27 Mar 2012, 17:27
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އުފައްދަވާފައިވާ ގައުމީ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތައް ސީދާ ސިޓީ ކައުންސިލްތަކުން ކުރާ ގޮތަށް ނިންމުމަށްފަހު، އެ އިދާރާތައް މިއަދު ފެށިގެން ބަންދުކޮށްފި އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ ލޯކަލް ކައުންސިލްތައް އުފެދުމާ ގުޅިގެން، ރާއްޖޭގެ އަތޮޅުތައް ލާމަރުކަޒީ އުސޫލުން ހިންގަމުން އަންނަ އިރު ގައުމީ އިދާރާތައް ހުރުމުން ލާމަރުކަޒީ އުސޫލުން އަތޮޅުތަކުގެ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދަތިތަކަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.
އަބްދުﷲ ވިދާޅުވީ ގައުމީ އިދާރާތައް ބަންދުކޮށްފައި ވަނީ ވަގުތީ ގޮތުން ކަމަށާއި އެތަންތަން ބަންދުކުރުމުގެ ކުރިން އެތަންތަނުގެ އޮޑިޓް ރިޕޯޓެއް ހަދާފައިވާ ކަމަށެވެ. އޭގެ ސަބަބުން އެއިދާރާތަކުން ކުރަމުން ދިޔަ މަސައްކަތްތައް ކައުންސިލްތަކަށް ބަދަލުކުރުމުގައި ފަސޭހަތަކެއް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ގައުމީ އިދާރަތަކުގައި މަސައްކަތް ކުރަމުން އަންނަ ގާތްގަނޑަކަށް 150 ސިވިލް ސާވަންޓުން އެ މުވައްޒަފުންނާ ގުޅުން ހުރި ސިވިލް ސާވިސްގެ ދާއިރާތަކަށް ބަދަލުކުރުމަށް ހޯމް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
"މި ސަރުކާޒުގެ އަމާޒަކީ ވީހާވެސް އަވަހަށް ލުއި ފަސޭހަގޮތެއްގައި ރައްޔިތުންނަށް ހިދުމަތް ދިނުން. ގައުމީ އިދާރާތައް ހުރުމުން އިތުރު އޮޅިގަނޑެއް ގިރާކޮށްފައި ރައްޔިތުންނަށް ހިދުމަތް މިލިބެނީ. ގައުމީ އިދާރާތަކުގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ސިވިލް ސާވިސްގެ ތެރެއިން ވަޒީފާދިނުމާ ބެހޭ ކަންތައްތައް ކުރަމުން މިގެންދަނީ،" އަބްދުﷲ ވިދާޅުވި އެވެ.
ރާއްޖޭގެ ހަތް ސަރަހައްދަކަށް ބަހާލުމަށްފަހު އެކޮންމެ ސަރަހައްދެއްގައި ކުރީގެ ސަރުކާރުން ވަނީ ގައުމީ އިދާރާއެއް ގާއިމްކުރުމަށްފަހު، އެތަންތަން ހިންގެވުމަށް ސްޓޭޓް މިނިސްޓަރުން ލައްވާފަ އެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާ އެކު އެމަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުން ވަނީ ވަކިކޮށްފަ އެވެ.