28 Mar 2012, 10:22
އަމިއްލައަށް މަރުވެގެން ހަމަލާދޭން ބޭނުންކުރާ ގޮވާތަކެތި ހަރުކޮށްފައިވާ 20 ކަމަރު އަފުޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީގެ އިމާރާތުން ފެނުމާ ގުޅިގެން އެތަނަށް ހަމަލާދޭން ރޭވި ކަމުގެ ތުހުމަތުގައި އެގައުމުގެ ގިނަ އަދަދެއްގެ ސިފައިން އިއްޔެ ހައްޔަރުކޮށްފި އެވެ.
ނިއުޔޯކް ޓައިމްސް ބުނި ގޮތުގައި ކަމަރުތައް ފެނުމާ ގުޅިގެން ޑިފެންސް މިނިސްޓްރީގެ އިމާރާތް އިއްޔެ މުޅިން ހެން ބަންދުކުރި އެވެ. ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ އަފުޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީ ހުންނަނީ އެގައުމުގެ ރިޔާސީ ގަނޑުވަރާއި އެ ގައުމުގައި ތިބޭ ބޭރުގެ ސިފައިންގެ މައިމަރުކަޒާ ވަރަށް ކައިރީގަ އެވެ.
އިއްޔެ ފެނުނު ކަމަރުތައް ބޭނުންކޮށްގެން ހަމަލާދޭން ރާވާފައި ވަނީ ސަރުކާރުގެ މުވައްޒަފުން ދަތުރުކުރާ ބަސްތަކަށާއި ޑިފެންސް މިނިސްޓްރީއަށް ކަމަށް ވަނީ ބެލެވިފަ އެވެ.
އަމިއްލައަށް މަރުވެގެން ހަމަލާދޭ ކަމަރުތައް އަފުޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ފެނިފައި މިވަނީ އަފުޣާނިސްތާނުގައި ތިބޭ ބޭރުގެ ސިފައިންނަށް އަފުޣާން ސިފައިން ހަމަލާ ދިނުމުގެ ހާދިސާތައް އިތުރުވެފައިވާ ދުވަސްވަރެއްގަ އެވެ. އެކަން އިތުރުވެފައި ވަނީ އެމެރިކާ ސިފައިންގެ މީހަކު ބަޑިން ހަމަލާދީ އަފުޣާން އާއްމުންގެ 16 މީހުން މަރާލި ފަހުންނެވެ.
ޑިފެންސް މިނިސްޓްރީގެ އިމާރާތުން ކަމަރުތައް ފެނުނު ހާދިސާ އަފްޣާނިސްތާނު ސަރުކާރުން ރަސްމީކޮށް ކަށަވަރުކޮށް ނުދިން ކަމަށް ވިޔަސް އެ ގަމުގެ ސިފައިންގެ ބައެއް އިސް މީހުންނާއި ނޭޓޯގެ ބައެއް އިސް އޮފިޝަލުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.