01 Aug 2022, 13:47
ފާއިތުވި ހަފްތާގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު އޭގެ ކުރީ ހަފްތާއަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި މަހުގެ 24 ވަނަ ދުވަހުން، ޖުލައި މަހުގެ 30 ވަނަ ދުވަހާ ދެމެދު މާލެ ސަރަހައްދުން 33 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އަތޮޅުތެރޭން 85 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓުތަކާއި، ސަފާރީތަކާއި ސިނާއީ ރަށްތަކުން 65 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
މިދިޔަ ހަފްތާގައި ޖުމްލަ 183 ތިން މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓު ކޮށްފައިވާއިރު އޭގެ ކުރީ ހަފުތާގައި 394 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
މިދިޔަ ހަފުތާގައި 14 މީހުން އެ ބަލީގައި އެނދުމަތި ކޮށްފައިވާއިރު އޭގެ ކުރީ ހަފުތާގައި 28 މީހަކު ވަނީ ކޮވިޑްގެ ސަބަބުން އެނދުމަތިކޮށްފައެވެ.
މިހާތަނަށް މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 184،485 އަށް އަރާފައިވާއިރު ބަލީގައި މަރުވި މީހުންގެ ޖުމްލަ ވަނީ 307 އަށް އަރާފައެވެ.
ޖުލައި މަހުގެ 20 ވަނަ ދުވަހު ކުރެއްވި ޓުވީޓެއްގައި އައިޖީއެމްއެޗްގެ ޑރ. އަޙްމަދު ފައިސަލް ވަނީ ކުޑަކުދިންނަށް ކޮވިޑު ޖެހޭ މިންވަރު އިތުރުވެ ކޮވިޑަށް ފައްސިވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ކުޑަކުދިން ބާއްވާ ފަންގިފިލާ ފުރިފައިވާ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ޑރ. ފައިސަލް 'ސަން' އަށް އިއްޔެ ވިދާޅުވީ މިހާރު ކޮވިޑު ޖެހިގެން އެޑްމިޓް ކުރާ ކުޑަކުދިންގެ އަދަދު މަދުކަމަށެވެ. އޭގެ އެއް ސަބަބަކަށް ޗުއްޓީއަށް ގިނަ ކުދިން މާލެއިން ބޭރަށް ގޮސްފައިވުން ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.