ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓް ހިންގުން މުޙައްމަދު ހިސާން ޢަލީ ފަހުމީއާ ހަވާލުކޮށްފިއެވެ.

ހިސާނަށް ކޮމިއުނިކޭޝަންސް އޮފީސް ހަވާލުކުރުމުގެ ކުރިން އެ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވީ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހީމް ހޫދުއެވެ.

ކޮމިއުނިކޭޝަންސް އޮފީހުގެ ހެޑު ކަމުން ދުރުވިކަން ހޫދުވަނީ ރައީސް އޮފީހުގެ މީޑިއާ ގުރޫޕުގައި ހިއްސާކުރައްވާފައެވެ. އެގޮތުން މިއަދުން ފެށިގެން ކޮމިއުނިކޭޝަންސް އޮފީސް ހިންގުމާއި ހަވާލުވެ ހުންނާނީ ހިސާން ކަމަށް އޭނާގެ މެސެޖުގައިވެއެވެ.

މީގެ އިތުރުން ހޫދު ދެން މަސައްކަތް ކުރައްވާނީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހުގައި ކަމަށް ހޫދުގެ މެސެޖުގައިވެއެވެ.

ހޫދުއަށް ކޮމިއުނިކޭޝަންސް އޮފީސް ހިންގުން ހަވާލުކުރީ އޭރު އެ މާގާމުގައި ހުންނެވި ހަސަން އިސްމާއިލު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އޭގެ ކުރިން އޭނާ ހުންނެވީ ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުގައެވެ.