ޖޫން މަހު މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ޖުމްލަ 248 މައްސަލަ ރިޕޯޓުކޮށް އެ މައްސަލަތަކަށް އެޓެންޑުވެފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުގައި ވާގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 126 މައްސަލައެއް ޖޫން މަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ.

އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން އިހުމާލުވުމުގެ ޖުމުލަ 28 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

ޖެންޑާއިން އާންމުކުރި މައުލޫމާތުގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 40 މައްސަލައާއި ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 26 މައްސަލައަކާއި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 20 މައްސަލައެއް އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލައަކާއި ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 12 މައްސަލައަކާއި ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި ހަތަރު މައްސަލައަކާއި ގާނޫނާއި ގަވައިދާ ޚިލާފުވުމުގެ އެއް މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ.

ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަކުރެވުނު އަދި ރީއިންޓަގްރޭޓް ކުރެވުނު 196 ކުދިން ހިމެނޭ ކަމަށް ޖެންޑާއިން ބުންޏެވެ.

އޭގެތެރެއިން ޖޫން މަހުގައި ހަތަރު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ކަމަށާއި ހަ ކުއްޖަކު ރީއިންޓަގްރޭޓް ކޮށް އެއް ކުއްޖަކު ފޯސްޓަކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ އެ 248 މައްސަލައަކީވެސް އެ މިނިސްޓްރީން އެޓެންޑުކޮށްފައިވާ މައްސަލަތައްކަށް މިނިސްޓްރީން ބުނެއެވެ.