03 Aug 2022, 10:40
ހާޓްއެޓޭކެއް ޖެހިގެން ކުޑަހުވަދޫ ޒުވާނަކު އިތުރު ފަރުވާއަށް މާލެ ގެންނާނެ ގޮތެއް ނެތިގެން އެ ރަށު ރައްޔިތުން ކުރި އިހުތިޖާޖު ހުއްޓާލާފައި ފްލައިޓުތައް އޮޕަރޭޓްކުރަން ފަށާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
އެރަށު ކައުންސިލުން 'ސަން' އަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ މިހާރު އެ ރަށު އެއާޕޯޓަށް ފްލައިޓުތައް އޮޕަރޭޓް ކުރަން ފަށާފައިވާ ކަމަށެވެ. އަދި އިހުތިޖާޖު ހުއްޓާލާފައިވާ ކަމަށާ ނަމަވެސް އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ރައްޔިތުން ހަރަކާތްތެރިވަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.
ކުޑަހުވަދޫގައި އެއާޕޯޓެއް އޮތްނަމަވެސް އެންމެ ބޭނުން ޖެހޭ އަދި އެމަޖެންސީ ވަގުތުތަކުގައި އޭގެ ބޭނުމެއް ނުހިފޭކަމަށާއި އަދި އެކަމަށް ހައްލެއްވެސް ނާންނަ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.
އެ ރަށު ކައުންސިލު މެންބަރު އަބްދުﷲ ޖަމީލު 'ސަން' އަށް ވިދާޅުވީ އެއީ އިއްޔެ ނުވަތަ މިއަދު ވާކަމެއް ނޫން ކަމަށެވެ. އެއާޕޯޓު އެންމެ ފުރަތަމަ ހުޅުވި ދުވަހުން ފެށިގެން މިއަދާ ހިސާބަށް އައިރުވެސް އެންމެ އެމަޖެންސީ ވަގުތުތަކުގައި ބަލި މީހާ މާލެ ގެނެވޭ ގޮތެއް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
"މިތާ ބޮޑު އެއާޕޯޓެއް އޮވޭ. އޮޕަރޭޓުވެސް ކުރޭ. އެކަމު މަންތާގެ ފްލައިޓުތައް އޮންނަ އިރުވެސް ބަލި މީހާ އެންމެ ހާލުދެރަވާ ވަގުތުތަކުގައިވެސް އަދިވެސް މިއުޅެނީ މާލެ ގެންދެވޭނެ އިތުރު ގޮތެއް ނެތިގެން. އެންމެ ކުރިންވެސް ރައްޔިތުން ދައްކާ މިވާހަކަ. ޝަކުވާވެސް ކުރޭ. ހައެއްކަ އަހަރުވީ މިހާރު މި ވާހަކަ ދައްކާތާ." އޭނާ ވިދާޅުވިއެވެ.
ކުޑަހުވަދޫ ރައްޔިތުން ކުރި އިހުތިޖާޖުގައި އިއްޔެ ހެނދުނު ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގާ އެކަކު ހައްޔަރު ކޮށްފައިވެއެވެ.
އެރަށުން މި ނޫހާ އިއްޔެ ވާހަކަ ދެއްކި މީހަކު ބުނީ ފުލުހުންނާ ކުރިމަތިލުން ހިނގާ އެކަކު ހައްޔަރު ކޮށްފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
އެރަށު ރައްޔިތުން އިހުތިޖާޖު ކުރުން ހުއްޓާލާފައިވަނީ މަންތާ އެއާލައިނުގެ އިސްވެރިން މިއަދު ހަވީރު 04:00 ގައި އެރަށަށް ގޮސް ރައްޔިތުންނާ މަޝްވަރާ ކުރަން ނިންމުމުން ކަމަށް ވެސް އޭނާ ބުންޏެވެ.
ކުޑަހުވަދޫ އެއާޕޯޓުގައި ހިނގި ހަމަނުޖެހުން ތަކުގެ ސަބަބުން ދެވުނީ ނުބައި މެސެޖެއް ކަމަށާއި، އެކަމުގެ ނޭދެވޭ އަސަރު ކުރިމަގުގައި ފަތުރުވެރިކަމަށް ކޮށްފާނެ ކަމަށް މަންތާ އެއާގެ ސީއީއޯ މުހައްމަދު ޚަލީލް އިއްޔެ ވަނީ ވިދާޅުވެފައެވެ.
އެ ކުންފުނިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޚަލީލު ވިދާޅުވީ މަންތާގައި މިވަގުތު ބޭނުން ކުރަމުން އަންނަ އޭޓީއާރު މަތިންދާބޯޓުތަކަކީ ސްޓްރެޗާ އެރުވޭ ގޮތަށް ފަރުމާކުރެވިފައިވާ ބޯޓުތަކެއް ނޫން ކަމަށެވެ. ނަމަވެސް ކުޑަހުވަދޫގައި ބަލިމީހަކު މާލެއަށް ނުގެނެވިގެން އުޅެވޭ ކަން އެނގުމާއެކު ސީޕްލޭން ސްޓޭޑްބައިގައި ބޭއްވި ކަަމަށް އޭނާ ވިދާޅުވިއެވެ. ސީޕްލޭނަށް އެވަގުތު ދަތުރުނުކުރެވުނީ ރޭގަނޑުގެ ވަގުތަކަށް ވުމުންނެވެ.
ބަލިމީހަކު އުފުލުމަށް އެދި ހުށަހެޅުމަށް އޮންނަ އުސޫލުގެ ތެރެއިން، މިހާތަނަށް އެ އެއާލައިނަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާކަން އޭނާ ފާހަގަކުރެެއްވިއެވެ.