27 Mar 2012, 16:42
މަޖިލީހުގެ ގަވައިދަށް ގެންނަންޖެހޭ ބައެއް އިޞްލާހްތައް ގެނައުމުގައި މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ މެދުގައި އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް އަންނަ ހަފުތާގެ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ނިންމަވައިފި އެވެ. އެ ދުވަހުގެ ޖަލްސާގެ އެޖެންޑާ އަންނަ ބުރާސްފަތި ދުވަހު މެންބަރުންނަށް ފޮނުއްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުންޏެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް އާންމު ކޮމެޓީއާ ހަވާލު ކުރުމަށްފަހު މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޝާހިދު ގަސްތުކުރައްވާ ކަމަށެވެ. އަދި ގައިވާއިދަށް ގެންނަ އިސްލާހުތައް ދިރާސާ ކުރެއްވުމަށްފަހު މަޖިލީހުގެ ރައީސަށް ރިޕޯޓް ފޮނުއްވެވުމާ ހަމައަށްވެސް މަޖިލީހުން ކުރެވެން ހުރި އެހެން މަސައްކަތްތައް ޖަލްސާތައް ބާއްވައިގެން ވެސް ގެންދަވާނެ ކަމަށް ޝާހިދު ވިދާޅުވި ކަމަށެވެ.
މަޖިލީހުން ބުނީ އަންނަ ހޯމަ ދުވަހު ޖަލްސާ ބޭއްވުމަށް ނިންމެވީ މަޖިލީހުގެ ގަވައިދަށް ގެންނަން ފެންނަ އިޞްލާހުތައް ގެނައުމާ ބެހޭގޮތުން ޕާޓީ ތަކުގެ ލީޑަރުންނާއި އެކު ބޭއްވި މަޝްވަރާތައް ވިލަރެސް ކޮށްދެއްވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމާ މަޖިލީހުގެ ރައީސް ޝާހިދު ބައްދަލު ކުރެއްވުމަށްފަހު ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސް މިކަމުގައި ކޮށްދެއްވި މަސައްކަތްޕުޅުތަކަށާއި ޕާޓީ ތަކުގެ ލީޑަރުން މަޝްވަރާތަކުގައި ދެއްވި އެއްބާރުލެއްވުމަށް މަޖިލީހުގެ ރައީސް ޝުކުރުއަދާ ކުރައްވާ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
ނާޒިމް ދިޓީވީގައި ދާދިފަހުން ވިދާޅުވެފައި ވަނީ މަޖިލިސް ޖަލްސާތައް ގަދަބާރުން ހުއްޓުވުމުގެ ފުރުސަތު ދެން ނުދެއްވާނެ ކަމަށާއި ގަދަބާރުން މަޖިލިސް ހުއްޓުވުމަށް މަސައްކަތް ކުރާނަމަ އެއީ ދައުލަތުގެ މަގާމަކަށް އައްޔަންކޮށްފައިވާ މަޖިލީހުގެ ރައީސްގެ ވާޖިބަށް ހުރަސް އެޅުން ކަމަށެވެ.
"މިގޮތަށް މަޖިލިސް ގަދަބާރުން މެދުކަނޑާލުމުގެ ފުރުސަތު ދެން ދެވޭކަން ނެތް. ރިޔާސަތު ބަލަހައްޓާ މީހެއްގެ ހައިސިއްޔަތުން މިދަންނަވަނީ މަޖިސް ހިންގުމަށް ހުރަސް އެޅުމަކީ ދައުލަތުގެ މަގާމަކަށް އައްޔަންކޮށްފައިވާ މަޖިލީހުގެ ރައީސްގެ ވާޖިބަށް އެޅޭ ހުރަހެއް އެއީ. އެގޮތަށް ހުރަސްއެޅުމުގެ ފުރުސަތު ކުރިއަށް އޮތް ތާނގައި އެއްވެސް ގޮތަކަށް ދޭކަން އަޅުގަނޑުމެން ގަސްތެއް ނުކުރަން،" މަޖިލިސް ހުޅުވުމަށް ހުރަސްއެޅުވުމުގެ ގޮތުން އެމްޑީޕީގެ މެންބަރުން ކުރެއްވި އަމަލުތައް ދެން ތަކުރާރުވިޔަ ނުދޭނެ ކަމަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވި އެވެ.