01 Aug 2022, 18:24
އާ ދައުރަކަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންގެ މަގާމަށް އާސިމް އަބްދުއްސައްތާރު މިއަދު އައްޔަނުކޮށްފިއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި އާސިމް ވަނީ އާޓް ފެކަލްޓީގެ ޑީންގެ މަގާމަށް ދެވަނަ ދައުރަކަށް ހަވާލުވެވަޑައިގެންފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާސިމް ވިދާޅުވީ އާޓްސް ފެކަލްޓީން ހިންގާ ކޯސްތަކުގެ ފެންވަރު މިހާރަށްވުރެވެސް ރަނގަޅުކުރެވޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން އޭނާގެ އާ ދައުރުގައި ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާއެކުވެސް ގުޅިގެން މަަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު އާ ދައުރަކާ ހަވާލު ވާއިރު އުއްމީދުތަކެއް އެބަހުރި. އަޅުގަނޑު މަސައްކަތް ކުރާނަން ކަމާބެހޭ ހުރިހާ ފަރާތްތަކާއެކުވެސް ގުޅިގެން މަސައްކަތްކޮށް އަދި ކޯސްތައްވެސް މާކެޓް ކުރަން،" އާސިމް ވިދާޅުވިއެވެ.
އާސިމްއަކީ އެޑިއުކޭޝަން އިން މާސްޓާސް ހާސިލުކޮށްފައިވާ ބޭފުޅަކަށް ވާއިރު، އޭނާ ވަނީ 2005 ވަނަ އަހަރު ފެކަލްޓީ އޮފް އެޑިއުކޭޝަންގައި މަސައްކަތް ކުރައްވާފައެވެ. އަދި އެނާ އަކީ އެ ފެކަލްޓީގެ ޑީންގެ މަގާމު ވެސް އަދާކުރެއްވި ތަޖުރިބާކާރު ބޭފުޅެކެވެ.
އެންމެ ފުރަތަމަ ފެކަލްޓީ އޮފް އާޓްސްގެ ޑީންގެ މަގާމާ އޭނާ ހަވާލުވެވަޑައިގަތީ 2018 ވަނަ އަހަރުއެވެ.