04 Aug 2022, 13:00
ދ. ކުޑަހުވަދޫން ބަލި މީހުން ގެނައުމުގެ އުސޫލަށް ބޮޑެތި ލުއިތަކެއް ދިނުމަށް މަންތާ އެއާ އިން އެއްބަސްވެއްޖެއެވެ.
ހާޓްއެޓޭކެއް ޖެހިގެން ޒުވާނަކު އިތުރު ފަރުވާއަށް މާލެ ގެންނާނެ ގޮތެއް ނެތިގެން އެ ރަށު ރައްޔިތުން ހޯމަ ދުވަހުގެ ރެއިން ފެށިގެން އިހުތިޖާޖު ކޮށްފައިވާއިރު އެކަމާ ގުޅިގެން މަންތާ އެއާގެ އިސްވެރިން ވަނީ އެރަށު ކައުންސިލާއި ރައްޔިތުންނާ ރޭގެ ވަގުތެއްގައި ބައްދަލު ކޮށްފައެވެ.
ކުޑަހުވަދޫ ރައްޔިތަކު 'ސަން' އަށް މައުލޫމާތު ދިން ގޮތުގައި ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެން ދިޔަ އެ ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް ނިންމާފައިވެއެވެ.
އެގޮތުން އެންމެ މުހިއްމު އެއް ނިންމުމަކީ އެމަޖެންސީ ހާލަތުގައި ގެންދަން ޖެހޭ ބަލި މީހުން އިރުއޮއްސި ހައެއްގެ ކުރިން ނަމަ ސީޕްލޭންގައި ގެންދިއުމަށާ، ހައެއްގެ ފަހުން ނަމަ މޯލްޑިވިއަން އާއި ގުޅިގެން ބަލިމީހާ ގެންދިއުމަށް ނިންމުން ކަމަށް އޭނާ ފާހަގަކުރިއެވެ.
އެ މަޝްވަރާ ބައްދަލުވުމުގައި މަންތާ އެއާގެ ސީއީއޯ މުހައްމަދު ޚަލީލް ވަރަށް ގިނަ ކަންކަން އޮޅުން ފިލުވައިދެއްވި ކަމަށް ވެސް އޭނާ ބުންޏެވެ.
"ވަރަށް ގިނަ ކަންކަން އޮޅުންފިލި ބައްދަލުވުމުގައި. ޚަލީލް ވިދާޅުވީ ބަލި މީހަކު އިމާޖެންސީ ކޮށް ގެންދަން ޖެހޭ ހާލަތްތަކުގައި ކައުންސިލް މެދުވެރިކޮށް ކޮންޓެކްޓް ކޮށްގެން ގެންދެވޭނެ ކަމަށް." އޭނާ ބުންޏެވެ.
ކުޑަހުވަދޫ އެއާޕޯޓުގައި ހިނގި ހަމަނުޖެހުން ތަކުގެ ސަބަބުން ދެވުނީ ނުބައި މެސެޖެއް ކަމަށް މީގެ ކުރިން ޚަލީލު ވިދާޅުވެފައިވާއިރު އެކަން ހިނގައި ދިއަ ގޮތް ކުޑަހުވަދޫ ރައްޔިތުން އޮޅުންފިލުވައިދިނުމުން އޭނާ މައާފަށް އެދިފައިވާ ކަމަށް މަޝްވަރާގައި ބައިވެރިވި އެރަށު ރައްޔިތަކު ވަނީ ބުނެފައެވެ.
މަންތާ އެއާ އިން މީގެ ފަހުން ގެންނަ ބޯޓުތަކަކީ ސްޓްރެޗާ އެރުވޭ ގޮތަށް ހުންނަ ބޯޓުތަކެއް ކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ކުޑަހުވަދޫގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރު ވެސް ކޮށްފައެވެ. އޭގެ ތެރޭގައި ފުލުހުންނާ ކުރިމަތިލި ކަމަށް ތުހުމަތު ކުރެވޭ މީހުން ހިމެނެއެވެ.