03 Mar 2010, 11:53
14:30
ފުލުހެއްގެ ސައިކަލުންޖެހި މަގު ހުރަސްކުރަން އުޅުނު ކުޑަކުއްޖަކު ޒަހަމްވެ، 52 އަހަރުގެ އަންހެނަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭ ހިޔާ- 2 ކައިރި ބުރުޒު މަގާއި ކޮއިމަލާ ހިނގުމާ ގުޅުނު ހަތަރު އަނގޮޅި ކަންމަތީގައި ރޭ 9:15 ހާއިރު ހިނގި އެ އެކްސިޑެންޓްގައި ސައިކަލުން ޖެހިގެން ޒަހަމްވި އަންހެން މީހާ މަރުވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށެވެ. މި އެކްސިޑެންޓްގައި މަރުވި އަންހެން މީހާއަކީ މާލޭހިޔާގައި އުޅޭ އަންހެނެއް ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވެފައި ވަނީ ބުރުޒުމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއް ބުރުޒު މަގާއި ކޮއިމަލާހިގުން ގުޅޭ ހަތަރު އަނގޮޅި ހިސާބުން، މަގު ހުރަސްކުރަން އުޅުނު އަންހެނެކާއި ކުޑަކުއްޖެއްގެ ގައިގައި ޖެހިގެން ކަމަށް ފުލުހުން ބުނެ އެވެ. މިހާދިސާ ހިނގުމާއެކު އެ އަންހެން މީހާ އާއި ކުޑަކުއްޖާ ވަނީ އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި އަދި އަންހެންމީހާ މަރުވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް އައި.ޖީ.އެމް ހޮސްޕިޓަލުން އޭނާ ބެލި ޑޮކްޓަރުން ޔަޤީންކޮށްދެއްވާފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
މި ހާދިސާގައި ކުޑަކުއްޖާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސްފައިވާ ކަމަށާއި އަދި އެކުއްޖާއަށް އައި.ޖީ.އެމް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެ އެވެ.
މި އެކްސިޑެންގައި ސައިކަލު ދުއްވަންއިން މީހާ މީހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.