03 Aug 2022, 19:34
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ފޭރިގަނެފިއެވެ.
ރައީސް ނަޝީދުގެ އާއިލާ އާ ހަވާލާދީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެމަނިކުފާނުގެ ފޯނު ފޭރިގެންފައި ވަނީ އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ފަރިއްކުޅުއްވަން އިންނަވަނިކޮށް ކަމަށެވެ.
އީވާ ވިދާޅުވިގޮތުގައި އެމަނިކުފާނު ފަރިއްކުޅުއްވަން އިންނަވަނިކޮށް މީހަކު އައިސް ފޯނު ޖަހައިގެން ވަނީ ދުވެ ފިލައިފައެވެ.
އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އީވާ ގެންނެވުމުން ރައީސް ނަޝީދުގެ ނަންބަރު މިހާރު ވަނީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން ރިމޫވްކޮށްފައެވެ.
ރައީސް ނަޝީދުގެ ނަންބަރު ބްލޮކް ކޮށްލުމަށް އީވާ އަރިހު އެމަނިކުފާނުގެ ދަރިކަނބަލަކު ވަނީ އެދިވަޑައިގެންފައެވެ.
އެމަނިކުފާނުގެ ފޯނު ފޭރިގަނެފައިވާ ކަމަށް އީވާ ވިދާޅުވެފައި ކިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް، އަންހެނަކާއެކު ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް ހުރި ކަމަށް ވިދާޅުވެ، ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދު އެ ތުހުމަތު ކުރެއްވީ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އެމަނިކުފާނުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެންއެވެ.