ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފޯނު ފޭރިގަތް ވާހަކައަކީ ވަރަށް ބޮޑު ޖޯކެއް ކަމަށް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ފަރިއްކުޅުއްވަން އިންނަވަނިކޮށް އެމަނިކުފާނުގެ ފޯނު ފޭރިގެންފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އާއިލާ އާ ހަވާލާދީ އީވާ ވިދާޅުވީ އެމަނިކުފާނު ފަރިއްކުޅުއްވަން އިންނަވަނިކޮށް މީހަކު އައިސް ފޯނު ޖަހައިގެން ދުވެ، ފިލީ ކަމަށެވެ.

އެމަނިކުފާނުގެ ފޯނު ފޭރިގަނެފައިވާ ކަމަށް އީވާ ވިދާޅުވެފައި އެ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް، އަންހެނަކާއެކު ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް ހުރި ކަމަށް ވިދާޅުވެ، ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅޭ ގޮތުން ރޮޒައިނާ "ސަން"އަށް ވިދާޅުވީ، ތަނެއްގައި ރައީސް ނަޝީދު ފަރިއްކުޅުއްވަން އިންނަވަނިކޮށް މީހަކު އެތަނަށް ވަދެ، އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ފޯނެއް ފޭރިގަނެގެން ހިނގައިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ޖޯކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފޮޓޯތަކެއްގެ ވާހަކަ ދައްކާފައި އޮއްވައި ފޯނު ގެއްލުނީމަ، ދެން އެ ފޮޓޯތައް ދައްކާކަށް ނުޖެހޭނެ ނޫންތޯ. އެހާ ހިސާބުން އެކަން އެ ނިމުނީ ނޫންތޯ. އެކަމަކު އެ ފޮޓޯތައް ފޮނުވި މީހެއް ވެސް ހުންނާނެތާ. އެމީހަކު އަތުގައި އެ ފޮޓޯތައް ހުންނަންވާނެ،" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދު، ކޮންމެ ތަނަކަށް ވަޑައިގަތަސް އެމަނިކުފާނާއެކު ސިފައިންގެ ސެކިއުރިޓީ ދާނެ ކަމަށާއި އެހެންކަމުން އަތުގައި އޮތް ފޯނެއް އެހާ ފަސޭހައިން ފޭރި ގަނެގެން މީހަކު ފިލި ވާހަކަ އަކީ ސަލާމަތް ބުއްދިއެއް ހުރި އެކަކު ވެސް ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.

"މަޖިލީހުގެ ބައެއް މެންބަރުން އެބަ، ސުވާލު ކުރައްވާ، ހާބަރު ކަޑައެއްގައިތޯ އިންނެވީ. ރައީސް ނަޝީދު، މުޅިން ވެސް އެ ދައްކަވަނީ ތާކުންތާކު ނުޖެހޭ އެކަހަލަ ކަނޑުކޮސް، ވާހަކަ،" ރޮޒައިނާ ވިދާޅުވިއެވެ.

ރައީސް ޞާލިޙު އަންހެނަކާއެކު ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް ހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި އެމަނިކުފާނުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެންއެވެ.