ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޝަރަފުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ރަސްމީ ޖާފަތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފިއެވެ.

ހައިދަރުއާބާދު ހައުސްގައި މިއަދު މެންދުރު ބޭއްވި މި ޖާފަތުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ރައީސް، ވަނީ ހައިދަރުއާބާދު ހައުސްގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އެ މަނިކުފާނުގެ ދަތުރުފުޅު ނިންމަވާލައްވާ އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތަރެއް ވާ ބުރާސްފަތި ދުވަހުއެވެ.

ރައީސްގެ މި ދަތުރުފުޅުން ދެ ޤައުމުގެ މެދުގައިއޮތް ގާތްގުޅުން ރަމްޒު ކޮށްދެއެވެ. އިންޑިއާއަކީ ރާއްޖޭގެ އިޖްތިމާޢީ، އިގުތިސާދީ އަދި އުމްރާނީ ތަރައްގީގެ ވެސް މުހިންމު ބައިވެރިއެކެވެ. ރާއްޖެއާއެކު އޮތް މި ގުޅުމުގެ ތެރެއިން ސަރުކާރުގެ ގިނަ މަޝްރޫއުތަކެއްގައި އިންޑިއާގެ އެހީތެރިކަން ލިބެމުންދެއެވެ.