ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ހަތަރު ދުވަހުގެ އެ ދަތުރުފުޅަށް ރައީސް ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް ރައީސް އިންޑިއާއަށް ކުރައްވާ އެ ދަތުރުފުޅަކީ އެގައުމުގެ ބޮޑުވަޒީރު ނަރެދަރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ އެ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރު މޯދީ އާއި، އިންޑިއާގެ ރައީސް، ދްރައުޕަތީ މުރްމު އާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު، އެ ދަތުރުފުޅުގައި ދެޤައުމުގެ ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ކުރެއްވުމާއި ދެޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކަށް ފަހުގައި، ދެޤައުމުގެ އިސްވެރިން ގުޅިފައިވާ ނޫސްބަޔާނެއް ދެއްވަވަންވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާއިވެސް ރައީސް ބައްދަލު ކުރައްވާނެއެވެ. އެގޮތުން ދިއްލީ އާއި މުމްބާއީގައިވެސް ބިޒްނަސް ފޯރަމްތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ރައީސްގެ އެ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މުމްބާއީއަށް ޒިޔާރަތް ކުރައްވައި މަހާރަޝްތުރަގެ މޭޔަރާއި ބައްދަލުކުރައްވައި، މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވާނެއެވެ. އަދި ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމެންޓާއި ބައްދަލު ކުރައްވައި މަސައްކަތްތައް ހިނގާނުހިނގާ ގޮތްވެސް ރައީސް ބައްލަވާލައްވަން ވަނީ ހަމަޖެހިފައެވެ.

ރައީސްގެ އެ ދަތުރުފުޅުގައި ތިލަމާލޭ ބްރިޖުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މާދަމާ ދިއްލީގައި ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އިންޑިއާއަށް ރައީސް ކުރައްވާ ރަސްމީ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެވަޑައިގަންނަވާނީ އަންނަ ބުރާސްފަތިދުވަހުއެވެ.