01 Aug 2022, 16:06
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާ އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް ނިއު ދިއްލީން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރިސެޕްޓޯރިއަމް އެއާފޯސް ސްޓޭޝަންގެ ވައިގެ ބަނދަރުން ދިވެހި ވަފުދަށް މަރުހަބާ ދެންނެވީ އިންޑިއާގެ ފިޝަރީޒް މިނިސްޓަރު، ޑރ. ސަންޖީވް ކުމާރު ބަލްޔާން އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ.
ރައީސް އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެގައުމަށް ވަޑައިގެންފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މަރުޙަބާ ދެންނެވުމުގެ ގޮތުން އިންޑިއާގެ ސަގާފީ ހަރަކާތެއް ވެސް ވަނީ ހުށަހަޅާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންފައިވެއެވެ.
އެ މަނިކުފާނުގެ ދަތުރުފުޅު ނިންމަވާލައްވާ އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 4 ވާ ބުރާސްފަތި ދުވަހުއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުން ދެ ޤައުމުގެ މެދުގައި އޮތް ގާތްގުޅުން ރަމްޒު ކޮށްދޭ ކަމަށެވެ. އަދި އިންޑިއާއަކީ ދިވެހިރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެވެސް މުހިންމު ބައިވެރިއެއް ކަމަށެވެ.
ދިވެހިރާއްޖެއާއެކު އޮތް މި ގުޅުމުގެ ތެރެއިން ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއްގައި އިންޑިއާގެ އެހީތެރިކަން ލިބެމުންދެއެވެ.