އެމްޑީޕީތެރޭގައި އެއްވެސް ފެކްޝަނެއް ވެސް ބައިބައިވުމެއް ވެސް ނެތްކަމަށް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބުރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ މާފަންނު ހުޅަގު ދާއިރާގެ މެންބަރު އަބްދުﷲ އަބުދުއްރަހީމް އެމްޑީޕީން ވަކިވެ ވަޑައިގެން އަލުން ޑީއާރްޕީއަށް ސޮއި ކުރެއްވުމަށްފަހު އެމްޑީޕީގެ ތެރޭގައި ފެކްޝަން އުފެދިފައިވާ ކަމަށައި އަންނަ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީއަށް ކާމިޔާބު ނުވާ ދަރަޖައަށް ޕާޓިތެރޭގައ ކަންކަން ގޯސްވެފައިވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

އާންމުކޮށް އަޑު ހަރުކޮށް ވާހަކަފުޅު ދައްކަވާ އަބްދުﷲ އަބްދުއް ރަހީމަށް ރައްދު ދެއްވައި މަޑުމައިތި ކަމަށް ލޯބި ކުރައްވާ އިބޫ މިރޭ ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި އެ ޕާޓިގައި އެއްވެސް ފެކްޝަނެއް އުފެދިފައި ނުވާކަމަށެވެ. ޕާޓީގެ ގުނަވަންތައް ބަރާބަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެމްޑީޕީއަކުނެތް އެއްވެސް ފެކްޝަނެއް. ހަގީގަތުގައި ވެސް އެމްޑީޕީ މަސައްކަތް ކުރަމުން ގެންދަނީ ބަރާބަރަށް. އެމްޑީޕީގެ ހުރިހާ ގުނަވަންތައް ވެސް ބަރާބަރަށް ހަރަކާތްތެރިވަމުން އެބަދޭ. އެމްޑީޕީގެތެރައަކު އެއްވެސް ފެކްޝަނެއް ނެތް،" އިބޫ ތަކުރާރު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރަސީ އަށަގެންފައިވާ ޕާޓީއަކަށް ވުމާއެކު ކަންކަމުގައި ހިޔާލުތަފާތުވުންތަކެއް ހުންނާނެ ކަމަށާއި އެ ފުރުސަތު ކޮންމެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ވެސް އޮންނާނެ ކަމަށެވެ.
"ގައުމީ މަޖިލިސް ކަމަށް ވިޔަސް. ގައުމީ ހިންގާ ކޮމިޓީކަމަށް ވިޔަސް ޕާލިމެންޓްރީ ގުރޫޕްކަމަށް ވިޔަސް މެންބަރަކު ފާޅުކުރަން ބޭނުންވާ ހިޔާލު ފާޅުކުރުމުގެ ފުރުސަތު އޮންނާނެ. އޭގެ މާނައަކީ [ފެކްޝަންތަކެއް އުފެދުމެއް ނޫން[. އެމްޑީޕީގައި ފެކްޝަން ތަކެއް އުފެދިގެން އުޅޭކަމަށް ގަބޫލެއް ނުކުރަން،" އިބޫ ވިދާޅުވި އެވެ.

އެމްޑީޕީގެ އިސް ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ނަމުގައި ކުރައްވާ ކަންކަން ކުރައްވަމުން ގެންދަނީ ޕާޓީގެ އެތެރޭގެ އުސޫލުތަކާއި އެއްގޮތަށް ކަމަށާއި ނަޝީދު ކުރައްވާ ކަންތައްތަކަކީ އެމްޑީޕީގެ ތާއީދާއެކު ކުރިއަށް ގެންދާ ކަންކަން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ޑީއާރްޕީގެ ޓިކެޓްގައި މަޖިލިސް ގޮނޑިއަށް ހޮވިވަޑައިގެން ޑީއާރްޕީން ވަކިވެ ވަޑައިގަތުމަށްފަހު "ހިތާއި ރޫހުން އެމްޑީޕީއަށް ގުޅުނު" ކަމަށް ވިދާޅުވި އަބްދުﷲ އަބުދުއްރަހީމް މިއަދު ޑީއާރްޕީގެ އޮފީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އޭނާ އެމްޑީޕީން ވަކިވެ ވަޑައިގެން ޑީއާރްޕީއާ ގުޅުނީ އެމްޑީޕީގެ އިސް ފަރާތްތަކުގެ ފިކުރާއި އޭނާގެ ފިކުރާއި ދިމާނުވާތީ ކަމަށާއި ސިޔާސީ މަޝްރަހުން ފެންނަ ކަންތައްތަކުން ރައްޔިތުން އެމްޑީޕީއަށް މާބޮޑު ތާއީދެއް ނުކުރާނެ ކަމަށް ގަބޫލުފުޅު ކުރެވޭތީ ކަމަށެވެ.