27 Mar 2012, 21:32
ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ތަރައްގީ ކުރާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތަރައްގީގެ މަޝްރޫއުތައް ހަލުއި ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހާވާލުކޮށްގެން ތަރައްގީ ކުރަން ސަރުކާރުން ނިންމައިފި އެވެ.
މިގޮތަށް ނިންމީ ވަޒީރުންގެ މަޖިލީހަށް ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްފަހު އެވެ. އެގޮތުން ށ. ފުނަދުއާއި ތ. ތިމަރަފުށީގެ ވައިގެ ބަނދަރުތައް، ވީހާ އަވަހަކަށް ތަރައްޤީ ކުރަން ވަޒީރުންގެ މަޖިލީހުން ވަނީ މިއަދު ނިންމާފަ އެވެ.
އާސަންދައިގެ ޚިދްމަތް ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދިނުމާ ބެހޭގޮތުން، ހެލްތް މިނިސްޓްރީން ހުށަހެޅި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްފަހު، ސިއްހީ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ކްލިނިކްތަކަށް އެއް ހަމައަކުން، އެއްތަން އަނެއްތަނާ ތަފާތުނުކޮށް ހުއްދަ ދިނުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ނިންމެވިއެވެ. އަދި ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން، 15 މެއި 2012 އިން ފެށިގެން އާސަންދައިގެ ޚިދުމަތް ދިނުމުގެ ފުރުޞަތު، އަމިއްލަ ކްލިނިކްތަކަށް ހުޅުވާލުމަށް ވެސް ވަޒީރުން ރައީސް ވަހީދަށް ލަފާ އެރުވި އެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން، މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ބިންބިމާއި ތަންތަނުގެ ތެރެއިން ރައްޔިތުންނަށް ފަސޭހަކަމާއެކު ހިދުމަތް ދޭންޖެހޭ ގޮތަށް ހަދާފައި ހުރި ތަންތަން، އަލުން އަނބުރާ ހައުސިން މިނިސްޓްރީގެ ދަށަށް ގެންދިއުމަށް ނިންމާ ދަރުބާރުގެއަކީ އިޖްތިމާޢީ، އިޤްތިޞާދީ އަދި ސަރުކާރާއި ދައުލަތުގެ މުހިންމު ބޭނުންތަކަށް، މާލެއާއި މާލޭ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ވަސީލަތަކަށްވާތީ ސިޓީ ކައުންސިލާ ހަވާލު ކުރި ބިންތަކުގެ ދަފްތަރުން ދަރުބާރުގެ އުނިކޮށް، ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމަށް ވެސް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ޔުޓިލިޓީޒް ކުންފުނިތައް އެއް ފުރާޅެއްގެ ދަށުން ހިނގާ ގޮތަށް ހަމަޖައްސައި ލާމަރުކަޒީ އުޞޫލުން ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް އަތޮޅުތަކަށް ދިނުމަށް، މައި އެއްކުންފުނި އުފައްދަން ވެސް މިއަދު ވަނީ ނިންމައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިޒާސްޓާ ރިސްކް ރިޑަކްޝަންގެ ބައި، ޑިފެންސު މިނިސްޓްރީން ހިންގަން ވަނީ ހަމަޖައްސާފަ އެވެ.