކާވާނީ؟އެހެންނޫނަސް އެންމެން ވަންނަ ތަނެއްގައި މީހަކު ބާއްވައިގެން ނޯންނާނެ ދޯ. އަރީން ހަގީގަތުގައި އެހާ ފޫހިވެފައި ހުރެ އެހެން ބުނާންވީ ސަބަބެއްވެސް ނޭގުނު. ޖެލަސްވީ؟"

ހައިސަމް އަށް ބުނާނެ އެއްޗެއް ނޭގިފައި ސޯފާއާއި ދިމާލަށް ބަލައިލެވުނެވެ.

"އާ ޔޫ އޯކޭ؟ ކީއްވެ ގަބުވެފައި؟ނޫނޫ ރުޅިއައިވަރުން އަރީންއަށް ދޭނެ އަދަބެއް ތިވިސްނަނީ؟ ސަމާސާކުރަންވާނީ ހުދޫދެއްގެ ތެރޭ. މާތްﷲ ހަރާމްކުރެއްވި ބޮޑު ފާފައެއްގެ ތުހުމަތު މީހެއްގެ ބޮލުގައި އެޅުމަކީ ޒިންމާދާރުކަން ކުޑަ ހައްދުވެސް ޖެހޭނެކަމެއް ނު."

ހައިސަމްއަށް ކުރެވުނު އިހުސާސްތައް ސިއްރުކުރިއެވެ.

"އަތުގައި އޮތް ފޯނުގަނޑުގެ ބޭނުން ހިފަން ވީ އިރު އަރީންއަށް އެކަން ނުކުރެވުނު ދޯ..."ހައިސަމް ނުތަނަވަސްވެފައި ގޮތަކަށް ހުނެވެ. ހަގީގަތުގައި އަރީން އެފަދަ ވާހަކައެއް ހަދައިގެން ދައްކަންވީކީއްވެހެއްޔެވެ؟ މުސްތަޖާބު ނޫން މީހަކު މިތަނަށް ވަދެފައި އެ ސޯފާގައި އޮވެފައި އެހާ އަވަހަށް އެތަނުން ގެއްލުމަކީ އާދައިގެ ކަމެއްނޫނެވެ.

"ތެންކްސް ލަވް. މިހާ ވިއްސާރަ ރެއެއްގައި އެންމެ ބޭނުންވަނީ ހަމަ ހޫނު ކޮފީއެއް..............." ހައިސަމް ކުޑަދޮރު ކައިރީ ބޭރަށް ބަލަން ހުއްޓެވެ. ދެވަނަ ފަންގިފިލާއަށް ވުމުން ތިރިން ފެންނަން ހުރި ގަސްތައް ރީތިކޮށް ފެނެއެވެ. ފަނޑު ބޮއްކެއްގެ އަލި އެޅިފައި އޮތްއިރު ގަސްދޮށުގައި މީހަކު ހުއްޓިލައިގެން ހުރިތަން ފެނުނެވެ. ހައިސަމްއާއި ދިމާލަށް ބަލަން ހުރިފަދައެވެ. ދެވަނަ ފަހަރަށް ބަލައިލިއިރު އެމީހަކުގެ އެއްވެސް ނިޝާނެއް ފެންނަން ނެތެވެ. ފެންނަ ކޮންމެ މަންޒަރަކާއިމެދު އޭނަ ޚިޔާލުކުރަންވީ ކީއްވެހެއްޔެވެ؟ ސިކުނޑިއަށް ފެންނަ ތަކެއްޗާއި ހަގީގަތްވެސް އޮޅޭފަހަރު އަތުވެދާނެއެވެ. ވާރެއިން ހިޔާވެލަން މީހަކު އެތާ މަޑުކޮށްގެން ހުރީއެވެ. ނޫނީ ސިކުނޑިއަށް ފެނުނު މަންޒަރެކެވެ.

***

ޚަލީސީ ޕިޖާމާ ބަދަލުކުރުމެއްނެތި ކާކޮޓަރިއަށް ވަނީ ކޮފީއެއް ތައްޔާރުކޮށްލުމަށެވެ. އޭރު އެމާ ބިސްގަނޑެއް އަޅަންވެގެން މިރުހާއި ފިޔާކޮށަން ހުއްޓެވެ. ޚަލީސީ ފެނުމާއެކު އެމާ ހީލިއެވެ.

"ޚަލީސީ ބޭނުންތަ؟"

"އާނ.......ވަރަށް މީރުވާނެހެން ހީވޭ. މިއީ ކޮންކަހަލަ ފަތެއްތަ؟"

"މުރަގަފަތް...."

"ހޫމް ހައިސަމް އަބަދު ބުނާނެ މަންމަ މުރަގަފަތު ބިސްގަނޑާއި މަސްހުނި ހެނދުނުކާން ދޭ ވާހަކަ. ފުރަތަމަ ފަހަރަށް މީގެ ރަހަ ބަލައިލެވެން މިއުޅެނީ......"

ޚަލީސީވެސް އެމާއަށް އެހީވިއެވެ. ދެމީހުންވެގެން ނާސްތާ ތައްޔާރުކޮށްލުމަށްފަހު ސައިބޯންވެގެން އިށީދެފައި އެމާ ރޭގެ ހާދިސާކިޔައިދިނެވެ. ވާރޭތެރެއިން ފެނުނު ކަޅު ހިޔަނީގެ ވާހަކަ ބުނުމުން ޚަލީސީ އެމާގެ އަތުގައި މަޑުމަޑުން ހިފަހައްޓައިލިއެވެ.

"އައިމް ޓެލިން ޔޫ ޚަލީސީ. އެއީ ހަމަ ހަންޑިއެއް. ލައިލާވެސް ބިރުން އުޅޭ. މިގޭތެރެއިން ފާޑުފާޑުގެ އަޑުތައް އިވޭ ވާހަކަ ބުނޭ. ބޭރުގައި އެހެރަ އުނދޯލިވެސް ހެއްލެން ފަށައޭ...ލައިލާ އުޅެނީވެސް މިގޭގެ އެންމެ ބިރުވެރި ފާޑު ޖަހާ އަނދިރި ކޮޓަރީގައި. ވަރަށް ފަޅުކޮޓަރިއެއް ކަން ނޭގޭ.."

"އަހަރެން ފޮނުވަދޭނަން ލިންކެއް. އޭގައި އިންނާނެ ހުރިހާ މައުލޫމާތެއް އިނގޭ. ދުވަހަކުވެސް ސްލީޕް ޕެރެލިސިސް އެ ޓާމް އަޑުއެހިންތަ؟"

އެމާ ބޯ ހޫރައިގަތެވެ.

"އެހެންވިއްޔާ އެމާއަށް ތި ދިމާވީ އެކަހަލަ ގޮތެއް. އެލިންކު ކިޔައިލީމަ ރަގަޅަށް ވިސްނޭނެ....ހަންޑި ޖިންނި އެއްޗިއްސެއް ނޫޅޭ. ބިލީވް މީ.. ކުޑައިރުއްސުރެން އެނދު ތަންދޮށުގައި މޮންސްޓާސް އުޅޭ ވާހަކަ ބުނެފައި އޮތީމަ އަހަރެމެންގެ މައިންޑުގައި އެކަހަލަ ކަންތައް ކުރެހިފައި އެހުންނަނީ......."ޚަލީސީގެ ވާހަކަތައް ގަބޫލުކުރަން ހިތް ބާރު އެޅިޔަސް އޭނައަށް އެކަން ޔަގީނެއްނުވިއެވެ. ލޮލުން އެހާ ރީތިކޮށް ފެނުނު މަންޒަރަކީ ލޯ މައްޗަށް ސިފަވީކަމެއްކަމަށް ގަބޫލުކުރަން ހަމަ ދަތީއެވެ. ދެކުދިން ވާހަކަދައްކަން ތިއްބާ ރޯޒަލީ އަންނަތަން ފެނުނެވެ.

"ސައި ބޮއި ނުނިމޭތަ؟ "ރޯޒަލީ ހުރީ އެގަޑީގައިވެސް ފެންވަރާ ތާޒާވެލައިގެންނެވެ. މޫނުގައި ފުށް ޖަހާ އިސްތަށިގަނޑުގައި ކާށި ތެޔޮ ލާފައި އަނދުންވެސް އަޅައިގެންނެވެ. މުޅި ތަނުގައި ސައިބޯންޏެއްގެ މީރުވަސް ހިފާލައިފިއެވެ."ދޮންބެ އަންނަންވާއިރަށް މަސްހުނި މޮޑެލަން މިއުޅެނީ. ފުށްކޮޅެއް ފުރާނަބަލަ އެމާ......"

ޚަލީސީ ގަޑިއަށް ބަލައިލިއެވެ. އަދި ހައިސަމް އަންނަން ގަޑިއެއްހާއިރު އެބައޮތެވެ.

"އަހަރެން ބިސްގަނޑު އަޅަންތަ؟" ޚަލީސީ އެހިއެވެ. އެމާ ތަރުޖަމާކޮށްދިނުމުން ރޯޒަލީ ވިސްނާލާފައި އެއްބަސްވިއެވެ. ގޭގައި ކުއްޖަކު ހުރިއްޔާ އަތްގާތްކޮށްލަދިނުމަކީ އެންމެ ރަގަޅުކަމެއް ކަމުގައި ދެކުނެވެ. އެހެންނޫނަސް މީހަކާއި އިނދެފައި ހުރި އަންހެންކުއްޖަކަށްވުމާއެކު ފަރަންޖީކުއްޖަކަށްވުމުން ހައިސަމް ފަހަރެއްގައިވެސް އެކުއްޖާއާއި ގުޅުމެއް ނުބާއްވާނެއެވެ. އެއަށްވުރެ ބަސްއަހާ ދަރިއެއް އޭނަގެ ނެތެވެ. ހައިސަމްގެ ސަބަބުން ދަރިންނަށްޓަކާ އޮތް އިތުބާރު ބޮޑުވެފައިވަނިކޮށް ހަޒަލް ވަނީ ކެހިދީފައެވެ.

ޚަލީސީ އެ މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް މީހެއްގެ ބޫޓުގެ އަޑު އިވުމާއެކު ހިތްތެޅިގަތީ ވަކިގޮތަކަށް ނޫނެވެ. ފިލޭނެގޮތެއްވެސް ނުވިއެވެ. ހައިސަމް މާ އަވަހަށް ގެއަށް އައީ ކީއްވެހެއްޔެވެ؟ ލޯބޮޑުކޮށްފައި އެނބުރުނުއިރު ހައިސަމްއާއި ހަތަރުކަޅިހަމަވިއެވެ.ހައިސަމް ސިހޭގޮތްވުމާއެކު ލޯބޮޑުވިއެވެ. ހިންދިރުވާލާފައި ނިކަން އަވަހަށް ނުދެނެހުރިކަމަށް ހަދާފައި ނަޒަރު ވަކިކޮށްލައިފިއެވެ. އެހިނދުކޮޅު ހައިސަމްގެ މޫނުމަތިން ނުރުހުމުގެ ކުލަވަރުވެސް ފެނުނެވެ. އޭނަ ހިތްހަމަނުޖެހުނީއެވެ. ހުއްދަނެތި އައުމުން ވާނީވެސް އެހެންނެވެ. ނަމަވެސް ޚަލީސީއަށް އިތުރަށް އޮތީ ކޮންގޮތެއްހެއްޔެވެ؟ ހައިސަމްގެ މޫނަށް އެރި ކުލަވަރާއި ޝޮކް ދާދި އަވަހަށް އޭނަ ފޮރުވާލާފައި އެސްފިޔަތައް ތިރިކޮށްލައިފިއެވެ. އަދި ގޮނޑިއެއް ދަމާލައިގެން އިށީދެ މަންމައަށް ހުރިހާ ސަމާލުކަމެއް ދިނެވެ.

"ހައިސަމް. ހާދަ އަވަހަށް."ރޯޒަލީ އިނީ ފުށްގަނޑު މޮޑޭށެވެ.

"ބޮލުގައި ރިއްސާތީ އައީ..."

"ފިނިވީކަމަށްވާނީ. ވާރޭގައި ތެމުނީމަ ރޯގާޖެހޭނެ. އަވަހަށް އިށީދޭ. މި ނިމެނީ...." ރޯޒަލީއަށް ކުއްލިއަކަށް ޚަލީސީ އެތާ ހުރިކަން ހަނދާންވިކަހަލައެވެ. "ހައިސަމް. މިއީ ތަނެއް ލިބެންދެން ކުއްޔަށް މިގެއަށް އައި ފަރަންޖީ މަންޖެއެއް. ފިރިމީހާ ގެއިން ބޭރަށް ލީމަ ވަންނާނެ ތަނެއް ނޭގިގެންނޯ. މުސްލިމެއްވެސް ނޫން. އެހެންވެ މަންމައަށް މީނަ ބަހައްޓަން ފަސޭހަކަމަކަށްވެސް ނުވޭ. އިންސާނިއްޔަތަށްޓަކާ ދުވަސްކޮޅަކަށް ބެހެއްޓީމަވެސް ހިތަށް ނުތަނަވަސްކަން ވެރިވެ ރޭ ނުވެސް ނިދުނު. ހައްތާ މަންމައަށް ހީވަނީ މި މީހުންގެ ދީނީ އަޅުކަންތައްވެސް މިގެއަށް ވައްދަފާނެހެން. އެހެންވެ ބިރުގަންނަނީ. އެމާވެސް ރޭ އެކޮޓަރިއަށް ނިދަން ވަނީމަ ގޮވާ ގެނައީ."

އެމާ ލަދުގަންނަގޮތްވިއެވެ. ޚަލީސީގެ ކުރިމަތީގައި ހުރެ އެގޮތަށް ނުދަންނަ ބަހަކުން އެއްޗެހި ގޮވުމަކީ ތަހުޒީބުކަމެއްވެސް ނޫނެވެ.

ޚަލީސީ ކޮފީ ހަދަން އުޅުމުން ރޯޒަލީ އަވަހަށް ޖޯޑު އަތުލިއެވެ.

"ޔޫ ގޯ ދަ ރޫމް. މީ ސައި ހަދަނިން...."

ޚަލީސީ ރަކިނުވާކަމަށް ހެދެންވެގެން ހީލިއެވެ. އެމާ ހިނިގަނޑު ހިފަހައްޓައިގެން ހުއްޓާވެސް ކުޑަކޮށް ހެވެން ފެށުމުން އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. ރޯޒަލީގެ އަމުރަށް ކިޔަމަންވާންވެގެން ޚަލީސީ އަވަހަށް އެތަނުން ދާން ހިނގައިގަތީ ފްރެންޗް ބަހުން ހައިސަމްއާއި މުޚާތަބުކޮށް ވަރުގަދަ އެއްޗެއް ބުނެފައެވެ. ރުޅި އަޔަސް މި ކުށް ކުރެވިއްޖެ ކަމަށާއި އޭނަ ދެން މިތަނުން ނެރެން ޖެހޭނީ އަތުގައި ހިފާ ދަމާފައި ކަމަށާއި ލޯބިވާ ކަމަށެވެ. ލޯބީގެ ބާރުގައި ރަސްކަލުން ތަޚުތުދޫކުރާ ފަދައިން އޭނަ ހައިސަމްއަށްޓަކާ އަމިއްލަ ގައުމު ދޫކޮށް އައުމުން ބިކަ ނުކުރުމަށާއި މިގޭގައި ބަހައްޓައިދިނުމަށްވެސް އެދުނެވެ. އެމާވެސް ހުރީ ވާނުވާ ނޭގިފައެވެ. ހައިސަމްވެސް ޑްރާމާ ކުޅެން އެހާ މޮޅެވެ. ޚަލީސީ ދޮރުން ނުކުތުމާއެކު ވަރަށް ހައިރާންވެފައި އެމާއަށް ޚަލީސީ ކީ އެއްވެސް އެއްޗެއް އެނގުނުތޯ އަހައިލިއެވެ.

"ނޭގޭ.."އެމާވެސް އަވަހަށް ހިނގައިގަތީ ހެދުމުގައި ދެއަތް ފޮހެލާފައެވެ.

***

ހަޒަލް ސޫފީ ފެންވަރުވާލުމަށްފަހު ރީދޫކުލައިގެ ޓީޝާޓަކާއި ހުދު ސޯޓުކޮޅެއް ލެއްވިއެވެ. އިސްތަށިގަނޑުގައި ފުނާ އަޅުވައިލުމުން ލޯބިކަމުން ހިތްފުރޭވަރުވިއެވެ. ހަޒަލް ދަރިފުޅާއި ވާހަކަދައްކަމުން އެނދު ތަންމަތި އަޅަންފެށިއިރު ދަރިފުޅު އުޅުނީ ކުޅޭ އެއްޗެއް ހިފައިގެންނެވެ. ރޯޒަލީ ދޮރުމައްޗަށް އެރިއެވެ. މަންމައަށް މާ ގިނަ ދުވަހު ރުޅި ދައްކާލައިގެން ނުހުރެވޭނެކަން ހަޒަލް ދަނެއެވެ. އެކަމަކު މިހާ ފަސޭހައިން ހަތިޔާރު ބަހައްޓަފާނެކަމަށް އޭނަ ހިޔެއްނުކުރެއެވެ.

"ހަޒަލް. ތި ކުއްޖާ ހަޒަލް އަދި ތިކުއްޖާގެ ބައްޕަ ކަމަށް ދައުވާ ކުރާ މީހާއާއި ވައްތަރެއްނޫން. ހަޒަލްގެ ދަރިއެއްނޫން ތިއީ....."

"މަންމާ. ދެން ޖެހޭނީ މެޓާނިޓީ ޓެސްޓެއް ހަދަން...މަންމަ މާފުކުރީތަ؟"

"މާފުކުރުމެއް ހަނދާން ނައްތައިލުމެއްވެސް ނެތް. މަގޭ ދަރިއަކު ތިވަރުގެ ބޮޑު އޮޅުވައިލުމެއް އޮޅުވާލުމަށްފަހު މާފުކޮށްފީހެއްޔޭ ދުލުން ބުނެލަން ފަސޭހަވިޔަސް މަގޭ ހިތަށް ކުރި އަސަރާއި ލިބުނު ހައިރާންކަން އަދިވެސް ފިލައިގެނެއްނުދޭ. ނަމަވެސް މަގޭ ދަރިންނާއި ޖެހޭ މައްސަލަތަކުގައި އަނގައިން ނުބުނެ ހުރުމަކީ އަހަރެންގެ ޟަމީރު ގަބޫލުކުރާގޮތެއްނޫން. އެކަމުން ލިބޭނެ މޮޅެއް ހަމަޖެހުމެއްނެތް. ހަޒަލްއަށް މިގޭގައި ހުރެވޭނެ. ތިކުއްޖާއަށްވެސް ހުރެވިދާނެ. އެކަމަކު އެހެން މީހަކަށް މިގެއިން ޖާގައެއްނެތް. ހަޒަލް ކައިގެން ބޮއިގެން މިގޭގައި ހުންނަންވީ..."

ދެމައިންގެ ދޭތެރޭގައި އޮތް ގަނޑުފެންގަނޑު ކޮންމެވެސް ވަރަކަށް ވިރުނެވެ.

ހަޒަލްގެ ހިތަށް ލިބުނު ބަޔާންނުކުރެވޭފަދަ ފިނިކަމަކަށްވިއެވެ.

***

މުޅި ދުވަހު އުޑުމަތި ބަނަކޮށް އޮވެ ދޭތެރެއަކުން ވާރޭ ވެހިލަނީ ހުއްޓައިލަން ބޭނުންނުވާހާ ކަންނެތްކޮށެވެ. ހައިސަމް ފޯނު ނިވާލައިގެން އުޅޭތީ ޚަލީސީ ހިތްހަލާކުވާވަރުވިއެވެ.އެހާ ލޯބިން އުޅެފައި އެއް ފުރާޅެއްގެ ހިޔާވަހިކަމުގައި ތިބިއިރު އޭނައަށްޓަކާ އެދޮރު ބަންދުވެގެން ނުވާނެއެވެ. ސިއްރުން ވާހަކަދައްކާ ސިއްރުން ބައްދަލުވެ އުޅުނަސް އަދި ހައިސަމްގެ މަންމައަށް އެނގޭނެގޮތެއް ނޯންނާނެއެވެ. ހަޒަލްއާއި އެމާއަކީ ކުށުގެ ބައިވެރިންނެވެ. އެކުދިންނަށް ހަގީގަތް އެނގުމާއެކު އެކަމަށް ތާއީދުކުރެއެވެ.

އިރުއޮއްސިގެން އައިއިރު އުޑުމަތި ހުޅުދާންކޮށްފައިވާހެން ރަތްކުލައެއްގައި ފެނުނެވެ. ޚަލީސީ ފެންޑާގައި ދެކޮޅަށް ކުރިކަނޑާލަ ކަނޑާލާ ހުރީ ހައިސަމްގެ ޚަބަރެއްނުވެގެން ހިތް ނުތަނަވަސްވެގެންނެވެ.

"ބޮލުގައި ރިއްސާ ވާހަކަ ބުނެފައި ފޯނު ނިވާލައިގެން ކޮޓަރި ތަޅުލައިގެން އޮތީމަ ކަންބޮޑުވަނީ ހަމަ..."

"މަށަށް ހީވަނީ ޚަލީސީ ނުބުނެ އައީމަ ދޮންބެ ރުޅިއައިސްގެން ކޮޓަރިން ނުނިކުންނަން އޮތީހެން...." ހަޒަލް އެއްފަރާތުގައި ހުރި ތިރި ގޮނޑިއެއްގައި އިށީދެލައިގެން އުނގުގައި ހުރި ތެލުލި ބަނބުކެޔޮ ދަޅު ހަފަމުން ދިޔައެވެ."އުޑުމަތި އެހާ ރަތްކޮށް އޮތީމަ ސްޓްރޭންޖަރ ތިންގްސްގެ ޝޫޓިންގައި އުޅެވޭކަހަލަ އިހުސާސެއްވަނީ؟ ޚަލީސީ ކީއްވެ ގޯސްޓް އެއްޗެހި ގަބޫލުނުކުރަނީ؟ސުޕަނެޗުރަލް ފޯސެސް ވާކަން ހަމަ ގަބޫލުނުކުރަންތަ؟"

އެވަގުތު ފުރާޅުމަތިން ތޫނު އެއްޗެއް ދެމިގެން ދިޔަ އަޑާއެކު ބޮޑު ފިޔަގަނޑެއްލާފައި ހުރި އެއްޗެއް އުދުއްސައިގަތްފަދަ އަޑެއްވެސް އިވުނެވެ.

"އެއީ ކޯންޗެއް؟" ހަޒަލް ވަށައިގެން ހޯދައިލިއެވެ.

"ޖިންނި....." ޚަލިސީ ހިނިގަނޑެއް ޖަހައިލިއެވެ.

"މަޖަލެއްނޫން އިނގޭ. ސީރިޔަސްކޮށް...."

"ކަމޯން ހަޒަލް. އެއީ ވާލެއްކަން ޔަގީން. ކިޔަވައިގެން ހުރި ޑޮކްޓަރެއް ތިހާ ފިނޑިވާން ޖެހޭތަ؟ ހައިސަމްވެސް ބުންޏޭ ހަންޑިއަކީވެސް މިގޭގައި އުޅޭ މަޚުލޫގުންނޭ. އެހެން ބުންޏަސް އޭނަވެސް ގަބޫލެއްނުކުރޭ. ވިސްނާލީމަވެސް އިނގޭނެ.." ޚަލީސީ ވާރޭތެރެއަށް އަތް ދިއްކޮށްލަމުން ވާރޭގެ ފިނިކަން އިހުސާސްކުރިއެވެ. އެމާއާއި ސޫފީ ސިޓިން ރޫމް ތެރޭ ތިބެ ކޮންމެވެސް ސަކަރާތެއް ޖަހާ އަޑުއިވެއެވެ. ރޯޒަލީ އިރުއޮއްސެންވާއިރަށް ނަމާދުގެއަށްވަދެ އާދައިގެ މަތިން ދޮރު ތަޅުލައިފިއެވެ.

***

ޚަލީސީ ހައިސަމްގެ ކޮޓަރީގެ ދޮރުގައި ދެތިންފަހަރު ޓަކިދިނެވެ. ކޮޓަރީގެ ބޮކިވެސް ނިވާލާފައި އޮތުމުން އޭނަގެ ހިތް ބިރުގަންނަނީއެވެ. ހަޒަލްމެން މާ ބޮޑުކަމަކަށް ނަހަދާއުޅުނަސް ޚަލީސީއަށް އެކަންތައް ވީ ބޮޑު އިމަޖެންސީއަކަށެވެ. ހައިސަމް ރުޅިގަދަވެގެން އަމިއްލަ ނަފުސަށް ގެއްލުން ދިނީހެއްޔެވެ؟ ނޫނެކެވެ. އެއަށްވުރެ ހައިސަމްއަށް ވިސްނޭނެއެވެ. އޭނައަކީ ފަސޭހައިން މާޔޫސްވާވަރަށްވުރެ ހަރުދަނާ ޒިންމާދާރު ޒުވާނެކެވެ. ހަޒަލްއާއި އެމާއަށްވެސް އެހިސާބަށް އާދެވުނީ ޚަލީސީ ދެރަވެފައި ހުރިވަރުންނެވެ. ކުއްލިއަކަށް އެންމެނަށް އެކީގައިހެން ބަލައިލެވުނީ ހަޅޭކުގެ އަޑު އައި ދިމާލަށެވެ.

"ލައިލާ...." އެމާއަށް ބުނެވުނެވެ.

ލައިލާ ލޯ މުދުނަށް އަރުވައިގެން ހުރެ ދުވެފައި އައިގޮތަށް ހުއްޓުނުއިރު ނޭވާވެސް އުފުރިއަރާވަރުވެއްޖެއެވެ.

"ކުޑަދޮރުގައި ޓަކިދޭހެން ހީވެގެން ބަލައިލިއިރު ލޯ ރަތްކޮށްގެން ބިރުވެރި ސިފައެއްގައި ހުރި އެއްޗެއް އެދިމާލުގައި ހުރީ...."

"ސުބުހާނަﷲ....ޚަލީސީ. ބުނީމެއްނު ކޮންމެވެސް ގޯހެއް އުޅެއޭ.."

"ތިބުނާ އެއްޗެއް ދެއްކީމަ ގަބޫލުކުރާނީ..."

ޚަލީސީއާއި އެހެން ކުދިން ލައިލާގެ ފަހަތުންގޮސް ކުޑަ ކޮޓަރިއަކަށް ވަނެވެ. ރަތްކުލައިގެ ބޮއްކެއް ދިއްލާލާފައިވާއިރު ނާމާންގޮތެއްހުއްޓެވެ. ފަނިފަކުސައާއި ބޮއްތައް އެއް ވާނަކަށް އަޑު ގޮއްވަނީ ވާދައަށް ކަހަލަ ގޮތަކަށެވެ. ލައިލާގެ ކުޑަދޮރުގެ ބިއްލޫރިތަކުގައި ދަމާފައި ހުރި ފަރުދާ ކަހާފައި ހުރުމުން ބޭރު ސާފުކޮށް ފެނެއެވެ. އެ މަންޒަރު އެންމެނަށްވެސް ފެނުނެވެ.

"ހަންޑި......"އެމާއަށް ހަޅޭއްލަވައިގަނެވުނެވެ.

ހުރިހާ ކުދިން ހަޅޭއްލަވަމުން އެކި އެއްޗެހި ކިޔަމުން ދުއްވައިގަތްއަޑު ގޭތެރޭގައި ގުގުމާލައިފިއެވެ. އެންމެ ފަހަތުގައި ހުރީ ޚަލީސީއެވެ. ޚަލީސީގެ މޭގަނޑުވެސް އަނގަޔަށް ނައީ ހަމަ ކިރިޔާއެވެ. އެ މީހާ ކުޑަދޮރުން އަރައިގެން އެމީހުންގެ ފަހަތުން އަންނަނީ ކޮން މަގުސަދެއްގައިކަންވެސް އެނގެނީއެއްނޫނެވެ.

"އޭނަ އަހަރެމެން ފަހަތުން އެބަ އާދޭ.........." ޚަލީސީ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. އެހެން ކުދިންނަށްވުރެ ފަހަތުގައި ހުރި އެމާއަށް އެނބުރި ބަލައިލެވުނުއިރު "ހަންޑި" ހުރީ އޭނަގެ ފަހަތުގައި ޖައްސާލާފައެވެ. ބޮޑު މާސިންގާ ދަތްޕިލާ ދިލުވާލައިގެންނެވެ. ކަޅުކަމުން އެންދެރިގަނޑަކަށްވުރެ ކަޅު މީހާގެ ލޯވެސް ރަތްކަމުން ދިއްލިފައެވެ. އެމާގެ ޚަބަރު ހުސްވެގެން ވެއްޓެން ދަނިކޮށް އެ ހަންޑި އޭނައާއި ދިމާލަށް އަތްދިއްކޮށްލިކަން އެނގުނެވެ. އެބިރުވެރި ކަށި އަތުގެ ހިމާޔަތަށް އޭނަ ދިޔައީކަން އެނގިގެން ފޮޅުވައިލަންވެސް މަސައްކަތްކުރެވުނެވެ.

ނުނިމޭ