ކުޑަހުވަދޫގައި ކުރިއަށްދާ އިހުތިޖާޖާ ގުޅިގެން ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އެ އިހުތިޖާޖާ ގުޅިގެން، ރޭގެ ވަގުތެއްގައި ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އަންގާރަ ދުވަހުގެ ހެނދުނު ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގާފައިވާއިރު އެ ދުވަހު ހައްޔަރު ކުރި މީހާ ދޫކޮށްލާފައިވާ ކަމަށެވެ.

އެރަށުގައި އިހުތިޖާޖު ކުރަން ފަށާފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ޒުވާނަކު އިތުރު ފަރުވާއަށް މާލެ ގެންނާނެ ގޮތެއް ނެތިގެންނެވެ. އެ މައްސަލައިގައި އެ ރަށު ރައްޔިތުން ދަނީ ހޯމަ ދުވަހުގެ ރެއިން ފެށިގެން އިހުތިޖާޖު ކުރަމުންނެވެ.

އެ ރަށު ކައުންސިލު މެންބަރު އަބްދުﷲ ޖަމީލު 'ސަން' އަށް ކުރިން ވިދާޅުވީ އެއީ އިއްޔެ ނުވަތަ މިއަދު ވާކަމެއް ނޫން ކަމަށެވެ. އެއާޕޯޓު އެންމެ ފުރަތަމަ ހުޅުވި ދުވަހުން ފެށިގެން މިއަދާ ހިސާބަށް އައިރުވެސް އެންމެ އެމަޖެންސީ ވަގުތުތަކުގައި ބަލި މީހާ މާލެ ގެނެވޭ ގޮތެއް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިތާ ބޮޑު އެއާޕޯޓެއް އޮވޭ. އޮޕަރޭޓުވެސް ކުރޭ. އެކަމު މަންތާގެ ފްލައިޓުތައް އޮންނަ އިރުވެސް ބަލި މީހާ އެންމެ ހާލުދެރަވާ ވަގުތުތަކުގައިވެސް އަދިވެސް މިއުޅެނީ މާލެ ގެންދެވޭނެ އިތުރު ގޮތެއް ނެތިގެން. އެންމެ ކުރިންވެސް ރައްޔިތުން ދައްކާ މިވާހަކަ. ޝަކުވާވެސް ކުރޭ. ހައެއްކަ އަހަރުވީ މިހާރު މި ވާހަކަ ދައްކާތާ." އޭނާ ވިދާޅުވިއެވެ.

އެ އިހުތިޖާޖު އަންގާރަ ދުވަހު ހުއްޓާލުމަށް ފަހު އަނެއްކާވެސް އިއްޔެގެ ވަގުތެއްގައި ވަނީ އިހުތިޖާޖު ފަށާފައެވެ. އެ ރަށު ރައްޔިތަކު 'ސަން' އަށް މައުލޫމާތު ދިން ގޮތުގައި އިހުތިޖާޖު ހުއްޓާލާފައިވަނީ އެ ހާދިސާއާ ގުޅިގެން މަންތާ އެއާލައިނުގެ އިސްވެރިން އިއްޔެ ހަވީރު 04:00 ގައި އެރަށަށް ގޮސް ރައްޔިތުންނާ މަޝްވަރާ ކުރަން ނިންމުމުންނެވެ.

ނަމަވެސް އެ އެއްބަސްވުމާ ޚިލާފުވުމުން އަލުން އިހުތިޖާޖު ފެށީ ކަމަށް އޭނާ ބުންޏެވެ.