03 Aug 2022, 11:44
އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށްޓަކައި ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ޕާޓީގެ ސެނެޓުން ނިންމާފައެވެ.
ހަމައެއާއެކު، ސެނެޓުގެ އެ ނިންމުމާއި އެއްގޮތަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ރައީސް ޔާމީން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ޕީޕީއެމާ ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބާއްވާ އެ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
ޕީޕީއެމްގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ ރިޔާސީ ޓިކެޓް ހަވާލުރަން ބާއްވާ އެ ޖަލްސާއަކީ ރައީސް ޔާމީނަށް ހާއްސަކޮށްގެން ބޭއްވޭ ބޮޑު ޖަލްސާއެއް ކަމަށެވެ.
އެގޮތުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމާއި ރިޔާސީ ޓިކެޓް އެ ރޭގެ ޖަލްސާގެ ތެރެއިން ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭގެ އިތުރުންވެސް އެހެނިހެން ކަންކަންވެސް ޖަލްސާގައި ކުރިއަށްދާނެ. ޖަލްސާ އެންމެ ބޮޑަށް ހާއްސަވެގެން ދަނީ ރައީސަށް ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރާތީ،" އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓަކަށް ރައީސް ޔާމީން ޕްރައިމެރީއަކާނުލައި ހަމަ ޖެއްސުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ކުރިމަތިވެފައެވެ.
ނަމަވެސް އެކަމާ ގުޅިގެން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ޓިކެޓު ދިނީ ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތަށް ކަމަށެވެ. އަދި އެކަމަށް އެހެން ޕާޓީތަކުން ފާޑުކިޔަން ނުޖެހޭނެ ކަމަށާއި އެ ޕާޓީތަކުން އެކަމަށް ފާޑުކިޔަނީ ރައީސް ޔާމީނަށް ޖެހިލުންވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެހެން ޕާޓިތަކުގެ ފާޑުކިޔުންތަކަކަށް ފަރުވާލެއް ނެތްކަމަށާއި އަންނަ އަހަރުގެ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދޭން ނިންމާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ.
އެއީ ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ކުންފުންޏަކާ ހަވާލުކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާ އަކާއި ރ. ފުއްގިރީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައުވާ ދެ ދައުވާއެކެވެ.
އެ ރަށުގެ މުއާމަލާތާ ގުޅިގެން ވެސް އުފުލާފައި ވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ހުށަހެޅުމުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު އެމަނިކުފާނުގެ ކިބައިން އުނިވާނެއެވެ.
އާރަށުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ ހުކުމް އިއްވުން މިހާރު ތާވަލްކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހަށެވެ.