28 Mar 2012, 10:07
ޕިޔޮންޔަން (މާޗް 28) : އެމެރިކާއާއި ޖަޕާން ފަދަ ޤައުމުތަކުން ކިތަންމެ ވަރަކަށް ދެކޮޅުހެދި ނަމަވެސް ޖައްވަށް ސެޓަލައިޓް ފޮނުވުމުގެ ކަންތައް އަންނަ އެޕްރީލްމަހު ކުރިޔަށްގެންދާނެކަން އުތުރުކޮރެޔާ ކަށަވަރުކޮށްދީފި އެވެ.
އުތުރުކޮރެޔާގެ ޚާރިޖިއްޔާގެ ތަރްޖަމާނަކާ ޙަވާލާދީ އެޤައުމުގެ ސެންޓްރަލް ނޫސްއެޖެންސީ ބުނީ ކޮންމެ ޤައުމަކުން ދެކޮޅުހެދި ނަމަވެސް ސުލްޙަވެރި ބޭނުންތަކަށް ސެޓަލައިޓް ފޮނުވުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމުގައެވެ. އުތުރުކޮރެޔާ ބުނާގޮތުން އަންނަ އެޕްރީލްމަހު އެޤައުމުން ޖައްވަށް ފޮނުވަނީ މުސުމާބެހޭ ދިރާސާތައްކުރުމުގެ ސެޓަލައިޓެކެވެ. މިއީ އުތުރުކޮރެޔާގެ މުސްތަޤްބަލަށް އެޅޭ ރަނގަނޅު ފިޔަވަޅެއް ކަމަށްވާތީ މިކަން ކުރާނެ ކަމަށް އެޤައުމުގެ ޚާރިޖިއްޔާގެ ތަރްޖަމާން ވިދާޅުވިއެވެ.
އުތުރުކޮރެޔާއިން ޖައްވަށް ފޮނުވަން ގަސްދުކުރާ ސެޓަލައިޓް ވައްޓާލަން ޖެހިދާނެކަމުގެ އިންޒާރު ޖަޕާނުންވަނީ ދީފަ އެވެ. އަދި އެމެރިކާ ވެސްވަނީ މިކަން ނުކުރުމަށް އުތުރު ކޮރެޔާއަށް ހަރުކަށި އިންޒާރުތަކެއް ދީފައެވެ. އެމެރިކާގެ ޚާރިޖިއްޔާއިން މިކަން ސިފަކޮށްފައިވަނީ ޖެއްސުމުގެ ޢަމަލެއްގެ ގޮތުގައެވެ. މިއީ ދުރު ރާސްތާގެ މިސައިލް ތަޖްރިބާކުރުމަށް އުތުރުކޮރެޔާ ރޭވިރޭވުމެއް ކަމަށްވެސް އެމެރިކާ ބުނެއެވެ.
އުތުރު ކޮރެޔާއިން ޖައްވަށް ސެޓަލައިޓެއް ފޮނުވުމަށް ނިންމާފައިވަނީ ނިއުކްލިޔަ އަދި މިސައިލް ތަޖްރިބާތައް ހުއްޓާލުމަށް އެމެރިކާއާއެކު އުތުރުކޮރެޔާ އެއްބަސްވެފައި ވަނިކޮށެވެ. އުތުރުކޮރެޔާ މިކަމަށް އެއްބަސްވީ 240 ހާސް ޓަނުގެ ހިލޭކާބޯތަކެތި އެޤައުމަށް ފޯރުކޮށްދިނުމަށާއި އަދި ކުރިމަގުގައި އުތުރު ކޮރެޔާއަށް އިތުރަށް ބޭނުންވާ ކާބޯތަކެތީގެ އެހީތައްވެސް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެމެރިކާ ދިނުމުން ކަމަށް އެމެރިކާ ބުނެއެވެ.
އުތުރުކޮރެޔާއިން ސެޓަލައިޓެއް ޖައްވަށް ފޮނުވުމުގެ ފަހަތުގައިވަނީ ދުރާސްތާގެ މިސައިލެއް ތަޖްރިބާކުރުން ކަމަށްވެސް އެމެރިކާއާއި ޖަޕާން ތުހުމަތުކުރެއެވެ. -- ނޫސްއެޖެންސީތައް