02 Aug 2022, 13:58
ހާޓްއެޓޭކެއް ޖެހިގެން ކުޑަހުވަދޫ ޒުވާނަކު އިތުރު ފަރުވާއަށް މާލެ ގެންނާނެ ގޮތެއް ނެތިގެން އެ ރަށު ރައްޔިތުން ކުރި އިހުތިޖާޖުގައި މިއަދު ހެނދުނު ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގާ އެކަކު ހައްޔަރު ކޮށްފިއެވެ.
އެރަށުން މި ނޫހާ ވާހަކަ ދެއްކި މީހަކު ބުނީ ފުލުހުންނާ ކުރިމަތިލުން ހިނގާ އެކަކު ހައްޔަރު ކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި މިހާރު އިހުތިޖާޖު ހުއްޓާލާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެރަށު ރައްޔިތުން އިހުތިޖާޖު ކުރުން ހުއްޓާލާފައިވަނީ މަންތާ އެއާލައިނުގެ އިސްވެރިން މާދަމާ ހަވީރު 04:00 ގައި އެރަށަށް ގޮސް ރައްޔިތުންނާ މަޝްވަރާ ކުރަން ނިންމުމުން ކަމަށް ވެސް އޭނާ ބުންޏެވެ.
ކުޑަހުވަދޫގައި އެއާޕޯޓެއް އޮތްނަމަވެސް އެންމެ ބޭނުން ޖެހޭ އަދި އެމަޖެންސީ ވަގުތުތަކުގައި އޭގެ ބޭނުމެއް ނުހިފޭކަމަށާއި އަދި އެކަމަށް ހައްލެއްވެސް ނާންނަ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.
އެ ރަށު ކައުންސިލު މެންބަރު އަބްދުﷲ ޖަމީލު 'ސަން' އަށް ވިދާޅުވީ އެއީ އިއްޔެ ނުވަތަ މިއަދު ވާކަމެއް ނޫން ކަމަށެވެ. އެއާޕޯޓު އެންމެ ފުރަތަމަ ހުޅުވި ދުވަހުން ފެށިގެން މިއަދާ ހިސާބަށް އައިރުވެސް އެންމެ އެމަޖެންސީ ވަގުތުތަކުގައި ބަލި މީހާ މާލެ ގެނެވޭ ގޮތެއް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
"މިތާ ބޮޑު އެއާޕޯޓެއް އޮވޭ. އޮޕަރޭޓުވެސް ކުރޭ. އެކަމު މަންތާގެ ފްލައިޓުތައް އޮންނަ އިރުވެސް ބަލި މީހާ އެންމެ ހާލުދެރަވާ ވަގުތުތަކުގައިވެސް އަދިވެސް މިއުޅެނީ މާލެ ގެންދެވޭނެ އިތުރު ގޮތެއް ނެތިގެން. އެންމެ ކުރިންވެސް ރައްޔިތުން ދައްކާ މިވާހަކަ. ޝަކުވާވެސް ކުރޭ. ހައެއްކަ އަހަރުވީ މިހާރު މި ވާހަކަ ދައްކާތާ." އޭނާ ވިދާޅުވިއެވެ.
ހާޓްއެޓޭކް ޖެހިގެން ރޭ މާލޭ ނުގެނެވިގެން އުޅުނު ޒުވާނާ މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސްފައިވާކަމަށް ކައުންސިލުން ބުނެފައިވެއެވެ.