މީޑިއާތަކުން ޚަބަރާއި މައުލޫމާތު ގެނެސްދޭއިރު، އަޚުލާގީ މިންގަނޑާ އެއްގޮތަށް އެ މައުލޫމާތެއް ފޯރުކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

މީޑިއާ ކައުންސިލުން މިއަދު ބުނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ޤާނޫނު އަސާސީން ލިބިދީފައިވީހިނދު، އެ މިނިވަންކަމުގެ ހައްޤަކީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާއިއެކު ބޭނުންކުރަންޖެހޭނެ ހައްޤެއް ކަމުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިންނާއި މީޑިއާތަކުން އެ ހައްޤު ބޭނުން ކުރުމުގައި އެ ކައުންސިލްގެ ޤާނޫނާއި ޤަވާއިދަށާއި އަދި ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާގީ މިންގަޑާއި އެއްގޮތަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ނޫސްވެރިންނާއި މީޑިއާތަކަށް އިލްތިމާސް ކޮށްފައެވެ.

މީޑިއާ ކައުންސިލުން ބުނީ ޚާއްސަ ގޮތެއްގައި އާންމު ފަރުދުންގެ އަބުރަށް ނުވަތަ ހައްޤަކަށް އުނިކަމެއް އަތުވެދާނެފަދަ، މައުލޫމާތަކަށްވާނަމަ، އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ އެ މައުލޫމާތެއް ފެތުރުމަކީ މީޑިއާ ކައުންސިލްގެ ޤާނޫނާއި ދިވެހި މީޑިއާގެ އާންމު ހަމަތަކާ ވެސް ޚިލާފުކަމެއްކަމަށެވެ. އަދި ޚަބަރު ފެތުރުމުގައި އެކަމެއްގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ ވެސް ބަސް ހިމަނައިގެން ޚަބަރާއި މައުލޫމާތު ޝާއިއުކުރުމަށް ކައުންސިލްގެ ޤަވާއިދުން މީޑިއާތަކަށް ލާޒިމުކުރާކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

އެހެންކަމުން ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާގީ މިންގަނޑުގައި މީޑިއާގެ ވަސީލަތްތަކުގައި ޝާއިއު ކުރާ ޚަބަރާއި މައުލޫމާތަކީ ސައްހަ ތެދު މައުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުމަށް ނޫސްވެރިންނާއި މީޑިއާ ތަކަށް ކައުންސިލުން އިލްތިމާސް ކުރެއެވެ. އަދި އިސްލާމް ދީނާއި ޚިލާފު ޚަބަރާއި މައުލޫމާތާއި، މުޖުތަމައުގެ އާންމު އަޚުލާގީ މިންގަނޑާ ޚިލާފު މައުލޫމާތާއި ޚަބަރު ނުފެތުރުމަށާއި، ސައްހަ މަސްދަރުތަކުން ހޯދާ މައުލޫމާތާއި ޚަބަރު ނޫނީ ނުފެތުރުމަށް ވެސް މީޑިއާ ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.