02 Aug 2022, 15:09
އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ޝާ އަލޮމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ޝައްހަކަން ކަށަވަރު ކުރުމަށް ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފިއެވެ.
އެ މައްސަލައިގައި ސާލިމްގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއެވެ.
ސާލިމަށް ކުރި ދައުވާގައި ބުނެފައި ވަނީ އޭނާ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދެ ދަގަނޑުބުރިން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށެވެ. އަދި މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށެވެ.
ސާލިމް މިކަންކަމަށް އިއުތިރާފްވި ނަމަވެސް ދައުލަތުން އެދުނީ މަރުގެ މައްސަލައަކަށް ވާތީ ހެކި ހުށަހަޅައިގެން ކުރިއަށް ދާށެވެ.
ދައުލަތުގެ މި ހުށަހެޅުމަށް ދިފާއީ ވަކީލް ވިދާޅުވީ ކުށަށް އިއުތިރާފްވުމުން އަމަލުކުރާނެ ގޮތް ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި އެބަ އޮތް ކަމަށެެވެ.
މި މައްސަލައިގައި ސާލިމް ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އަދަބު ކުޑަކޮށްދޭން އެދިފައެވެ. ނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވީ ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރަށްމަރު ހިފަންކަމަށެވެ. އެހެންކަމުން ދައުލަތުން ނިންމައިފައިވަނީ އިއުތިރާފްގެ އެއްބަސްވުމެއް ނުހެދުމަށެވެ.
ސާލިމް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމައެވެ.