28 Mar 2012, 08:45
ދެހާސް ފަސް ވަނަ އަހަރު ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައި ދަނޑިވަޅުގައި އެންމެ ފުރަތަމަ ޕާޓީ ރަޖިސްޓްރީކޮށް ޕާޓީ ހަރަކާތްތައް ފަށައިގަތީ އެމްޑީޕީ އެވެ. އޭގެ ފަހުން އައި ގިނަ ޕާޓީތަކެއް ވާދަކުރި ރިޔާސީ އިންތިހާބުގައި ވެރިކަން ހޯދައިގެން އެމްޑީޕީގެ މެންބަޝިޕް ވަނީ 47000 އަށް ވުރެ މައްޗަށް ޖައްސައި މެންބަރުންގެ އަދަދު ލައްކައަކަށް އަރުވަން މެކުހަށް ޖެހި ދަތުރެއް ފަށާފަ އެވެ. ދަތުރުގައި ޕާޓީ މައި "އިންޖީނަށް" މައްސަލަތައް ދިމާވެ ސަރުކާރު ވެއްޓުނު ހިސާބުން ފެށިގެން ޕާޓީ ތެރޭގައި މައްސަލަތަކެއް އުފެދިފައިވާ ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.
"ޑީއާރްޕީގެ ބަނޑުން ޕީޕީއެމް ކިޔާ ދަރިއެއް ވިހޭ ގޮތަށް، އެމްޑީޕީގެ ބަނޑުން ދަރިއެއް ވިހާނެ ކަމުގެ ކޮޅުމަތި ވަރަށް އަވަހަށް ފެންނާނެ،" އެމްޑީޕީގެ ވެރިކަން ނިމުމާއެކު މިހާރުގެ ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބޭފުޅަކު އޭނާގެ ޓްވިޓާގައި ލިޔުއްވާފައި ވެއެވެ. އެނޫނަސް ސިޔާސީ ވާހަކަތައް ދައްކާ ވަރަށް ގިނަ މީހުން އެހެން ބުންޏެވެ. އެއާއެކު ދެން ފެނުނީ "ނިއު އެމްޑީޕީ" އެއް އަންނަނީ ކަމަށް ބުނެ މަގުމައްޗަށް އުކާފައިވާ ކަރުދާސްތަކެކެވެ. އަދި ކުއްލިއަކަށް އަޑު އިވެން ފެށީ ވެރިކަން ބަދަލުވުމަށް ފަހު ރައީސް މުހައްމަދު ނަޝީދުގެ ފެއްޓެވި މޫވްމެންޓާ ދެކޮޅު ބޭޅުންތަކެއް ޕާޓީގެ ތެރޭގައި ތިއްބެވި ވާހަކަ އެވެ. އެ ގޮޅީގެ ތެރޭގައި ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ ހިމެނިވަޑައިގަންވާ ކަމަށް އަޑު ފެތުރުނެވެ. އެކަމަށް ބާރު ލިބިދޭ އޯޑިއޯތައް ލީކުވާން ފެށި އެވެ.
އެމްޑީޕީގެ ބާރުތަކުގެ ތެރޭގައި ދެބަސްވުން އުފެދެން ފެށި ހިސާބެއް ކަމަށް މީހުން ބުނަން ފެށީ ޕާޓީގެ ރައީސަކަށް ޑރ. އިބުރާހިމް ދީދީ އިންތިހާބުވެ ވަޑައިގެންނެވި ހިސާބެވެ. އޭނާ އިންތިހާބު ވެ ވަޑައިގަތީ ސިޔާސީ ގޮތުން ރައީސް މުހައްމަދު ނަޝީދުގެ ފޭވަރިޓަކު ބަލި ކުރައްވާފަ އެވެ. އޭރު ވެސް ކުރަމުން ދިޔަ ސުވާލެއް އޮތެވެ. ޑީޑީއަށް ވާނީ ކިހިނެއް ހެއްޔެވެ؟ އޭގެ ފަހުން ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމާ ހަމައަށް ވެސް އެމްޑީޕީގެ އިސް މަގާމުތަކުގެ ތެރެ އޮތީ ގާތްގަނޑަކަށް އުމުގެ ވެފައި ކަމަށް ބޭފުޅުން ވިދާޅުވެއެވެ. މިހާރު ބުނަނީ އެމްޑީޕީގައި ބޮޑެތި ބައިބައިވުންތަކެއް އެބަހުރި ކަމަށެވެ.
ހަގީގަތުގައި ވެސް އެމްޑީޕީގެ ތެރޭގައި މިވަގުތު ބައިބައިވުންތަކެއް ވޭހެއްޔެވެ؟
އެމްޑީޕީގެ ތެރޭގައި ކުރިން އިސްކޮށް ހަރަކާތްތެރިވި ބޭފުޅެއް ކަމަށްވާ ނަޒާކީ ޒަކީ މީގެ ކުރިން ވިދާޅުވެފައި ވަނީ އެމްޑީޕީއަށް ގެއްލުންތައް އެންމެ ބޮޑަށް ކުރިމަތިވަމުންދަނީ އެޕާޓީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާމަނިކުގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ. މޫސަފަދަ ބޭފުޅުންގެ ނުފޫޒުން އެމްޑީޕީ ރީފޯމް ކުރަން ޖެހިފައިވާ ވަގުތު އައިސްފައިވާ ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި އެމްޑީޕީންއަކީ ޑިމޮކްރެޓިކް ޕާޓިއެއްނަމަ އަލުން ވެރިކަމަށް އަންނަ ބޭނުންވާ ޕާޓީއެއް ނަމަ މިހާރު ގެންގުޅޭ "މިލިޓަންޓް" ގޮތްދޫކޮށް ޕާޓީގެ ސިޔާސަތުގެތެރޭގައި ތިއްބެވި ނުފޫޒަގަދަ ބާރުގަދަ މީހުން ޑިމޮކްރަސީގެ އުސޫލާއި އެއްގޮތަށް މަސައްކަތް ކޮށް ރިފޯމްވާން ޖެހެ އެވެ.
"އެމްޑީޕީން ބުނަނީ އެހެން ޕާޓީތަކޭ ހުދުމުހުތާރީ އެޕާޓީއަށް ވުރެ ހުދުމުހުތާރު ޕާޓީއެއް އެބައޮތްތޯ؟ މިހާރުވެސް ރައީސް ނަޝީދު ވިދާޅުވާ ގޮތަށް ކަންކަން ކުރަމުން ދަނީ ރައީސް ނަޝީދުގެ ނެތް ޕާޓީގެ ތެރޭގައި އެއްވެސް ގާނޫނީ ބާރެއް. ނަމަވެސް ރައީސް އާއި ނައިބު ރައީސްގެ ބާރު ކަނޑުވާލުމަށް ފަހު ހުރިހާ ކަމެއ ކުރަމުން އެގެންދަވަނީ އޭގެ ސަބަބުން ޕާޓީގެ ތެރޭގައި ވަނީ ބައިބައިވުންތަކެއް އުފެދިފައި،" އެ މެންބަރު ވިދާޅުވި އެވެ.
އެމްޑީޕީގައި ފެކްޝަން ތަކެއް އުފެދިއްޖެކަމަށް ފާޅުގައި އެންމެ ފުރަތަމަ ވިދާޅުވެ އެޕާޓީން ނުކުމެ ވަޑައިގަތީ ފަހަކަށް އައިސް ޕާޓީގައި "އެމްޑީޕީ ވަންތަ ކަން" ވަރަށް ބޮޑަށް ދައްކަވަމުން ވަޑައިގެންނެވި މަޖިލިސް މެންބަރު އަބްދުﷲ އަބުދުއް ރަހީމެވެ.
އޭނާ އެމްޑީޕީން ވަކިވަޑައިގެން އިއްޔެ އަލުން ޑީއާރްޕީއަށް ސޮއި ކުރެއްވުމަށްފަހު ވިދާޅުވި ގޮތުގައި އެމްޑީޕީން ވަކިވެވަޑައިގަތީ އެމްޑީޕީގައި ފެކްޝަން އުފެދި ވަކި ބަޔަކު ބޭނުންވާ ގޮތަށް އެޕާޓީ ބައްޓަން ވާން ފެށުމުންނެވެ.
އަބްދުﷲ އަބްދުއް ރަހީމަކީ ވަރަށް "ޑައިރެކްޓް ސްޕީޗެއް" ގެންގުޅުއްވާ ބޭފުޅެކެވެ. އެމްޑީޕީއާ ގުޅިވަޑައިގަތީ "ހިތާ ރޫހާ ޖާނާ މާލުދީގެން" ކަމަށް ވިދާޅުވަމުންނެވެ. އެފަދަ ބޭފުޅަކު ކުއްލި ގޮތަކަށް އެމްޑީޕީގައި ފެކްޝަންތަކެއް އެބައޮތޭ، ބައިބައިވުންތައް ވަނީ އިތުރުވެފައޭ ވިދާޅުވުމަކީ އޭގައި ފެންހިފޭ ވާހަކައެއް ނެތޭ ބުނަން އުނދަގޫ ވާހަކަތަކެއް ކަމަށް ސިޔާސީ ބޭފުޅުން ދެކެ ވަޑައިގަންނަވަ އެވެ.
ޑީއާރްޕީގެ އޮފީހުގައި އަބްދުއް ރަހީމް އިންނަވައިގެން ވިދާޅުވި ގޮތުގައި އެމްޑީޕީގެ އިސް ފަރާތްތަކުގެ ފިކުރާއި އޭނާގެ ފިކުރާ އޭނާގެ ފިކުރާ ދިމައެއް ނުވެއެވެ. އެމްޑީޕީގެ އަމަލުތަކާއެކު ފެކްޝަން އުފެދުމުގެ ސަބަބުން ރައްޔިތުންގެ ތާއީދު އެމްޑީޕީއަށް އޮތް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.
"ސިޔާސީ މައިދާނުގައި ކަންތައް ތަރުތީބުވެފައިވާ ގޮތް ބަލައި ސިޔާސީ މައިދާނުގައި ކަންތައް ނިންމެމުން ދާނެ ގޮތްތަކަށް ބަލާފައި ރާއްޖޭގެ ރައްޔިތުން ދެން އެމްޑީޕީއަށް ކުރާނެ މާބޮޑު ތާއީދެއް އޮތްކަމަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ތެރޭގައި ފެކްޝަން އުފެދިފައިވާ ކަމަކަށް ޕާލިމެންޓްރީ ގުރޫޕްގެ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު (އިބޫ) ގަބޫލުފުޅެއް ނުކުރައްވަ އެވެ. އެހެންނަމަވެސް ޕާޓީތެރޭގައި ކޮންމެވެސް ވަރަކަށް މައްސަލަތައް ހުރިކަމަށް އޭނާވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ. އިބޫ ވިދާޅުވަނީ އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓިއެއް ކަމުން ބައެއް ކަންކަމުގައި ހިޔާލު ތަފާތުވުންތައް އުފެދުނަސް ޕާޓީގެ ކަންކަން ގޯހުން ގޯހަކަށް އަދިއެއް ނުދެ އެވެ. ފަހަރުގައި އެއީ ހަގީގަތަކަށް ވެދާނެ އެވެ. ނަމަވެސް މިހާތަނަށް ފެނުނު ކަންކަމާއި މަންޒަރާއި އަބްދުﷲ އަބްދުއް ރަހީމްގެ ސްޓޭޓްމަންޓާއި އިބޫގެ ވާހަކައިން ވެސް ޕާޓީގެ ތެރޭގައި "ހިލުންގަނޑެއް" އޮތް ކަމަށް ބެލެވޭނެ ޖާގަ އެބަ އޮތެވެ.
"ގައުމީ މަޖިލިސް ކަމަށް ވިޔަސް. ގައުމީ ހިންގާ ކޮމިޓީކަމަށް ވިޔަސް ޕާލިމެންޓްރީ ގުރޫޕްކަމަށް ވިޔަސް މެންބަރަކު ފާޅުކުރަން ބޭނުންވާ ހިޔާލު ފާޅުކުރުމުގެ ފުރުސަތު އޮންނާނެ. އޭގެ މާނައަކީ [ފެކްޝަންތަކެއް އުފެދުމެއް ނޫން] އެމްޑީޕީގައި ފެކްޝަން ތަކެއް އުފެދިގެން އުޅޭކަމަށް ގަބޫލެއް ނުކުރަން،" އިބޫ ވިދާޅުވި އެވެ.
އެމްޑީޕީގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޕާޓީގެ އިސް ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންކަން ކުރައްވަމުން ގެންދަވަނީ ޕާޓީގެ އުސޫލުތަކާއި އެއްގޮތަށެވެ. ނަމަވެސް އެހެން ބައެއް ބޭފުޅުން ދެކެ ވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ ތެރޭގައި ކަފިކަފިވުމެއް އައީ ޕާޓީގެ ރައީސް ކަމަށް ޑރ. ޑީޑީ ވަޑައިގަތް ހިސާބުން ޕާޓީގެ ވަގުތީ ޗެއާ ޕާސަނާއި ރައީސާ ދެބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވެ ފާރެއް ލެވި ކުރިމަތިވި ހުރަސްތަކުގެ ތެރޭގައި ކުއްލިއަކަށް ޕާޓީގެ އިސް ލީޑަރެއްގެ ގޮތުގައި ރައީސް މުހައްމަދު ނަޝީދު ނުކުމެ ވަޑައިގަތުމުންނެވެ. ހަގީގަތުގައި ރައީސް ނަޝީދު އެމްޑީޕީގެ އިސްލީޑަރަކަށް ވެވަޑައިގަތީ ޑީއާރްޕީގައި ރޫހާނީ ލީޑަރަކާއި ލީޑަރަކު ހުންނަވާ ކަމަށާއި އޭގެ ތެރެއިން ވެރިޔަކީ ކާކުކަން ނޭނގުމުގެ ސަބަބުން ޕާޓީ ބައިބައިވެފައިވާ ކަމަށް ވިދާޅުވެ ހަޖޫ ކިޔުއްވުމަށްފަހު އެވެ. މިއަދު އެމްޑީޕީން ވެސް ސިފަވާން އެދަނީ ގާތްގަނޑަކަށް ހަމަ އެމަންޒަރެވެ.
"ތިޔަބޭފުޅުން މާޒީއަށް ބައްލަވާ ޕާޓީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް ޕާޓީގެ ލީޑާޝިޕްގައި ކޯނާވެގެން ދިޔަ ގޮތް. ޑރ. މުހައްމަދު މުނައްވަރު އެއްފަރާތްވެގެން ވަޑައިގަންނަވަން ޖެހުނު ގޮތް. ޕާޓީގެ ރައީސަކަށް ޑރ. ޑީޑީ ވަޑައިގަތުމާއެކު ޕާޓީ އޮފީސްތެރެއަށްވީ ގޮތް ޑީޑީ އެކަހެރިކޮށްލެވުނު ގޮތް، ގައުމީ މަޖިލިސް ހިނގައި ދިޔަ ގޮތް. މި އިން ދައްކައިދެނީ އެއް ބޭފުޅެއްގެ ބާރު ގަދަވެފައިވާކަން. އޭބާރުގެ ދަށުގައިވާ ބާރުތަކެއްގެ މުށުތެރޭގައި ޕާޓީ ހައްޔަރުވެފައިވާކަން. މިކަންކަން ރިފޯމް ނުކޮށް އެމްޑީޕީއަށް ދެން ފަސޭހައެއް ނުވާނެ. އެކަމަކު ޕާޓީ ހަރަކާތް ކުރިޔަށް ގޮސްފާނެ. އެއީ ޕާޓީ ހަރަކާތްތަށް ލޯބި ކުރާ މެންބަރުން ތަކެއް އޮތް ޕާޓީއެއް،" އެމްޑީޕީއާ ބެހޭ ގޮތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެމްޑީޕީގެ އެތެރެ "ފަޅައިގެން" ދިއުމަކީ މާ މޮޅު ކަމެއް ވުމެއް ނޫނެވެ. އަދި އެފަދަ ގޮތަކަށް ވާން ބައިވުންތަކެއް އުޅުމަކީ ވެސް އުފާވެރި ހަބަރެއް ނޫނެވެ. އެމްޑީޕީއަކީ މިވަގު އިދިކޮޅުގައި އޮތް ޕާޓީއަށް ވުމުން އެޕާޓީއަކީ ހަރުދަނާ ޕާޓީއަކަށް ވާން ޖެހެ އެވެ. އެކަން ވާން އޮތީ ޕާޓީގެ އިންސާފުގެ ދަތުރުގެ ޕެކޭޖް ތެރެއަށް ރިފޯމް އެޖެންޑާއެއް އިތުރުކޮށްގެނެވެ. އެއީ ނަޝީދުގެ ލިޑާޝިޕް ހަރުދާނާ ކުރާނީތޯ ނޫނީ އެހެން ލީޑާޝިޕެއް ކުރިޔަށް ނެރޭނީތޯ ނިންމާނީ އެމްޑީޕީގެ ޑިމޮކްރެޓިކް ވެށީގަ އެވެ.