ރިޔާސީ ނިޒާމެއްގައި ރައީސުލް ޖުމްހޫރިއްޔާގެ ފުރިހަމަ ބާރާ އިހުތިހާރުގެ ދަށުން ރާއްޖޭގެ އިގުތިސޯދީ ސިޔާސަތާއި ސިޔާސީ މަސްރަހު ބައްޓަން ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް، ޕީޕީއެމުން ވަކިވެވަޑައިގެންވި ސިޔާސީ ލީޑަރު ޑރ. މުހައްމަދު ސައުދު ގޮވާލައްވައިފި އެވެ.

ސަން މިޑިޔާ ގްރޫޕްގެ ސަން އެފްއެމްގެ "ބިގް ޓޯކް" ޕްރޮގްރާމަށް ޑރ. ސައުދު ދެއްވި ރޭ ދެއްވެވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އިގުތިސޯދީ ގޮންޖެހުންތައް ފިލުވާލަން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި ރައީސް ވަހީދު އެކަމަށް ސަމާލުވެ ވަޑައިގަތުން މުހިންމު ކަމަށެވެ.

"[ރައީސް] ވަހީދުގެ ސަމާލުކަމަށް ދަންނަވަން ބޭނުންވޭ ޔުނިޓީ ގަވަރުމެންޓެއްގައި [އެއްބައިވަންތަކަމުގެ ސަރުކާރެއްގައި] މަސައްކަތް ކުރައްވަމުން ވަޑައިގަންނަވާއިރު ވަރަށް ބޮޑަށް ވިސްނާ ވަޑައިގަންނަވަން ޖެހޭނޭ ބޭރުގެ އިންވެސްޓަރުން، އިގުތިސޯދީ ގޮތުން ރާއްޖެއާ ބައިވަރިވާން ބޭނުންވާ މީހުނަށް. އެފަރާތްތައް ވަރަށް ބޮޑަށް ފަސްޖެހިގެން ހިނގައިދާނެ ނުވަތަ އިންވެސްޓަރުން އިންވެސްޓް ނުކޮށް މަޑުކޮށްފާނެ ސަބަބުތަކެއް ހުރެދާނެ،" ޑރ. ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ އޭގެ ތެރޭގައި އެންމެ ފާހަގަ ކުރެވޭ ކަމަކީ ގިނަ ޕާޓީތަކެއް ހިމެނޭ އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ގިނަ ވެރިންތަކެއް ތިއްބަވާއިރު "ޕަވާ" ނުވަތަ ބާރު ކޮންޓްރޯލް ކުރައްވާ ހަގީގީ ވެރިޔަކީ ކާކުކަން އިންވެސްޓަރުންނަށް ކަށަވަރު ނުވުން ނުވަތަ ނޭނގުން ކަމަށެވެ.

"ބާރު ކޮންޓްރޯލް ކުރަނީ ކާކުކަން ނޭނގުމަކީ އެމީހުން، އިންވެސްޓް ކުރުމަށް ފަސްޖެހިދާނެ ސަބަބެއް އަޅުގަނޑު [ރައީސަށް] އިލްތިމާސް ކުރަނީ އެގޮތް ވީހާވެސް ކުޑަ ކުރައްވާ ރިޔާސީ ނިޒާމެއްގައި ރައީސަށް އޮންނަންޖެހޭ ފުރަތަމަ ބާރާ އިހުތިހާރުގެ ދަށުން ރާއްޖޭގެ އިގުތިސޯދީ އަދި ސިޔާސީ މަސްރަހު ބައްޓަން ކޮށްދެވުމަށް،" ޑރ. ސައުދު ވިދާޅުވި އެވެ.